ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސާއެކު މެންބަރުން އައްޔަނު ކުރައްވައިފި

ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މެންބަރުން އައްޔަނު ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް، ނައިބު ރައީސް އަދި މެންބަރުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބޭފުޅުން އައްޔަނުކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ މި ބޭފުޅުން މަގާމުތަކަށް އައްޔަނުކުރެއްވީ މިއަދު މެންދުރު ފަހު ރައީސް އޮފީހުގައި އެ ކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކަމަށެވެ.

މި ރަސްމިއްޔާތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމާއި ރައީސްކަމުގެ މަޤާމަށް އައްޔަނު ކުރައްވާފައިވަނީ ޏ. ފުވައްމުލައް، ދަޑިމަގު، ގްލޯރީގޭ އިސްޙާޤު ޙުސައިނެވެ. އެ ޓްރައިބިއުނަލްގެ މެންބަރުކަމާއި ނައިބު ރައީސްކަމުގެ މަޤާމަށް އައްޔަނު ކުރައްވާފައިވަނީ ޅ. ހިންނަވަރު، ހިޔާވަހި، ފާޠިމަތު މަހީރާ މުޙައްމަދެވެ. އަދި އެ ޓްރައިބިއުނަލްގެ މެންބަރުކަމަށް އައްޔަނު ކުރައްވާފައިވަނީ ހުޅުމާލެ ހިޔާ 8-21-04 އިޝާރާ ޢަބްދުލްޢަޒީޒު، އަދި ދަފްތަރު ނަންބަރު ދރ 265 ސައުސަން ޢަލީއެވެ.

ރައީސް އޮފީހުގައި މިއަދު މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިނެވެ.

މިދިޔަ ސަރުކާރުގައި އެ ޓްރައިބިއުނަލްގެ މަގާމުތަކަށް އެކި ފަހަރަށް މެންބަރުންނާއި ރައީސުންގެ އިތުރުން ނައިބުން އައްޔަނުކޮށްފައިވެއެވެ. އެއީ އެކި ސަބަބުތަކާހުރެ ޓްރައިބިއުނަލަށް އައްޔަނުކޮށްފައި ތިއްބަވާ ބޭފުޅުން އިސްތިއުފާ ދެއްވުމުގެ ސަބަބުންނެވެ. އެ ދައުރު ހަމަވިއިރު، އެ ޓްރައިބިއުނަލްގައި ތިއްބެވީ ދެ މެންބަރުން ކަމަށްވާ ޙަސަން އިބްރާހީމާއި މަރްޔަމް ރިޝްފާއެވެ.

ރައީސް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މިއަދު މެންބަރުން އައްޔަނު ކުރެއްވީ މީގެ ކުރިން އެ ޓްރައިބިއުނަލްގައި ތިއްބެވި މެންބަރުންގެ ދައުރުހަމަވުމާ ގުޅިގެންނެވެ.

comment ކޮމެންޓް