ސްޕާތައް ހިންގަން ހަރުކަށި ގަވައިދެއް ހަދައިފި

ހަށިވިއްކުމުގެ ތހުމަތުގައި މީގެ ކުރިން މާލެއިން ދެ ބިދޭސީއަކު ހައްޔަރުކޮށްގެން ގެންދަނީ -- ސަން ފައިލް ފޮޓޯ

ރާއްޖޭގައި ސްޕާތައް ހިނގުމާއި އެތަންތަން އިޝްތިހާރު ކުރާނެގޮތް ކަނޑައަޅައި ގަވައިދެއް އިކޮނޮމިކް މިނިސްޓްރީން އެކުލަވާލައިފިއެވެ.

މިއީ ސްޕާ ހިންގުމާބެހޭ ގަވައިދެއް ރާއްޖޭގައި އެކުލަވައިލި ފުރަތަމަ ފަހަރެވެ.

މަސާޖުކޮށްދިނުމުގެ ނަމުގައި ރާއްޖޭގައި ހިންގަމުން އަންނަ ސްޕާތަކުގައި ހަށިވިއްކުމުގެ ވިޔަފާރި ކުރުމާއި މީސް މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން އެ ތަންތަން އިޝްތިހާރު ކުރުމުގެ މައްސަލަ ބޮޑުވެފައިވަނިކޮށް އިކޮނޮމިކް މިނިސްޓްރީން ޢާއްމުކުރި މި ގަވާއިދުގައިވާ ގޮތުން ރާއްޖޭގައި ހިންގަމުން އަންނަ ސްޕާ ވިޔަފާރިތަކުގެ ފޮޓޯ ނުވަތަ ވީޑިއޯ، ސޯޝަލް މީޑިއާގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން އިޝްތިހާރު ކުރުމަކީ މަނާ ކަމެކެވެ.

ސްޕާ ވިޔަފާރި އިޝްތިހާރު ކުރުމުގައި މުޖުތަމައުގެ އަދަބު އަޚުލާގުގެ މިންގަނޑާ ޚިލާފު ނުވާ ގޮތެއްގެ މަތިން އިޝްތިހާރު ކުރުމަށް ވެސް ގަވާއިދުގައިވެއެވެ. އަދި އެފަދަ ތަންތަން އިޝްތިހާރު ކުރުމުގައި އެއްވެސް މީހަކު ހިމެނުން ނުވަތަ ދެއްކުމަކީ މަނާކަމެއް ކަމަށް ގަވާއިދުގައި ބުނެއެވެ.

މި ގަވައިދާ ޚިލާފަށް ސްޕާގެ ވިޔަފާރި ކުރާ ފަރާތްތަކަށް އަޅައި ފިޔަވަޅުތަކުގެ ތެރޭގައި ވަނީ ރަޖިސްޓްރީނުކޮށް ސްޕާ ހިންގާނަމަ، 10،000 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު އެ ވިޔަފާރި ހިންގާ ތަނެއް ވަގުތުން ބަންދުކުރުމަށް އެންގުމެވެ. އަދި އެ ޤަވާއިދާއި ޚިލާފުވާ ފަރާތްތަކުގެ ރެޖިސްޓްރީ ބާތިލުކުރުމުގެ ބާރު ވެސް މިނިސްޓްރީއަށް ލިބެއެވެ.

މުވައްޒަފުންނާ ގުޅޭ މިންގަނޑުތަކާ ޚިދުމަތް ދިނުމުގައި ޢަމަލުކުރަންޖެހޭ މިންގަނޑުތަކާ ޚިލާފުވާ ފަރާތްތަކާއި އިސްލާހު ކުރަން އަންގާ އެންގުންތަކާ އެއްގޮތަށް ޢަމަލުނުކުރާ ފަރާތްތަކާއި ތަކުރާރުކޮށް މިންގަނޑުތަކާ ޚިލާފުވާ ފަރާތްތައް 6،000 ރުފިޔާ އާއި 8،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ގަވައިދުގައި ހިމަނާފައިވެއެވެ.

އޭގެ އިތުރުން ސްޕާތަކުގައި ހިދުމަތް ދެވޭނެ ގަޑިތައް ވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުުން ސްޕާތައް ހުޅުވާފައި ބެހެއްޓޭނީ ހެނދުނު 8:00 އިން ރޭގަނޑު 11:00 އަށް ކަމަށެވެ. އަދި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ހުކުރު ދުވަހު ހެނދުނު 11:00 އިން މެންދުރު 2:00އަށް އެ ތަންތަނުގައި ޚިދުމަތް ދިނުމަކީ މަނާ ކަމެކެވެ.

އިކޮނޮމިކް މިނިސްޓްރީން އެކުލަވާލާ މިއަދު ޢާއްމުކުރި ގަވައިދުގައިވާ ބުނެފައިވާ ގޮތުން އެ ގަވައިދަށް ޢަމަލު ކުރަން ފެށުމުގެ ގޮތުން މިހާރު ހިންގަމުން އަންނަ ސްޕާތައް ވެސް 90 ދުވަސް ތެރޭގައި އަލުން ރަޖިސްޓްރީ ކުރަން ޖެހެއެވެ.

comment ކޮމެންޓް