ތިމަރަފުށީގައި ބިދޭސީ ނަރުހަކު ރޭޕްކުރަން އުޅުނު މައްސަލައެއް ބަލަނީ

ތ. ތިމަރަފުށި

ތ. ތިމަރަފުށީ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ ބިދޭސީ ނަރުހަކު ރޭޕް ކުރަން އުޅުނު މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ ތިމަރަފުށީގައި ބިދޭސީ އަންހެނަކު ދިރިއުޅޭ ގެޔަކަށް ރޭ ދަންވަރުގެ ވަގުތެއްގައި މީހަކު ވަދެ ޖިންސީ ގޯނާ ކުރަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ރިޕޯޓު ކުރުމާ ގުޅިގެން ފުލުހުން އެކަން ތަހުގީގު ކުރަން ފަށާފައި ވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން އެ ރަށުން "ސަން" އަށް މައުލޫމާތު ދިން މީހަކު ބުނީ ރޭ ދަންވަރުގެ ވަގުތެއްގައި ފުލުހުން އެ ގެޔަށް ގޮސް އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލާފައިވާ ކަމަށެވެ. އެ އަންހެން މީހާ މިއަދުގެ ވަގުތެއްގައި އެ އަތޮޅު ވޭމަންޑުއަށް ޑޮކްޓަރަށް ދައްކަން ގޮސްފައިވެއެވެ.

އެ ރަށުން ވާހަކަ ދެއްކި މީހާ ބުނި ގޮތުގައި އެ އަންހެން މީހާ ދިރިއުޅޭ ގެޔަށް މީހަކު ވަނީ ވައްކަން ކުރަން ކަމެއް ނުވަތަ އެ އަންހެން މީހާއަށް ޖިންސީ ގޯނާ ކުރަން ކަން ސާފު ނޫނެވެ.

ތިމަރަފުށީ ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި އަލްތަފް "ސަން" އަށް ވިދާޅުވީ އެ މައްސަލަ އަކީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށް ވާތީ އެކަމާ ގުޅޭ އިތުރު މައުލޫމާތު ދެވެން ނެތް ކަމަށެވެ.

comment ކޮމެންޓް