ރިޒާ އަކީ އަގުނުކުރެވޭނެ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް: ޕީޕީއެމް

އިބްރާހިމް ރިޒާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އަވަހާރަވުމުން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ތައުޒިޔާ ދަންނަވައިފިއެވެ.

ރިޒާ އަވަހާރަވީ މެލޭޝިޔާގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އޭނާ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވާތާ ދެ އަހަރެއްހާ ދުވަސް ވަނީ ވެފައެވެ.

އެކަމާ ގުޅިގެން ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރިޒާ އަވަހާރަވި ޚަބަރު އެ ކޯލިޝަންގެ އެންމެހައި މެންބަރުން އެހީ ވަރަށްވެސް ފުން ހިތާމައާއި އަސަރާއެކު ކަމަށެވެ.

"އޮނަރަބަލް އިބްރާހީމް ރިޒާ އަކީ މިޕާޓީ އުފެދުނީއްސުރެ މިޕާޓީއަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. އަދި ޑީއާރްޕީ އާއި މިޕާޓީ އުފެއްދުމުގައިވެސް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ." ބަޔާނުގައި ވެއެވެ.

އޭނާ އަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ވަރަށް ދިގު މުއްދަތަކަށް ހުންނަވައިގެން އަދި ޤާނޫނީ ވަކީލެއްގެ ގޮތުގައިވެސް ދިވެހި ދައުލަތަށްވެސް އަގު ނުކުރެވޭ ޚިދުމަތްތަކެއް އިޚުލާސްތެރިކަމާއެކު ކުރެއްވި ބޭފުޅެއް ކަމަށް އެ ކޯލިޝަންގެ ބަޔާނުގައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރިޒާ އަވަހާރަވުމަކީ އެ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށެވެ.

ރިޒާ ވަނީ މެދުނުކެނޑި 13 އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އޭނާ ވަނީ ޖޭއެސްސީގެ ނައިބު ރައީސްކަން ވެސް ކުރައްވައިފައެވެ.

މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއާއި ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ރިޒާއަކީ ގާނޫނީ ވަކީލެކެވެ.

ދެހާސް ނުވަވަނަ އަހަރު އެންމެ ފުރަތަމަ އޭނާ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވީ އަމިއްލަގޮތުންނެވެ. އެއަށްފަހު ޕީޕީއެމް އުފެދުމުން އެ ޕާޓީއާ ގުޅިވަޑައިގަތެވެ.

comment ކޮމެންޓް