އެތެރޭގެ ކޯޅުން ނެތީ ޕީޕީއެމްގެ އެކަނި: ސައީދު

މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު -- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެތެރޭގެ ކޯޅުމެއް ނެތި، ބަދަހިކަމާއެކު އޮތީ އިދިކޮޅު ޕީޕީއެމް/ ޕީއެންސީ އެކަނި ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ މިހާރު ރާއްޖޭގެ ސިޔާސީ މައިދާނުގައި އެތެރޭގެ ކޯޅުމެއް ނެތި، ބަދަހިކަމާއެކު އޮތީ ޕީޕީއެމް، ޕީއެންސީ އެކަނި ކަމަށެވެ. އެހެން ބޮޑެތި ސިޔާސީ ޕާޓީތައް އޮތީ ބައިބައިވެފައި ކަމަށް ވިދާޅުވެ، އޭނާ ވަނީ އެހެން ޕާޓީތަކަށް ފާޑުވިދާޅުވެފައެވެ.

"މުޅި ރާއްޖޭގައި ސިޔާސީ ޕާޓީއެއް އޮތިއްޔާ ބައިބައި ވެއްޖެ. ސިޔާސީ ޕާޓީތައް ކޯޅެއް ފަށައިފި. ހަމައެކަނި ނުކޯޅޭ، އެކަތި ގަނޑެއްގެ ގޮތުގައި އޮތީ ޕީޕީއެމާއި ޕީއެންސީ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މުޅި އިދިކޮޅު ކޯލިޝަން އޮތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަހަތްޕުޅުގައި ބަދަހި ކަމާއެކު ކަމަށެވެ. އެގޮތުން، އެ ޕާޓީގެ ލީޑަރުންނާއި ސެނެޓަރުންނާއި އަދި ރަށްރަށުގެ ގޮފިތަކުގެ މެންބަރުން ވެސް ތިބީ އެ ބަދަހިކަމުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނެއް ބައިބައެއް ނުވާނެ، އަޅުގަނޑުމެންނެއް އިންޝާﷲ މި ފިކުރުގައި، ރައީސް ޔާމީން މިނިވަންކޮށްފައި، މި ގައުމުގެ ވެރިކަމަށް ގެނެސްފައި ނޫނީ އަޅުގަނޑުމެން މި ތިބީ ގެއަށް ވަންނާކަށް ނޫން،" ސައީދު ވިދާޅުވިއެވެ.

އެ ކޯލިޝަނަށް ލިބިފައި އޮތް އެންމެ ބޮޑު ކާމިޔާބީއަކީ އެ ފިކުރަށް ތާއީދުކުރާ އާންމު މެންބަރުންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެ ކޯލިޝަން ހިންގަމުން ގެންދަނީ އާންމު މެންބަރުންގެ މަޝްވަރާއާއި ހިޔާލުގެ މަތިން ކަމަށެވެ. އެއީ، ޔާމީން އަންގަވާފައި އޮތް ގޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ އިޝާރާތް ކުރެއްވީ ބައިބައިވުން ބޮޑުވެފައިވާ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށެވެ. އެ ޕާޓީގެ ދެ ރައީސުންގެ މެދުގައި ހިޔާލު ތަފާތުވުން ބޮޑުވެ، އެކުގައި މަސައްކަތް ނުކުރެވޭ ވަރަށް ވަނީ ބައިބައިވެފައެވެ.

ސައީދުގެ އިތުރުން ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މި ސަރުކާރުން ދައުރެއް ނިންމާލިއިރު ދެވަނަ ދައުރެއް ހޯދަން ރައްޔިތުންނަށް ދެއްކޭނެ އެއްވެސް ކަމެއް ކުރެވިފައިނުވާ ކަމަށެވެ. އެހެންވެ، ރިޔާސީ ޓިކެޓު ހަވާލުކުރަން އެމްޑީޕީން މިދިޔަ ހުކުރު ދުވަހުގެ ރޭ ކާނިވަލުގައި ބޭއްވި ޖަލްސާގައި ވެސް މުޅިން ދެއްކީ ކުރީ ސަރުކާރުގެ ވާހަކަ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި މީހުންނަކަށް ފަސް އަހަރު ދުވަސް ވެގެން ދިޔައިރު، ދެން އިތުރު ފަސް އަހަރެއް ހޯދަން ރައްޔިތުން ގާތުގައި ދައްކާނެ ވާހަކައެއް ނެތް. ނެތީމާ މި ދައްކަނީ ކުރީ ސަރުކާރު. ކުރީ ސަރުކާރު، ރައީސް ޔާމީން، މި ދެ ބަސް އެކަނި އޮތީ ދައްކަން،" އަދުރޭ ވިދާޅުވިއެވެ.

އޭނާ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ދައުރު ނިމުނުއިރު އެއްވެސް ކަމެއް ކުރެވިފައިނުވާ ކަމަށް ތުހުމަތު ކުރައްވައި އޭނާ ވިދާޅުވީ އެއާ ހިލާފަށް ޕީޕީއެމް ވެރިކަމަށް އައުމުން ކަންކަން ކުރެވޭނެ ކަން ދިވެހިން ގަބޫލުކުރާ ކަމަށެވެ.

comment ކޮމެންޓް