އެންމެ ފަހުގެ ޗެމްޕިއަން ތިމަރަފުއްޓާއި ކިނބިދޫ ތ. އަތޮޅު ފައިނަލަށް

ކިނބިދޫއާއި އޮމަދޫ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ގޯލްޑެން ފުޓްސަލް ޗެލެންޖު 2023ގެ ތ. އަތޮޅު ފައިނަލަށް އެ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ތިމަރަފުއްޓާއި ކިނބިދޫ ދަތުރުކޮށްފިއެވެ.

ރޭ ހުޅުމާލެ ރެހެނދި ޓާފު ދަނޑުގައި ކުޅުނު ތ. އަތޮޅު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ ތިމަރަފުއްޓާއި ވޭމަންޑޫއެވެ. އެ މެޗު 2-0ގެ ނަތީޖާއަކުން ކާމިޔާބުކުރީ ތިމަރަފުށިންނެވެ. މެޗުގައި ތިމަރަފުށީގެ ދެ ގޯލު ޖަހައިފައިވަނީ އަބްދުﷲ ޒިޔާންއާއި އިސްމާއިލް މުނީޒެވެ.

ތ. އަތޮޅު ސެމީ ފައިނަލްގެ ދެވަނަ މެޗުގައި، ފަހަތުން އަރައި ކިނބިދޫން ވަނީ އޮމަދޫ ބަލިކޮށް ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އޮމަދޫގެ އަހުމަދު ނަޝްވާންގެ ގޯލުން އެ ޓީމު ކުރީގައި އޮވެ މެޗު ނިމެން ދަނިކޮށް މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ކިނބިދޫގެ އަހުމަދު ހަމްދާން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ކިނބިދޫ މޮޅުވި ގޯލަކީ ކިނބިދޫގެ މުހައްމަދު ސަހާއު ފޮނުވާލި ބޯޅަ އޮމަދޫގެ މުހައްމަދު އަލާއު ފައިގައި ޖެހިފައި ބައިކޮޅަށް ވަތް ގޯލެކެވެ.

ތިމަރަފުއްޓާއި ކިނބިދޫ ބައްދަލުކުރާ ތ. އަތޮޅުގެ ފަައިނަލް މެޗު ކުޅެން ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ރޭ 9:00 ގައެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖު 2023ގެ ހުރިހާ މެޗެއް "އެސްޓީވީ"ގެ ފޭސްބުކް ޕޭޖުންނާއި "އެސްއެސް ޓީވީ"އިން ލައިވް ކުރާނެއެވެ.

ތިމަރަފުއްޓާައި ވޭމަންޑޫ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ގޯލްޑަން ފުޓްސަލް ޗެލެންޖަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެރަށަކަށް ނިސްބަތްވާ އެއް ޓީމަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. ނަމަވެސް މާލެއާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމެއް ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.

މިއަހަރުގެ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި 102 ޓީމު ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި މި އަހަރު 242 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މިފަހަރުގެ މުބާރާތްވެސް ކުރިއަށްދާނީ ކުރިންވެސް މުބާރާތް ކުރިއަށް ގެންދިޔަ އުސޫލުންނެވެ. ފުރަތަމަ އެ އަތޮޅެއް ނިސްބަތްވާ އަތޮޅު ބުރެއް ކުޅެން ޖެހޭއިރު އެ ބުރުން އެންމެ މޮޅު ޓީމުތައް ވާދަކުރަން ޖެހޭނީ ޒޯން ބުރުގައެވެ. ޒޯން ބުރުން އެންމެ މޮޅު 16 ޓީމު ދެން ވާދަކުރަން ޖެހޭނީ މުބަރާތުގެ ގަދަ 16ގައެވެ. އަދި އެ ބުރުން ކާމިޔާބު ހޯދާ ޓީމުތައް ކުއާޓާ، ސެމީ އަދި ފައިނަލް ކުޅެ މުބަރާތުގެ އެންމެ މޮޅު ޓީމެއް ހޮވޭނެއެވެ. އެ މުބާރާތުގެ ހުރިހާ މެޗެއް ކުޅޭނީ ހުޅުމާލެ ރެހެންދި ޓާފު ދަނޑުގައެވެ.

މިއަހަރު ކުޅޭ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ބްރޯޑްކާސްޓިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ސަން ސިޔާމް މީޑިއާއެވެ.

comment ކޮމެންޓް