ކަނޑުހުޅުދުއިން ބޮޑު ސަރަހައްދެއް ލޯކަލް ޓޫރިޒަމަށް ދޫކުރަނީ

ގއ. ކަނޑުހުޅުދޫ --- ފޮޓޯ/ އައިލެންޑް ލެޖެންޑްސް

ގއ. ކަނޑުހުޅުދޫގެ ރެހާގަނޑާ ސަރަހައްދު ލޯކަލް ޓޫރިޒަމަށް ކުއްޔަށް ދޫކުރަން އެ ރަށު ކައުންސިލުން ނިންމައިފިއެވެ.

"ސަން" އާ ވާހަކަ ދައްކަމުން އެ ރަށު ކައުންސިލުގެ ރައީސް ތޯރިގް އަފީފް ވިދާޅުވީ އެ ސަރަހައްދު ލޯކަލް ޓޫރިޒަމަށް ކުއްޔަށް ދޫކުރަން ނިންމުމަކީ، އެ ރަށުގައި ލޯކަލް ޓޫރިޒަމް ފެށުމަށްޓަކައި ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.

"އަޅުގަނޑުމެން މި ސަރަހައްދު ކުއްޔަށް ދޫކުރަން މި ނިންމީ އެކްސްޕެރިމެންޓަކަށް. މި ރަށަކީ ލޯކަލް ޓޫރިޒަމަށް ވަރަށް އައު ރަށެއް." ތޯރިގް ވިދާޅުވިއެވެ.

ތޯރިގް ވިދާޅުވީ އެ ބިމަކީ ގާތްގަޑަކަށް 5،000 އަކަ ފޫޓުގެ ފަސް ބިމުގެ ބޮޑު ސަރަހައްދެއް ކަމަށެވެ. އަދި މި މަޝްރޫއާ ގުޅިގެން ޢާންމުންނާ މަޝްވަރާކުރުމަށް ބައްދަލުވުންތަކެއް ބެހެއްޓުމަށް ނިންމާފައިވާ ކަމަށް ވެސް ތޯރިގް ވިދާޅުވިއެވެ.

އެ ސަރަހައްދު ކުއްޔަށް ދޫކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ކައުންސިލަށް ސިޓީ ހުށަހެޅުމުގެ މަސައްކަތެވެ. ސިޓީ ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މި އަންނަ މަހުގެ ފުރަތަމަ ދުވަހުގެ މެންދުރު އެކެއްގެ ކުރިންނެވެ.

ކަނޑުހުޅުދުއަކީ ލޯކަލް ޓޫރިޒަމަށް އައު ރަށެކެވެ. ގާތްގަޑަކަށް 500 އެއްހާ މީހުން ދިރިއުޅޭ އެ ރަށަށް، މާވަރަލު އެއާޕޯޓުން 10 ވަރަކަށް މިނެޓުން ދެވެއެވެ. މި މަޝްރޫއާއެކު ކައުންސިލުގެ އުންމީދަކީ އެ ރަށުގައި ލޯކަލް ޓޫރިޒަމްގެ މަސައްކަތްތައް ފެށުން ކަމުގައި އެ ކައުންސިލުން ބުނެއެވެ.

comment ކޮމެންޓް