ރިޔާސީ އިންތިޚާބުގައި ލޯފަން މީހުންނަށް އަމިއްލައަށް ވޯޓު ލެވޭނެ އިންތިޒާމް ހަމަޖައްސަނީ

ރިޔާސީ އިންތިޚާބުގައި ފެނުމުގެ ނުކުޅެދުންތެރިން ހުންނަ ފަރާތްތައް އަމިއްލައަށް ވޯޓު ލެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް އިލެކްޝަންސް ކޮމިޝަން އިން ކުރާނެ ކަމުގެ ޔަގީންކަން ދީފި-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި, ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަމިއްލައަށް ވޯޓު ލެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ކުރާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ބްލައިންޑް އެސޯސިއޭޝަންއިން ބުނެފިއެވެ.

މިއަދު އެ އެސޯސިއޭޝަނުން ވަނީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓުލުމުގައި ދިމާވާ ގޮންޖެހުންތައް ހިއްސާ ކުރުމަށް އީސީގެ މެމްބަރުންނާ ބައްދަލުކޮށްފައެވެ. އެ ބައްދަލުވުމުގައި، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން އަމިއްލައަށް ވޯޓުލުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް އެ އެސޯސިއޭޝަންގެ ރައީސް އަލީ ޝަމީމް ވިދާޅުވިއެވެ.

'ސަން'އަށް ދެއްވި އިންޓަވިއުއެއްގައި ޝަމީމް ވިދާޅުވީ ރާއްޖޭގައި ވަރަށް ގިނަ އިންތިޚާބުތަައް ބޭއްވި ނަމަވެސް އެ އިންތިޚާބުތަކުގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަމިއްލައަށް ވޯޓު ލުމުގެ ފުރުސަތު ނޯންނަ ކަމަށެވެ. އެކަމާ ގުޅިގެން އެފަދަ ފަރާތްތަކުގެ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ އެކަމާ ގުޅިގެން 2017 ވަނަ އަހަރުން ފެށިގެން އިލެކްޝަންސް ކޮމިޝަނާއެކު އެ އެސޯސިއޭޝަނުން މަޝްވަރާކޮށް، ކަންބޮޑުވުންތައް ހިއްސާ ކުރަމުންދާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ވެސް އޮންލައިން ބައްދަލުވުންތަކެއް ބޭއްވި ކަމަށް ޝަމީމް ވިދާޅުވިއެވެ. ނަމަވެސް އެ މައްސަލަތައް ހައްލު ކުރަން މިފަހަރުގެ ބަޖެޓުގައި އުނދަގޫތަކެއް ހުރި ކަމަށް އިލެކްޝަނުން އިއުލާނު ކުރުމުން އެކަން ވަރަށް ބޮޑު ކަންބޮޑުވުމަކަށްވި ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެން މިފަހަރުގެ އިންތިޚާބާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް ބޭއްވި ޕްރެސްގައި އަޅުގަނޑުމެންނަށް މި އަޑުއިވުނީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަަށް އަމިއްލައަށް ވޯޓު ލުމަށްހުރި ދަތިތަކާ ގުޅޭ ގޮތުން ބަޖެޓުގައި ދަތިކަން ހުރި ވާހަކަ،" ޝަމީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މާބޮޑު ޚަރަދުތަކެއް ނުކުރިޔަސް، އެ ކަންކަން ހައްލު ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މިދިޔަ އަހަރު ވެސް އީސީގެ މެމްބަރުންނާ މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

އިތުރަށް ވާހަކަދައްކަވަމުން ޝަމީމް ވިދާޅުވީ ފެނުމުގައި ނުކުޅެދުންތެރިކަން ހުންނަ ވަރަށް ގިނަ މީހުން ލައްވާ ގަދަކަމުން ވޯޓު ލެއްވުމަކީ ވެސް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.

"އަޅުގަނޑު ހަމަ ވަރަށް ހިތާމަޔާއެކު ފާހަގަކޮށްލަން އަޅުގަނޑުމެންގެ ބައެއް ކުދިން ވޯޓު ލާން ބޭނުންނުވެ ހުއްޓާ އެކުދިން ގަދަކަމުން ގެންގޮސްގެން، އެކުދިން ރޮއެރޮއެ ތިއްބާ، މައިންބަފައިން ނުވަތަ ނުފޫޒުގަދަ ބަޔަކުވެގެން އެކުދިން ލައްވާ ވޯޓު ލައްވާފަ،" އޭނާ ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި އެ ހުރިހާ ކަންބޮޑުވުމެއް ވެސް ހިއްސާ ކޮށްފައިވާނެ ކަމަށެވެ. އަދި އެ ބައްދަލުވުން ދިޔައީ ވަރަށް ރަނގަޅަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލާނީ އަމިއްލައަށްކަން ޔަގީންކޮށް އެކަމުގައި ހުރި ދަތިތައް ހައްލުކުރުމަށް އިލެކްޝަނުން ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެ ކޮމިޝަނުން މިއަދު ދީފައިވާ ކަމަށެވެ.

ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު ނުވަވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު އެ އިންތިޚާބުގައި ދެވަނަ ބުރެއް ބާއްވަން ޖެހޭނަމަ އެ ވޯޓުލުން އޮންނާނީ 30 ސެޕްޓެމްބަރުގައެވެ. މި އަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވުމަށް 90 މިލިއަން ރުފިޔާ ބަޖެޓުގައި ކަނޑައަޅާފައިވެއެވެ.

comment ކޮމެންޓް