ސަރުކާރު މުވައްޒަފުންގެ ޕޭ ހާމަނައިޒް ކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއު ނިމިގެންދާއިރު ސިވިލް ސާވިސްގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑު ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޞާލިހް ވިދާޅުވީ އެމަނިކުފާނުގެ ވިސްނުންފުޅަކީ ސިވިލް ސާވިސްގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުން ކަމަށާއި އެ މަސައްކަތުގެ ތެރެއިން މި އަހަރުގެ މޭ މަހުން ފެށިގެން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށެވެ.
"މިދިޔަ އަހަރު މިމަގާމްގާ ހުރެ އަޅުގަނޑު ދެންނެވި ގޮތަށް ތަޢުލީމީ ދާއިރާގެ ޕޭހާމަނައިޒް ކުރިން. ދެންނެވި ތާރީޚުގާ، އެމުވައްޒަފުންގެ މުސާރައަށް ބޮޑު ބަދަލެއް ގެނައިން. މިއަހަރު ކުރިއަށް އޮތީ ޞިއްޙީ ދާއިރާ. އިރާދަ ކުރެއްވިއްޔާ އަންނަ މޭ މަހުގެ އެކަކުން ފެށިގެން ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނެ." އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރު މުވައްޒަފުންގެ މުސާރަތަކަށް ހެޔޮ ބަދަލެއް ގެނައުމަށް ސަރުކާރުން ފެށި މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ މުސާރަތައް ބޮޑުކޮށްފައިވަނީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ޓީޗަރުންގެއެވެ. މިގޮތުން، މިދިޔަ އަހަރުން ފެށިގެން ސަރުކާރުން ވަނީ ޓީޗަރުންގެ މުސާރަތައް ބޮޑުކޮށްފައެވެ.
ރައީސް މިއަދު ވިދާޅުވީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް މި އަހަރު ބޮޑު ކުރުމަށް ފަހުގައި ދެން އެންމެ އަވަހަށް ބޮޑު ކޮށްދެއްވާނީ ކޮލެޖުތަކާއި ޔުނިވާސިޓީތަކުގައި މަސައްކަތް ކުރާ ލެކްޗަރާއިންގެ މުސާރަތައް ކަމަށެވެ. މިގޮތުން، އެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތައް އަންނަ މާރިޗު މަހުން ފެށިގެން ބޮޑު ކޮށްދެއްވަން އެމަނިކުފާނު ވަނީ ވައުދުވެލައްވައިފައެވެ.
"އަދި ސަރުކާރުގެ ވުޒާރާތަކުގާ 35 ޕަސަންޓް އެލަވަންސް ނުލިބި މިހާރު ތިއްބެވި ހުރިހާ މުވައްޒަފުންނަށްއެކެއް މޭއިން ފެށިގެން މި އެލަވަންސް ލިބެންފަށާނެ. އަދި އަންނަ މާރިޗު މަހު ރާއްޖޭގެ ޔުނިވަރސިޓީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އަށްވެސް އެ ހެޔޮ ބަދަލު އަންނާނެ." އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެ މަސައްކަތް ނިމިގެންދާއިރު، ޝަރުއީ ދާއިރާއާއި އިމާމުންނާއި މުދިމުން ވެސް ހިމެނޭހެން ސިވިލް ސާވިސްގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މުސާރަތަކަށް ވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.
"ޕޭ ހާމަނައިޒް ކުރުން ނިމިގެން ދާއިރު ، ޝަރުއީ ދާއިރާ އާ އިމާމުންނާ މުދިމުންނާ އަދި ޖުމްލަކޮށް ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުން ޝާމިލްވާނެ." އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރު ވަޒީފާތަކުގައި މަސައްކަތް ކުރައްވާ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑު ކުރައްވާނެކަން ރައީސް ޞާލިހް އިއުލާނުކުރައްވާފައި ވަނީ މި އަހަރު ބޮޑު ކުރި ޓެކްސްގެ ސަބަބުން ތަކެތީގެ އަގުތައް އިންތިހާއަށް އުފުލި، އާންމުންގެ ކަންބޮޑުވުން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.