މޮޅު ދަރިވަރަކަށް ވުމަށް ޓިއުޝަން މުހިއްމުތަ؟

ދަރިވަރުންނަށް ރިޕޯޓް ފޮތް ދިން ދުވަހެއްގައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހެނދުނު 06:45 އަށް ސްކޫލަށް ދިއުމަށް ފަހު، ރޭގަނޑު ނިދުމަށް 23:00 ޖަހާއިރު އޮޝޯތުމާ ހަމައަށް އެ ދަރިވަރަށް އެންމެ ހުސްވަގުތު ކޮޅެއް ވެސް ނުލިބެއެވެ. ނަމަވެސް އެއީ އޭގެން އެއްވެސް ވަގުތުކޮޅެއް ބޭކާރު ގޮތުގައި ހޭދަކުރާތީއެއް ނޫނެވެ.

މައިންބަފައިންނާއި އާއިލާ ފަޚުރުވެރިވާ ފަދަ ނަތީޖާއެއް ހޯދުމުގެ ބުރަ މަސައްކަތުގައި އެ ދަރިވަރު އަވަދިނެތި އުޅޭތީއެވެ. ކޮންމެ ދުވަހަކު 12:45ގައި ސްކޫލު ނިންމާލުމަށް ފަހު ރޭގަނޑު 19:30 އޮންނަ ސްކޫލްގެ އެކްސްޓްރާ ކްލާހަށް ދިއުމާ ހަމައަށް އޭނާ އުޅެނީ އެކި ޓިއުޝަންތަކުގައެވެ.

މިއީ މާލޭ ސްކޫލެއްގެ ގްރޭޑް ނުވައެއްގައި ތައުލީމް ހާސިލުކުރަމުންދާ ދަަރިވަރެއްގެ ދިރިއުޅުމުގެ ކޮންމެ ދުވަހެއްގެ އާދައެވެ. އޭނާ އަކީ ގްރޭޑް ނުވަޔަކަށް ދިއުމުގެ ކުރިން އެއްވެސް ވަރަކަށް ޓިއުޝަން ނެގި ކުއްޖެއް ނޫނެވެ. ނަމަވެސް އޭނާއަކީ ކްލާހުން ފާހަގަކޮށްލެވޭ ނަތީޖާތައް އަބަދުވެސް ހޯދަމުން އައި ކުއްޖެކެވެ.

ސްކޫލް ދަރިވަރުންތަކެއް -- ސަން ފައިލް ފޮޓޯ

އޭނާ ޓިއުޝަން ނަގަން ފެށީ އެކި މީސްމީހުން ދައްކާ ވާހަކައިން ހިތް ބިރުގަނެގެންނޭ ބުނުމަކީ ވެސް ދޮގަކަށް ނުވާނެއެވެ. އޭނާގެ ކައިރީގައި އުޅޭ މީހުން އަބަދުވެސް އޭނާއަށް ވިސްނައިދެނީ ކުރިއަށްދާ ވަރަކަށް ކިޔެވުން އުނދަގޫވާނެ ކަމަށެވެ. އަދި ޓިއުޝަން ނުނަގައިފި ނަމަ ހޯދާ ރަނގަޅު ނަތީޖާތަކުގައި ފައިތިލަ ސާބިތުނުކުރެވޭނެ ކަމަށެވެ.

އޭނާ އަކީ ކިތަންމެ ގާބިލު މޮޅު ކުއްޖެއް ނަމަވެސް ޓިއުޝަން ނެގުމުގެ ކުރިންވެސް ކިޔެވުމަށް އިންތިހާއަށް ބުރަ މަސައްކަތް ކުރެއެވެ. އޭރު ކުރި އެ ބުރަ މަސައްކަތް މިހާރުވެސް އޭނާ ކުރެއެވެ. ނަމަވެސް ޓިއުޝަން ނަގަން ފެށި ފަހުން އެއްވެސް ކަމެއް ފަސޭހަނުވެ އޭނާގެ މުޅި ދުވަހުގެ ތާވަލު މާ ބުރަވެ މިހާރު އުޅެން ޖެހިފައިވާ ގޮތް މާ އުނދަގޫކަން އޭނާ ފާހަގަކުރިއެވެ.

މިއީ ހަމައެކަނި އެ ދަރިވަރުގެ ހާލަތެއް ނޫނެވެ. މި ވާހަކަތަކާ އެއްގޮތް ކުރެވޭ ކިތަންމެ ކުދިންނެއް މިހާރު ވެސް ތައުލީމް ހާސިލުކުރަމުންދެއެވެ. މުޅި ދުވަސް އެއްކޮށް އެއްވެސް ކަހަލަ ހުސްވަގުތުކޮޅެއް ނުނަގައި ޓިއުޝަންތަކުގައި މަސްއޫލުވެ އުޅެއެވެ.

ހަމައެކަނި ބަޔަކު ބުނާ އެއްޗެއްގެ މައްޗަށް ބުރަވެ، ރަނގަޅު ނަތީޖާއެއް ނުހޯދިދާނެ ކަމުގެ ބިރަށްޓަކައެވެ. މިއަދުގެ މުޖުތަމައުގައި ޓިއުޝަން ނެގުމަކީ ދަރިވަރުންގެ ކިޔެވުމަށް ދޭ އެހީއެއްގެ ބަދަލުގައި ކުރާ ވިޔަފާރިއަކަށް މި ވަނީ ވެފައެވެ. ޓިއުޝަން ނެގުމަކީ "ޓްރެންޑް" އަކަށް ބަދަލުވެ އެއާ ނުލައި ރަނގަޅު ނަތީޖާއެއް ނުހޯދޭނެ ކަމުގެ ވިސްނުން ގެންގުޅޭ އެތައް ބަޔަކު އުޅެއެވެ.

ސްކޫލް ދަރިވަރުންތަކެއް ---- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކިޔެވުމަށް ކިތަންމެ މޮޅު އަދި ގާބިލު ދަރިވަރެއް ނަމަވެސް ރަނގަޅު ނަތީޖާތައް ހޯދުން މަތީ ދެމި ނުތިބެވިދާނެ ކަމަށް ބުނެ ޓިއުޝަން ނެގުމަށް ބައެއް ދަރިވަރުންގެ މައިންބަފައިން ވެސް ބޭނުންވެއެވެ.

"ވަރަށް މަދު ވަގުތުކޮޅެއް ލިބެނީ އަސްލު ސްކޫލުގައި ކުދިންނަށް ކިޔަވަން. އަނެއްކާ އެދުވަހަކު ކިޔައިދޭ އެއްޗެއް ފިޔަވައި އިތުރު އެއްޗެއް ކިޔައިދޭކަށް ނޯވޭ ވަގުތެއް. ދެން އެހެންވީމަ އަހަރެން ގަބޫލު ކުރަނީ އިތުރަށް ދޭން ޖެހޭ އެހީ ދެވޭނީ ޓިއުޝަނެއް ނަގައިގެން ކަމަށް،" ގްރޭޑް 10ގައި ތައުލީމް ހާސިލުކުރަމުންދާ ދަރިވަރެއްގެ މަންމަ ބުންޏެވެ.

މިކަމުގައި ތަފާތު ޚިޔާލު ގެންގުޅޭ މައިންބަފައިން އުޅޭއިރު ޓިއުޝަން ނަގަން ތާއީދުކުރާ، ނަމަވެސް ވަރަށް ބޭކާރު ގޮތުގައި ޓިއުޝަން ނަގުވާ މައިންބަފައިން އުޅޭ ކަަމަށް ބައެއް މީހުން ގަބޫލުކުރެއެވެ. އެއީ މިއަދުގެ މުޖުތަމައު ގަބޫލުކުރާ ޓްރެންޑަށް ވަނުމުގެ ގޮތުން ކަމަށް އެމީހުން ސިފަކުރެއެވެ.

"ބައެއް މީހުން އުޅޭނެ އެމީހުންގެ ދަރިން ކިތަންމެ މޮޅަސް ހުރިހާ މާއްދާއަކުން ޓިއުޝަން ނަގުވާ. ޓިއުޝަން ނަގާނީ ނޭނގޭ އެއްޗެހި އޮޅުން ފިލުވަން. އެ މާއްދާއަކަށް އިތުރު އެހީ ބޭނުންވާ ކުދިން އެކަނި. އެކަމު އެމީހުންގެ ދަރިން ލައްވާ ޓިއުޝަން ނަގުވާނީ އެހެން މީހުންވެސް ކުރާތީ، މޮޅު ނަތީޖާ ގެނެވޭނީ ޓިއުޝަން ނަގައިގެންނޭ ބުނާ ކަމަށްޓަކައި،" ގްރޭޑް އަށެއްގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރެއްގެ މަންމަ މަރިޔަމް ހަފީޒާ ބުންޏެވެ.

ސްކޫލް ދަރިވަރެއް އޭނާގެ ބެލެނިވެރިޔަކާއެކު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓިއުޝަން ނެގުމާ ގުޅޭގޮތުން ތަފާތު ޚިޔާލުތައް ހުރި ނަމަވެސް ރަނގަޅު ނަތީޖާއެއް ގެނެވޭނީ ޓިއުޝަން ނަގައިގެން ކަމަށް ދެކުމަކީ މިހާރު މުޖުތަމައުގައި އާއްމުކަމެކެވެ. ނަމަވެސް އެއީ އެންމެ ރަނގަޅު ވިސްނުން ނޫން ކަމަށް ތައުލީމީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.

އެ ވިސްނުން ބަދަލު ކުރަން ޖެހޭ ކަމަށް ސްކޫލް މަދަރުސާތަކުގައި ކިޔަވައިދޭ ފަރާތްތަކުން ދެކެއެވެ. އެއީ ޓިއުޝަން ނުނަގައި ރަނގަޅަށް ބުރަ މަސައްކަތުން ކިޔަވާ ދަރިވަރުންނަށް ވެސް ކުރެވޭ މަލާމާތެއްގެ ގޮތުގައި ސިފަކުރާތީއެވެ. އަދި ޓިއުޝަން ނުނަގައި ކިޔެވި ކުދިން ރާއްޖޭގެ ގަދަ ދިހަ އަކުންނާއި އެކި މާއްދާތަކުން ދުނިޔޭގެ ރަންވަނަތައް ހާސިލް ކޮށްފައިވާތީއެވެ.

"ޓިއުޝަން ނެގުމަކީ އޮންނަ ކަމެއް. އެކި ކުދިން މޮޅުވާނީ އެކި ކަންކަމަށް. އެކި މާއްދާތަކަށް. އެހެންވީމާ ކޮންމެހެން ބޭނުންވާ ކުދިންނަށް ޓިއުޝަން ނެގުން އަޅުގަނޑު ތާއީދު. އެކަމު ރަނގަޅު ނަތީޖާ ހޯދޭނީ ހަމައެކަނި ޓިއުޝަން ނަގައިގެން ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

ރަނގަޅު ނަތީޖާއެއް ހޯދުމަށް ޓިއުޝަން ކޮންމެހެން މުހިއްމު ކަމަށް ދެކޭ މީހުންގެ ސަބަބުން ދަރިވަރުންގެ މަސައްކަތް ދައްވާ ކަމަށް ވެސް އެކި ފަރާތްތަކުން ދެކެއެވެ. އެއީ އޭގެ ސަބަބުން ބައެއް ދަރިވަރުން ކިޔެވުމަށް އެކަށީގެންވާ މަސައްކަތް ނުކޮށް ހަމައެކަނި ނަގާ ޓިއުޝަންތަކަށް ބަރޯސާވާތީއެވެ.

ސްކޫލް ދަރިވަރުންތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަމަވެސް އެގޮތަށް އަމަލުތައް ބެހެއްޓުމުން ޓިއުޝަނަށް ހޭދަކުރާ ފައިސާތައް ބޭކާރުވެ ނަތީޖާއަށް ވެސް އެނގުމެއް ނުވެއެވެ. އެއީ ކިތަންމެ ވަރަކަށް ޓިއުޝަން ނެގި ނަމަވެސް ދަރިވަރުންގެ ނަތީޖާ ބިނާ ވަނީ ކުރާ މަސައްކަތުގެ މައްޗަށް ކަމަށްވާތީއެވެ.

"އަޅުގަނޑުމެން ހިތްވަރު ދެނީ ކުއްޖަކަށް ނޭނގޭ އެއްޗެއް އިނިއްޔާ ކްލާސް ނިންމާފަ ވަކިން އެ ޓީޗަރަކަށް ރިކުއެސްޓް ކުރުން ވަގުތުކޮޅަކަށް. އޭރުން ނޭނގޭ އެއްޗެއް އެ ކުދިންގެ ޓީޗަރުން ސްކޫލްގައި ކިޔައިދޭނެ. އޭރުން ޓިއުޝަނަށް ދާހާ ފައިސާވެސް ސޭވް ވާނެ. މޮޅު ނަތީޖާ ހޯދާކަށް ޓިއުޝަން ނަގާކަށް މުހިއްމެއް ނޫން. ހުރިހާ ކަމެއްވެސް ޑިޕެންޑް ވަނީ ކުރާ މަސައްކަތަށް. އޭގެ މާނައެއް ނޫން ކޮންމެހެން ބޭނުންވާ ކުއްޖަކު އިތުރު އެހީ ނުހޯދުމެއް ވެސް،" ސީއެޗްއެސްއީގެ ޕްރިންސިޕަލް އައިޝަތު ސޮފޫރާ ވިދާޅުވިއެވެ.

އެހެންކަމުން ޓިއުޝަނަކީ އޭގެ ބޭނުން ޖެހިފައިވާ ކުދިންނަށް އެންމެ އެދެވިގެންވާ ގޮތުގައި ކުރަން ޖެހޭ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. އަދި މޮޅު ނަތީޖާއަށް އެންމެ މުހިއްމީ ޓިއުޝަން ނެގުން ކަމަކަށް އެމީހުންނެއް ނުދެކެއެވެ.

އޭގެ ސަބަބުން ދަރިވަރުންގެ ދުވަހުގެ ތާވަލު އެ ކުދިންނަށް ބުރައަކަށް ނުވެ، ކުރަން ޖެހޭ ވަރަށްވުރެ އިތުރަށް ބޭކާރު ފައިސާ ޚަރަދު ނުކޮށް ވާނެއެވެ. އަދި ދަރިވަރުންގެ ބުރަ މަސައްކަތުން ހޯދާ ރަން ވަނަތަކާއި މޮޅު ނަތީޖާތަކުން އެ ކުދިންގެ ތައުލީމީ ހަޔާތް ރޯޝަންވެގެން ދާނެއެވެ.

comment ކޮމެންޓް