ތުރުކީ ބިންހެލުން ކަވަރު ކުރި ތިން ބްރޯޑްކާސްޓަރަކު ޖޫރިމަނާކޮށްފި

ތުރުކީ ބިންހެލުންތަކުގައި ލިބުނު ގެއްލުން -- ފޮޓޯ/ ގެޓީ އިމޭޖަސް

ތުރުކީގެ ހުޅަނގު ދެކުނަށް މިމަހުގެ ހަވަނަ ދުވަހު އައި ބާރުގަދަ ބިންހެލުން ކަވަރު ކުރުމަށް އުޅުނު އެ ގައުމުގެ ތިން ބްރޯޑްކާސްޓިން ޗެނަލް ޖޫރިމަނާކޮށްފިއެވެ.

ޖޫރިމަނާ ކޮށްފައިވަނީ ތުރުކީގެ ހަލްކް ޓީވީއާ، ޓެލެ 1 އާއި ފޮކްސް ނިއުސްއެވެ.

މި ތިން ބްރޯޑްކާސްޓިން ޗެނަލް ޖޫރިމަނާ ކޮށްފައިވަނީ، ބިންހެލުމާ ގުޅިގެން ތުރުކީ ސަރުކާރުން އެޅި ބައެއް ފިޔަވަޅުތަކަށް ފާޑުކިޔުމާ ގުޅިގެންނެވެ.

ތުރުކީގެ މީޑިއާތައް ޒިންމާދާރުކުރުވާ މުވައްސަސާ ކަމަށްވާ ރޭޑިއޯ އެންޑް ޓެލެވިޒަން ސުޕްރީމް ކައުންސިލް (އާރުޓީޔޫކޭ)ގެ މެމްބަރަކު ވިދާޅުވި ގޮތުގައި ހަލްކް ޓީވީ އާއި ޓެލެ 1 ޗެނަލް ޖޫރިމަނާކޮށްފައި ވަނީ އެ ދެ ޗެނަލްއަށް މިދިޔަ މަހު ލިބުނު އާމްދަނީގެ ފަސް ޕަސެންޓް ދައްކަން ޖެހޭ ގޮތަށެވެ.

މީގެ އިތުރުން އެ ދެ ޗެނަލްގެ ޕްރޮގްރާމްތަކުގެ ތެރެއިން އެއް ޕްރޮގްރާމް ފަސް ދުވަހަށް ސަސްޕެންޑް ކުރަން ވެސް ވަނީ ނިންމާފައެވެ.

އެ މެމްބަރު ވިދާޅުވި ގޮތުގައި ފޮކްސް ޓީވީއިން ޖޫރިމަނާ ކޮށްފައި ވަނީ މިދިޔަ މަހުގެ އާމްދަނީއިން ތިން ޕަސެންޓް ދައްކާ ގޮތަށެވެ.

މިކަމާ ގުޅިގެން، ތުރުކީގެ ނޫސްވެރިންގެ ޖަމިއްޔާގެ ވެރިޔާ ނަޒްމީ ބިލްގިން ވިދާޅުވީ އެ ނިންމުމަކީ ޓީވީ ބަލާ މީހުންނާ ދެކޮޅަށް ހިންގި "ޖަރީމާ"އެއް ކަމަށެވެ. އަދި މި އަދަބުތައް ދިނުމަކީ، ބިންހެލުމުގެ ޚަބަރާއި މައުލޫމާތު ލިބިގަތުމަށް އޮންނަ ހައްގަށް އަރައިގަތުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދަ ގާޑިއަން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ތިން ޗެނަލް މަޝްހޫރުވެފައިވަނީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދްޢާން އަށް ފާޑުކިޔާ ޗެނަލްތަކެއްގެ ގޮތުގައެވެ. އަދި ހަލްކް ޓީވީ އަކީ ތުރުކީގެ މައި އިދިކޮޅު ސިޔާސީ ޕާޓީއާ ވަރަށް ބޮޑަށް ގުޅިފައިވާ ޗެނަލެކެވެ.

ދެހާސް ސޯޅަ ވަނަ އަހަރު ތުރުކީގައި ނާކާމިޔާބުވި ބަޣާވާތަށް ފަހު އުރުދުޣާން ވަނީ އެގައުމުގެ ގިނަ މީޑިއާތައް ސަރުކާރާއި ސަރުކާރާ ގުޅުން ހުރި ވިޔަފާރިތަކުގެ ބާރުގެ ދަށަށް ގެންނަވާފައެވެ.

އުރުދުޣާން ގެންދަވަނީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ތިން ވަނަ ދައުރަކަށް ކުރިމަތިލައްވަން ތައްޔާރުވަމުންނެވެ. އަދި ބިންހެލުމަށް ފަހު ސަރުކާރުން އަޅާ ފިޔަވަޅުތަކުން އެމަނިކުފާނުގެ ކެމްޕޭނަށް އަސަރުކުރާނެއެވެ.

އެ ބިންހެލުމުގައި ހާލުގައި ޖެހުނު ގިނަ ނިކަމެތި އާއިލާތަކުގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ. އެގޮތުން، އެހީ ފޯރުކޮށްދޭ ފަރާތްތަކަށް އެމީހުންނާ ހަމައަށް ވާސިލް ނުވެވުމާއި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ނުކުރެވުމުގެ މައްސަލަތަކުގައި އާންމުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

ރިޕޯޓާސް ވިތައުޓް ބޯޑާސްއިން ބުނެފައިވާ ގޮތުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ މިންވަރުން ގައުމުތައް ގިންތިކޮށްފައިވާ ލިސްޓުގައި ހިމެނޭ 180 ގައުމުތަކުގެ ތެރެއިން ތުރުކީ އޮތީ 149ގައެވެ.

މިމަހުގެ ހަވަނަ ދުވަހު އައި ބިންހެލުންތަކުގައި ތުރުކީ އާއި ސީރިއާގައި 47،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު ދިހަހާހަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ނެތި ހާލުގައި ޖެހިފައެވެ.

comment ކޮމެންޓް