ހަތަރު ފަހަރަށް އިއުލާނު ކުރުމުން ވެސް ވ. ތިނަދޫ އަންހެނުން ކޮމެޓީއަށް ކުރިމަތިލާނެ މީހަކު ނުވި

ވ. ތިނަދޫ -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ހަތަރު ފަހަރަށް އިއުލާނު ކުރުމުން ވެސް ވ. ތިނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރު ކަމަށް ކުރިމަތިލާނެ ފަރާތެއް ނުވުމުން، ދެން އަމަލު ކުރާނެ ގޮތެއް މަޝްވަރާ ކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

އެ ރަށު އަންހެނުންގެ ކޮމެޓީއަށް ފަސް މެންބަރުން އިންތިޚާބު ކުރި ނަމަވެސް ހަތަރު މެންބަރަކު ވަނީ މަގާމުގެ ހުވާ ކުރައްވަން އުޒުރުވެރިވެފައެވެ.

އެހެންވެ، އެ މަގާމަށް ކުރިމަތިލުމަށް ހަތަރު ފަހަރެއްގެ މަތިން އިއުލާނު ކުރުމުން ވެސް އެ މަގާމަށް މީހަކު ކުރިމަތިލައިފައެއް ނުވެއެވެ. ހަބީބު ވިދާޅުވީ އެ ކަމުގައި އަމަލުކުރަން ވީ ގޮތެއް ސާފު ކުރަން ކަމާ ބެހޭ ފަރާތްތަކަށް ސިޓީއަކުން އަންގާފައިވާ ކަމަށެވެ.

އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީން ވަނީ އެ ކޮމެޓީއަށް އީސީގެ މެންބަރުން ހާޒިރުކޮށް، ހިޔާލު ހޯދައިފައެވެ. އެކަމަކު، އަމަލު ކުރެވިދާނެ ވަކި ގޮތެއް ނިންމައިފައެއް ނުވެއެވެ.

"ވަރަށް ގިނައިން ބައި އިލެކްޝަންތައް ބާއްވަން ޖެހޭ އަންހެނުން ކޮމެޓީތަކުގެ، އެކަމު އެކަމުގެ ހަގީގީ ސަބަބަކީ ކޮބައި ކަމެއް އެހާ ރަނގަޅަށް ދިރާސާ ކުރެވިފައެއް ނެތް،" އޭނާ ވިދާޅުވިއެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި އަންހެނުންގެ ކޮމެޓީތަކުގެ ބާރުތަކާއި ރަށްރަށުގެ ރަށު ކައުންސިލުތަކުގެ ބާރުތަކާ ފުށު އަރާ ކަންތައްތަކެއް ވެސް އެބަހުއްޓެވެ. މަސްއޫލިއްޔަތު ސާފުނުވުމާއި ބައެއް ރަށްރަށުގެ އަންހެނުން ކޮމެޓީތަކާއި ކައުންސިލްގެ ގުޅުން ކުޑަވުމަކީ މި ކަން މެދުވެރިވާ ސަބަބެއް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

"ލޯކަލް ކައުންސިލްތަކަށް ވެސް އެބަ ކުރިމަތިލެވޭ އެ ރަށެއްގެ ރައްޔިތަކު ނޫން މީހަކަށް ވެސް. އެހެން ކަމަށްވަންޏާ، އެ ރަށެއްގައި ދިރިއުޅޭ އެހެން މީހަކަށް ވެސް ކުރިމަތިލެވޭ ގޮތަށް ގާނޫނަށް ބަދަލު ގެނެވިދާނެ،" ހަބީބު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ތިނަދޫގައި ދިމާވި މައްސަލަ ހައްލުކުރުމަށް އެ ރަށު ކައުންސިލްގައި ތިބި އަންހެން މެންބަރުންނަކީ އެ ކޮމެޓީގެ މެންބަރުންގެ ގޮތުގައި ކަނޑައެޅުމަކީ ވެސް އެ ކަމަށް އޮތް ހައްލެއް ކަމަށެވެ. އެކަމަކު، އިލެކްޝަންސް ކޮމިޝަނުގެ ދައުރަކީ އިންތިޚާބު ބޭއްވުން އެކަނި ކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ މިފަދަ މައްސަލަތަކުގައި ހައްލެއް ހޯދުމުގައި މުހިއްމު ދައުރެއް އަދާކުރާނީ ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ކަމަށެވެ. ހަބީބު ދެކިލައްވާ ގޮތުގައި އެ ކަމަށް އޮތް ހައްލަކީ އެހެން ރަށްރަށަށް ނިސްބަތްވާ މީހުންނަށް ވެސް އަންހެނުން ކޮމެޓީތަކަށް ކުރިމަތިލުމުގެ ފުރުސަތު ދިނުން ކަމަށެވެ.

އަންހެނުން ކޮމެޓީތަކުގެ މެންބަރުން އިސްތިއުފާ ދިނުން ގިނަވެ، މާ ގިނައިން ބައި އިލެކްޝަންތައް ބާއްވަން ޖެހުމުގެ ސަބަބުން އެ ކޮމިޝަނުން މީގެ ކުރިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

comment ކޮމެންޓް