ވިންޗެންޒޯގެ ތަރި ކައިވެނި ކޮށްފި

ކޮރެއާގެ ބޮޑެތި ޝޯތަކުގެ ތެރޭގައި ހިމެނޭ "ވިންޗެންޒޯ" އާއި "ޑިސެންޑެންޓް އޮފް ސަން" އިން މުޅި ދުނިޔެއަށް މަގުބޫލުކަން ހޯދި އެކްޓަރު ސޮންގް ޖޫން ކީ ކައިވެނިކޮށްފިއެވެ.

އިޓަލިއަން މާފިއާ ޑްރާމާއެއް ކަމަށްވާ ވިންޗެންޒޯއިން ދިވެހިންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދި ސޮންގް ކައިވެނިކޮށްފައިވާ ކަން އޭނާގެ އޭޖެންސީއިން ވަނީ ސީއެންއެންއަށް ކަށަވަރުކޮށްދީފައެވެ.

އޭނާ ކައިވެނިކޮށްފައިވަނީ އިނގިރޭސިވިލާތު އެކްޓަރެއް ކަމަށްވާ ކޭޓީ ލުއީސް ސޯންޑާސް އާއެވެ. ދެމީހުން ކައިވެނިކޮށްފައިވާ ކަމަށް ބުނެ ނެރުނު ނޫސް ބަޔާނެއްގައި ވަނީ ކައިވެންޏާ ގުޅޭ އިތުރު މައުލޫމާތު ހިއްސާކޮށްފައެވެ. ސޮންގް ބުނިގޮތުގައި ކޭޓީގެ ސަބަބުން އޭނާ އިތުރަށް ރަނގަޅު މީހަކަށް ވުމަށް ބޭނުންވި ކަމަށާއި އޭނާއާއެކު އާ ހަޔާތެއް ފެށުމަށް ކެތް މަދުވެފައި ވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

ދެމީހުން ކައިވެނިކުރިއިރު މިހާރު ދެމަފިރިން ތިބީ ފުރަަތަމަ ދަރިއަށް އިންތިޒާރުކޮށްގެންނެވެ. އެގޮތުން ކޭޓީ މިހާރު އިނީ ބަލިވެ ކަމަށް ސީއެންއެންއިން ކަށަވަރުކޮށްދެއެވެ.

ސޮންގް މީހަކާ ގުޅިގެން އުޅޭކަން އެންމެ ފުރަތަމަ އިއުލާނުކުރީ މިދިޔަ އަހަރު ފަހުކޮޅުގައެވެ. ނަމަވެސް އޭރު އޭނާ ގުޅިފައިވަނީ ކޭޓީއާ ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ސޮންގް ކައިވެނި ކުރިކަން ހާމަވެފައިވަނީ އޭނާ ކުރީން ކައިވެނި ކުރި ތަރި ހައި ކިޔޯ އާ 2019 ވަނަ އަހަރު ވަރި ވުމަށް ފަހުގައެވެ. ހައި ކިޔޯ އާއި ސޮންގް އަކީ ޑިސެންޑެންޓް އޮފް ސަންގެ ލީޑް ތަރިންނެވެ. ދެ މީހުން ގުޅިފައި ވަނީ ޝޯގެ ޝޫޓިންގެ ތެރެއިންނެވެ. އެގޮތުން 2016 ވަނަ އަހަރުގައި ދެމީހުން އެކީގައި އުޅޭކަން އިއުލާނުކޮށް 2017ގައި ދެމީހުން ކައިވެނިކުރިއެވެ. ނަމަވެސް 20 މަސް ފަހުން ދެމީހުން އިއުލާނުކޮށްފައިވަނީ ދެމީހުންގެ ވަރީގެ ވާހަކައެވެ.

comment ކޮމެންޓް