ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުން މިނިވަންކުރުމަށްވުރެ، އިދިކޮޅުގައި ގިނައީ އެހެން މަގްސަދެއް ހާސިލުކުރަން އުޅުއްވާ ބޭފުޅުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން ރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވީ އިޚުލާސްތެރިކަމާއެކު ރައީސް ޔާމީން ސަލާމަތްކުރަން އުޅުއްވާ ބޭފުޅުންނަށްވުރެ، ޕީޕީއެމް ލީޑާޝިޕްގައި ގިނައީ އެހެން މަގްސަދެއް ހާސިލުކުރަން އުޅުއްވާ ބޭފުޅުންކަން އެއްދުވަހުން އަނެއް ދުވަހަށް ހާމަވަމުން އަންނަ ކަަމަށެވެ.
"ރައީސް ޔާމީން ސަލާމަތްކުރުމަށްވުރެ، ޕީޕީއެމް ލީޑާޝިޕްގައި ގިނައީ އަމިއްލަ އެހެން މަގްސަދެއް ހާސިލްކުރަން އުޅުއްވާ ބޭފުޅުން،" އިމްރާން ވިދާޅުވިއެވެ.
އިމްރާން، އިދިކޮޅު ލީޑާޝިޕަށް އެފަދަ ބޮޑު ތުހުމަތެއް ކުރެއްވިނަމަވެސް ތަކުރާރުކޮށް ޕީޕީއެމް، ޕީއެންސީން ބުނަމުން އަންނަނީ ރިޔާސީ އިންތިޚާބުގައި އެ ޕާޓީން ވާދަކުރައްވާނީ ރައީސް ޔާމީން ކަމަށެވެ. އަދި އެ ފުރުސަތު ޕާޓީގެ ތެރެއިން އެހެން ބޭފުޅަކަށް ދެވެން ނެތް ކަމަށް ވެސް އަންނަނީ ބުނަމުންނެވެ.
މީގެ އިތުރުން ލީޑާޝިޕުން އިންތިޒާމްކޮށްގެން، ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް "ހޯޕް ކޮންފަރެންސް"ގެ ނަމުގައި ބައްދަލުވުންތައް ބާއްވާފައިވާއިރު، އެ ކޮންފަރެންސްގެ މައިގަނޑު މަގްސަދަކީ ވެސް ރައީސް ޔާމީން މިނިވަން ކުރުމަށް ކުރެވެން ހުރި ކަންކަމަކީ ކޮބައިތޯ ދެނެގަނެ، އެ މަގުން ކުރިޔަށްދިޔުމަށް ގޮތްތަކެއް ނިންމުން ކަމަށް ޕީޕީއެމުން ބުނެފައިވެއެވެ.
ރައީސް ޔާމީން ޖަލުން މިނިވަންކޮށް މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަސައްކަތް އިދިކޮޅު ކޯލިޝަނުން ވަނީ ފުޅާކޮށްފައެވެ. އެގޮތުން ބޭރުގައުމުތަކުގެ އެކިއެކި އިސް ބޭފުޅުންނާ އެ ކޯލިޝަނުން އަންނަނީ ބައްދަލުކުރަމުންނެވެ. ވ. އާރަށް މައްސަލާގައި މަނީ ލޯންޑާ ކުރުމާއި ރިޝްވަތުގެ ކުށް ސާބިތުވެ، 77 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު 11 އަހަރުގެ ޖަލު ހުކުމެއް ޔާމީނަށް ވަނީ އިއްވާފައެވެ. އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ކުރަންޖެހޭ މަސައްކަތް އެމަނިކުފާނުގެ ގާނޫނީ ޓީމުން އަންނަނީ ކުރަމުންނެވެ.
ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އޯގަސްޓު މަހުގެ ތިނަކާ ހަމައަށް ހުޅުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިި ވާތީ، ރައީސް ޔާމީނަށް މި އިންތިޚާބުގައި ވާދަކުރެއްވޭނީ ލަސްވެގެން އޯގަސްޓް ތިން ވަނަ ދުވަހުގެ ކުރިން މާތީ މަރުހަލާގެ ކޯޓަކުން އެ ހުކުމް ބާތިލްކޮށްފި ހާލަތެއްގައި އެކަންޏެވެ.