ހުޅަނގުން ސޫރިޔާއާ ދެކޮޅަށް ގެންގުޅެނީ ހަރުކަށި، އަނިޔާވެރި، ބޭއިންސާފު ސިޔާސަތެއް: ޗައިނާގެ ރައީސް

ބައްޝާރުލް އަސަދާއި އަނބިކަނބަލުން އަސްމާ ޗައިނާއަށް ވަޑައިގަންނަވަނީ

ބެއިޖިން (24 ސެޕްޓެމްބަރު 2023): އެމެރިކާއާއި ޔޫރަޕުން ސޫރިޔާއާ ދެކޮޅަށް ގެންގުޅެނީ ހަރުކަށި އަނިޔާވެރި އަދި ބޭއިންސާފު ސިޔާސަތެއްކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ސިފަކުރައްވައިފިއެވެ.

ޗައިނާގެ އިރުމަތީގައި އޮންނަ ރަށެއް ކަމުގައިވާ ހަންގްޖޯގައި ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ޝީ ވިދާޅުވީ އެމެރިކާއާއި ޔޫރަޕުން ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ބޭއިންސާފު އަނިޔާވެރި ފިޔަވަޅުތަކެއް ކަމަށާއި އެފިޔަވަޅުތަކުގެ ގެއްލުން ލިބެނީ ސޫރިޔާގެ ނިކަމެތި ރައްޔިތުންނަށްކަން ފާހަގަ ކުރައްވާފައެވެ.

ސޫރިޔާއަކީ ދާޚިލީ ހަނގުރާމައަކަށްފަހު އަލުން ބިނާކޮށް އާރާސްތުކުރަން ޖެހިފައިވާ ގައުމަކަށްވާއިރު އެމެރިކާއާއި ޔޫރަޕުން ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ސޫރިޔާ އަލުން ބިނާކޮށް އާރާސްތު ކުރުމަށް ހުރަސްއެޅި ރައްޔިތުން ބިކަ ހާލުގައި އުޅެންޖެހިފައިވާކަން ޝީ ފާހަގަ ކުރެއްވިއެވެ.

ބައްޝާރުލް އަސަދާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޝީ ވަނީ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން އެގައުމު ސުންނާފަތިވެ ރައްޔިތުން ތިބި ނިކަމެތި ހާލަތާމެދު ހަމްދަރުދީ ފާޅުކުރައްވައި، ސޫރިޔާ އަލުން އާރާސްތުކޮށް ބިނާކުރުމަށް ބައްޝާރުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް، މާލީ އަދި ފަންނީ އެހީތެރިކަން ޗައިނާއިން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ބައްޝާރާއި ޝީ ޖިންޕިން ޗައިނާގެ ހަންގްޖޯ ގައި ބައްދަލުކުރައްވަނީ

ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު ޗައިނާއަށް ވަޑައިގެންނެވީ މިދިޔަ ހުކުރުދުވަހުއެވެ. ބައްޝާރާއި އޭނާގެ ވަފްދު ޗައިނާއަށް ވަޑައިގެންނެވީ ޗައިނާގެ ރައީސް ފޮނުއްވި ރިޔާސީ މަތިންދާބޯޓެއްގައެވެ. މިއީ 19 އަހަރަށްފަހު ބައްޝާރު ސޫރިޔާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މި ދަތުރުފުޅުގައި ސޫރިއާ އަލުން ބިނާކޮށް އާރާސްތު ކުރުމުގައާއި ސޫރިޔާގެ އިގްތިސާދު އިނދަޖެހުން ސަލާމަތް ކުރުމަށް ޗައިނާގެ އެހީތެރިކަން ހޯދުން ހިމެނޭކަމަށް ރިޕޯޓްތައް ބުނެއެވެ.

މުހައްލިލުން ވިދާޅުވާގޮތުގައި ރައީސް ބައްޝާރު ޗައިނާއަށް ގެންދަވައި ސޫރިޔާއަށް އެހީވުމަށް ރައީސް ޝީ ޖިންޕިންގް މަސައްކަތް ކުރެއްވުމުގެ ފަހަތުގައިވަނީ ސޫރިޔާގެ އިރުއުތުރުގެ ސަރަހައްދުތަކަށް ގަވައިދާ ޚިލާފަށް އަރައި އެސަރަހައްދުތަކުގައި ފައިހަރުކޮށްލައިގެން އެމެރިކާ އޮންނަ އޮތުމަށް ރައްދު ދިނުމެވެ.

ސޫރިޔާ ސަރުކާރުގެ ކޮންޓްރޯލް ނޯންނަ ސަރަހައްދުތަކަށް ގަވައިދާ ޚިލާފަށް ވަދެގަނެ ކުރުދީ ބާޣީ ޖަމާއަތްތަކާ ގުޅިގެން ސޫރިޔާގެ ދާޚިލީ ކަންކަމާބެހުމަށް އެމެރިކާ ހިންގާ ޣައިރު ގާނޫނީ ހަރަކާތްތަކާ ދެކޮޅަށް ކޮންމެވެސް ސިފައެއްގައި ތެދުވާނެކަމުގެ އިޝާރާތެއް ދިނުމަކީ ބައްޝާރުގެ މިދަތުރުފުޅުން ހާސިލް ކުރަން ޗައިނާ ބޭނުންވާ މަގްސަދެކެވެ.

އެމެރިކާގެ ބާރާއި ނުފޫޒުގެ ދަށުގައިވާ މެދުއިރުމަތީގައި ޗައިނާ ކުރިން އަދާނުކުރާ ދައުރުތަކެއް އަދާކުރުމަށް އެގައުމު ގެންދަނީ މަސައްކަތް ކުރަމުންނެވެ. މީގެތެރެއިން އެންމެ ހަރުދަނާ ފިޔަވަޅަކީ އީރާނާއި ސައޫދީ އަރަބިޔާ ސުލްހަވެރިކޮށް އެދެގައުމުގެ ދެމެދުގައި ގުޅުންތައް އަލުން ގާއިމް ކުރުމެވެ. މިކަންކޮށްފައިވަނީ ޗައިނާ މެދުވެރިއަކަށް ވެގެންނެވެ.

ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި އަށް ލައްކައެއްހާ މީހުން މަރުވެ އެތައް މިލިޔަން ބަޔަކު ޒަޚަމްވެ 10 މިލިޔަނަށްވުރެ ގިނަ މީހުންގެ ގެދޮރުގެއްލި ރެފިއުޖީންނަށް ވެފައިވާއިރު މި ހަނގުރާމަވަނި 10 ވަރަކަށް އަހަރަށް ދިގު ދެމިގެން ގޮސްފައެވެ. މި ހަނގުރާމައިގާ ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކަށާއި ބާޣީ ޖަމާއަތްތަކަށް އެހީތެރިވާ މައިގަނޑު ގައުމަކީ އެމެރިކާއެވެ. ދެން ތުރުކީއާއި ގަލްފުގެ އަރަބި ގައުމުތަކާއި ޔޫރަޕްގެ ގައުމުތަކެވެ.

ނަމަވެސް ދާދިފަހުން ގަތަރު ފިޔަވައި ގަލްފުގެ އެހެން ގައުމުތައްވަނީ ސޫރިޔާގެ ބާޣީންނަށް އެހީތެރިވުން ދޫކޮށްލުމަށްފަހު ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރާ ގުޅުންތައް ގާއިމްކޮށްފައެވެ. ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު ޗައިނާއަށް ވަޑައިގެންނެވުމާ ގުޅިގެން އެމެރިކާގެ ބައެއް މަސްއޫލުވެރިންވަނީ އެކަމާމެދު ކަންބޮޑުވާކަން ހާމަކުރައްވައި ވާހަކަ ދައްކަވާފައެވެ.

comment ކޮމެންޓް