މަޝްހޫރު ސުޕަހީރޯ ފްރެންޗައިޒް ފިލްމުތައް ނެރޭ ޑީސީއީޔޫގެ މިހާރު ކުރިއަށްދާ ޕްރޮޖެކްޓުތައް މެދުކަނޑާލައި މުޅި ލައިނަޕް އެއްކޮށް ބަދަލުކޮށްލަން ނިންމައި އާ ޕްރޮޖެކްޓުތަކެއް އިއުލާނުކޮށްފިއެވެ.
ވޯނާ ބްރޮސްގެ ބެލުމުގެ ދަށުން ހިންގާ ޑީސީގެ ގިނަ ޕްރޮޖެކްޓުތަކެއް ފްލޮޕްވެފައިވާއިރު ވޯނާ ބްރޮސްގެ ހިންގުމަށް އައި ބަދަލާއެކު އެންމެ ފުރަތަމަ ފެށި މަސައްކަތަކީ ޑީސީގެ ޕްރޮޖެކްޓުތަކަށް ބަދަލު ގެނައުމެވެ. އެއާއެކު ޑީސީގެ ޕްރޮޖެކްޓުތައް ބަދަލުކޮށް އާ މިސްރާބެއްގައި ފެށުމަށް ޑީސީގެ ޕްރޮޖެކްޓުތަކުގެ ހިންގުން ހަވާލުކުރީ މާވެލް އުފެއްދުންތަކަށް މަޝްހޫރު ޑައިރެކްޓަރު ޖޭމްސް ގަންގެ އިތުރުން ޕީޓާ ސަފްރާން އަށެވެ.
ދެ މީހުންގެ ބެލުމުގެ ދަށުގައި ޑީސީއަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށް ކުރީން ވެސް ވާހަކަ ދެކެވުނެވެ. ނަމަވެސް ދާދިފަހުން ބޭއްވި އޮންލައިން އިވެންޓެއްގައި ވަނީ އާ ޑީސީގެ ޕްރޮޖެކްޓްތައް ކުރިއަށް ދާނެ ގޮތް ހާމަކޮށްފައެވެ.
ގަން ބުނިގޮތުގައި ޑީސީގެ ޕްރޮޖެކްޓްތައް ދެ ބަޔަކަށް ބަހާލެވޭނެއެވެ. އެއީ ޑީސީއީޔޫ އާއި ޑީސީ އެލްސްވޯލްޑެވެ. އެލްސްވޯލްޑްގެ ދަށުން ދައްކާނީ ވާކީން ފީނިކްސްގެ ޖޯކާ އާއި ރޮބާޓް ޕެޓިންސަންގެ ބެޓްމޭންގެ އާ ޕްރޮޖެކްޓްތަކެވެ.
މައިގަނޑު ސުޕަހީރޯތައް ހިމެނޭނީ ޑީސީއީޔޫގައެވެ. އެގޮތުން މީގެ ދަށުން މީގެ ކުރިން ގެނެސްދިން ސުޕަމޭން އާއި ވޮންޑަވުމަން ފަދަ ކެރެކްޓަރުތައް ދެން ނުފެންނާނެއެވެ. އޭގެ ބަދަލުގައި އެ ރޯލުތައް ތައާރަފުކުރާއިރު ވެސް ފެންނާނީ އާ ކެރެކްޓާ ތަކެއް ކަމަށް ގަން ބުނެއެވެ.
ވާހަކަދެކެވޭގޮތުގައި ޑީސީއީޔޫގެ އެންމެ މުހިއްމު ފިލްމަކަށް ފެންނާނީ މިއަހަރު ނެރޭ "ފްލޭޝް" ފިލްމެވެ. ފްލޭޝް ފިލްމާއެކު ޑީސީއީޔޫގެ ޓައިމްލައިން އެއްކޮށް ރިސެޓް ކޮށްލާނެ ކަމަށް ވާހަކަ ދެކެވެއެވެ. އެއާއެކު ހެންރީ ކެވިލް އާއި ގަލް ގަޑޮޓްގެ ކެރެކްޓާތައް ޑީސީއިން ދާނެއެވެ. އާ ޓައިމްލައިން އާއެކު އެންމެ ފުރަތަމަ ފެނިގެންދާނީ "ބްލޫ ބީޓަލް" ކިޔާ ކެރެކްޓަރެއްގެ ފިލްމެއް ކަމަށް މައުލޫމާތު ލިބެއެވެ.
އޭގެ އިތުރުން އާ އެކްޓަރަކާއެކު ސުޕަމޭން ވެސް ރީ ބޫޓް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ގަންގެ ދުރުވިސްނުން ފެންނާނީ ކުރިއަށް އޮތް ދެ އަހަރެއްގެ ތެރޭގައި ކަމަށް ބުނެއެވެ.