މަހިބަދޫ ބަލިކޮށް މާމިގިލިން އދ. އަތޮޅުގެ ތަށި އުފުލާލައިފި

މާމިގިލިން އދ. އަތޮޅުގެ ތަށި އުފުލާލަނީ --- ފޮޓޯ/ ސިޑިބަރި

ގޯލްޑެން ފުޓްސަލް ޗެލެންޖު 2023ގެ އދ. އަތޮޅުގެ ފައިނަލް މެޗުގައި މަހިބަދޫ ބަލިކޮށް މާމިގިލިން ތަށި އުފުލާލައިފިއެވެ.

މިއަދު ހަވީރު ހުޅުމާލެ ރެހެނދި ޓާފު ދަނޑުގައި ކުޅުނު އދ. އަތޮޅުގެ ފައިނަލް މެޗު މާމިގިލިން ކާމިޔާބުކުރީ 3-2ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނުނު އެ މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހިއެވެ. ނަމަވެސް ދެވަނަ ހާފު ފަށައިގެން މަހިބަދޫން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން އަބްދުﷲ މިދުހަތު ފަހުމީ ކާމިޔާބުކުރި ގޯލެކެވެ.

ނަމަވެސް މާމިގިލީގެ ކުޅުން ރަނގަޅުކޮށް ދެވަނަ ހާފުގެ 13 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މަހިބަދޫ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން އެ ގޯލު ކާމިޔާބުކުރީ އަހުމަދު ނިޒާމްއެވެ. އޭގެ މިނެޓެެއް ފަހުން މާމިގިލިން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލު ކާމިޔާބުކުރީ ވެސް ނިޒާމްއެވެ.

ނަމަވެސް މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް މަހިބަދޫން ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ހާފު މެދުން މާމިގިލީ ގާސިމް ސަމާމް ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައިވަނިކޮށް މާމިގިލިން ވަނީ އަނެއްކާ ވެސް ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ އިބްރާހިމް މައިސާން ނެގި ހުރަހަކުން ހިސާމް ސަލީމް ބޮލުން ކާމިޔާބުކުރި ގޯލެކެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖު 2023 ގެ ހުރިހާ މެޗެއް "އެސްއެސް ޓީވީ"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.

މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މި ފަހަރުގެ މުބާރާތްވެސް ކުރިއަށްދާނީ ކުރިންވެސް މުބާރާތް ކުރިއަށް ގެންދިޔަ އުސޫލުންނެވެ. ފުރަތަމަ އެ އަތޮޅެއް ނިސްބަތްވާ އަތޮޅު ބުރެއް ކުޅެން ޖެހޭއިރު އެ ބުރުން އެންމެ މޮޅު ޓީމުތައް ވާދަކުރަން ޖެހޭނީ ޒޯން ބުރުގައެވެ. ޒޯން ބުރުން އެންމެ މޮޅު 16 ޓީމު ދެން ވާދަކުރަން ޖެހޭނީ މުބަރާތުގެ ގަދަ 16ގައެވެ. އަދި އެ ބުރުން ކާމިޔާބު ހޯދާ ޓީމުތައް ކުއާޓާ، ސެމީ އަދި ފައިނަލް ކުޅެ މުބަރާތުގެ އެންމެ މޮޅު ޓީމެއް ހޮވޭނެއެވެ. އެ މުބާރާތުގެ ހުރިހާ މެޗެއް ކުޅޭނީ ހުޅުމާލެ ރެހެންދި ޓާފު ދަނޑުގައެވެ.

މިއަހަރު ކުޅޭ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ސަން ސިޔާމް މީޑިއާއެވެ.

comment ކޮމެންޓް