މީޑިއާތަކަށް ޝަމްއާ މައުލޫމާތު ދީފައިވަނީ ކަމުގެ ހަގީގަތް އޮޅޭފަދަ ގޮތަކަށް: ވަޒީފާއާ ބެހޭ ޓްރައިބިއުނަލް

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރު މަރިޔަމް ޝަމްއާ އިބްރާހީމް އޭނާގެ ދެ މަހުގެ ދަރިފުޅު ގޮވައިގެން އޮފީހުގައި ---

ވިހެއުމާ ގުޅިގެން ޗުއްޓީ އިތުރުކޮށް ނުދިންކަމަށް ބުނެ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރު މަރިޔަމް ޝަމްއާ އިބްރާހީމް މީޑިއާތަކުގައި ދެއްކި ވާހަކަތައް އެ ޓްރައިބިއުނަލުން މިއަދު ދޮގުކޮށްފިއެވެ.

ޝަމްއާ ވިހެއުމާ ގުޅިގެން އޭނާއަށް ޗުއްޓީ އިތުރުކޮށް ނުދިން މައްސަލައާ ގުޅޭގޮތުން މީޑިއާތަކަށް ދިން މައުލޫމާތު ކުއްވެރިކޮށް ވަޒީފާއާ ބެހޭ ޓްރިބިއުނަލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކަން ހިނގާފައިވާ ގޮތާ ޚިލާފަށް ވަޒީފާއާ ބެހޭ ޓްރިބިއުނަލްގެ އަގު ވެއްޓޭގޮތަށް މީޑިއާތަކަށް ޝަމްއާ މައުލޫމާތުދީފައިވާކަމަށެވެ.

ޓްރައިބިއުނަލުން ބުނީ، މީޑިއާތަކުން އެކަން ރިޕޯޓްކޮށްފައިވަނީ، ހަމައެކަނި އެއްފަރާތެއްގެ މައުލޫމާތުތައް ހިމަނައިގެންކަމަށާއި، ޓްރައިބިއުނަލްގެ ބަހެއް ނުހޯދައި އެ ޚަބަރު މީޑިއާތަކުން ރިޕޯޓްކުރުމުން ހިތާމަކުރާ ކަމަށެވެ.

މީޑިއާތަކުގައި ޝަމްއާ ދައްކާފައިވާ ވާހަކަތަކަށް ރައްދުދެމުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ބުނެފައިވަނީ، ރާއްޖޭގެ ވަޒީފާއާ ބެހޭ ޤާނޫނާއި، ޓްރިބިއުނަލުގައި ހެދިފައިހުރި ޤަވާއިދުތައް ބުނާގޮތަށް މިހާތަނަށް ޝަމްއާ އަށް ޗުއްޓީތަކާއި، ވަޒީފާގައި ދޭ ލުއިފަސޭހަތައް ދެމުން އައިސްފައިވާކަމަށެވެ.

މެމްބަރުގެ ވިހެއުމާ ގުޅިގެން ދޭ ޗުއްޓީއާގުޅޭ ކަންކަމުގައި ޓްރައިބިއުނަލުން އަމަލުކޮށްފައިވަނީ ޤާނޫނުތަކާއި އުސޫލްތަކާ އެއްގޮތަށް ކަމަށާއި، އެ ޗުއްޓީ އިތުރުކޮށްދިނުމަށް އެދި ހުށަހެޅި ނަމަވެސް އޭނާ އެދުނު ފަދައިން ޗުއްޓީ އިތުރުކޮށްދީފައިނުވަނީ، އެ ބާރު ވަޒީފާއާ ބެހޭ ޓްރިބިއުނަލުގެ ރައީސްއަށް ލިބިފައި ނުވާތީކަމަށް އެ ބަޔާނުގައިވެއެވެ.

ވަޒީފާއާ ބެހޭ ޓްރިބިއުނަލުގެ މެމްބަރުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ އުސޫލްތައް އެކުލަވާލާފައިވަނީ، މެމްބަރު ޝަމްއާ ހިމެނޭހެން މިވަގުތު އެ އިދާރާގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

އޭރު އެކަން އެގޮތަށް ނިންމެވީ ވަޒީފާއާ ބެހޭ ޓްރިބިއުނަލުގެ ހަތް މެމްބަރުންގެ ތެރެއިން ފަސް މެމްބަރުންނަކީ ކަނބަލުންކަމަށް ވެފައި، ހުރިހާ މެމްބަރުން ހަ މަސްދުވަހުގެ މެޓާނިޓީ ލީވެއް ނަގައިފިނަމަ އެތަނުގެ މަސައްކަތްތަކަށް ބުރޫއަރައި އެތަކެއް އާއްމު ރައްޔިތުންގެ ހައްގުތަކަށް އެކަމުގެ ސަބަބުން ސީދާ ގޮތެއްގައި އަސަރުކުރާނޭކަމަށް މެމްބަރުންނަށް ޤަބޫލުކުރެވިގެންކަމަށްވެސް ޓްރައިބިއުނަލުން ފާހަގަކުރިއެވެ.

ވިހެއުމާ ގުޅިގެން މެމްބަރުންނަށް ދެ މަސްދުވަހުގެ ޗުއްޓީއެއް ދިނުމަށް އޮތްނަމަވެސް، އެ ޓްރައިބިއުނަލްގެ މުވައްޒަފުންނަށް ވިހެއުމާ ގުޅިގެން ހަ މަސްދުވަހުގެ ޗުއްޓީ ނެގެން އޮންނަ ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ބުންޏެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނެރުނު ބަޔާނުގައި ވަނީ ވަޒީފާއާ ބެހޭ ޤާނޫނުން ހައްޤުވާ އެކިއެކި ހުސްވަގުތުގެ ބޭނުން ހިފުމުން ދުވާލެއްގެ މައްޗަށް ޝަމްއާ އޮފީހުގައި މަސައްކަތްކުރަން ޖެހެނީ ޖުމްލަ ތިން ގަޑިއިރާއި 30 މިނެޓް ކަމަށެވެ. މެމްބަރަށް ހައްގުވާ އަހަރީ ޗުއްޓީގެ 30 ދުވަހާއި އާއިލީ ޒިންމާގެ 10 ދުވަސް ނެގެން އޮތްއިރު، އެޗުއްޓީތަކުން ޗުއްޓީއަކަށް އަދި މިހާތަނަށް އެދިފައި ނުވާކަމަށްވެސް ޓްރިބިއުނަލުން ބުންޏެވެ.

މީގެ އިތުރުން މެމްބަރު ގޭގައި ހުންނަވައިގެން މަސައްކަތްކުރުމުގެ ފުރުސަތު ނުދެވެނީ ޒާތީގޮތުން މައްސަލައެއް އޮވެގެން ނޫންކަމަށާއި، ވަޒީފާގެ މަސްއޫލިއްޔަތަށް ބަލައި، ގޭގައި ހުރެގެން އެ މަސައްކަތްތައް ކުރުމަށް ތަން ނުދޭތީކަމަށް އެ ޓްރައިބިއުނަލުން ބުންޏެވެ.

މި ހުރިހާ ކަމަކީވެސް ޝަމްއާއަށް ޓްރައިބިއުނަލްގެ މެމްބަރެއްގެ ހައިސިއްޔަތުން އެނގިލައްވާނޭ ކަންތައްތަކެއްކަމަށް ވީއިރު، ކަމުގެ ހަގީގަތް އޮޅޭގޮތަށް ސޯޝަލް މީޑިއާ އާއި މީޑިއާގެ އެކި ތަންތަނަށް މައުލޫމާތު ދިނުމަކީ ކަންބޮޑުވާކަމެއްކަމަށްވެސް ވަޒީފާއާ ބެހޭ ޓްރިބިއުނަލުން ބުންޏެވެ.

ދަރިފުޅު ގޮވައިގެން އޮފީހަށް ދިއުމުން މެމޯއެއް ނެރެގެން އެކަން ހުއްޓުވުމާ ގުޅޭގޮތުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ބުނީ އެ ޓްރައިބިއުނަލަކީ ތުއްތުކުދިން ބޭތިއްބޭނޭ ފަދަ ތަނަކަށް ނުވާތީވެ، ރަސްމީ ގަޑީގައި ތުއްތުކުދިން ބައިތިއްބާގޮތަށް ތުއްތުކުދިން އޮފީހަށް ނުގެނައުމަށް އިރުޝާދު ދެވިފައިވާނެކަމަށެވެ.

ވިހެއުމާ ގުޅިގެން ޗުއްޓީ އިތުރުކޮށް ނުދިނުމުން ޝަމްއާ ވަނީ އެކަމުގެ ޝަކުވާ އިއްޔެ މީޑިއާތަކުގައި ހިއްސާކޮށްފައެވެ.

comment ކޮމެންޓް