ނޮޅިވަރަމް ދަނޑުގައި ޓާފް އަޅަން ތިން ދުވަހަށްވެފައި އޮއްވައި ޓާފްތަކުގައި ރޯކޮށްލައިފި

ނޮޅިވަރަމް ޓާފް ދަނޑުގެ މަސައްކަތަށް ގެނެސްފައި ހުރި ތަކެތީގައި އަލިފާން ރޯކޮށްލައިފައި --

ހދ. ނޮޅިވަރަމް ފުޓުބޯޅަ ދަނޑުގެ މަސައްކަތުގެ ތެރެއިން އެ ދަނޑުގައި ޓާފް އަޅަން އެންމެ ތިން ދުވަހަށްވެފައި ވަނިކޮށް އެ ރަަށަށް ގެނެސްފައިހުރި ޓާފްތަކުގައި ރޭ އަލިފާން ރޯކޮށްލައިފިއެވެ.

ޓާފްތަކުގައި ރޯކޮށްލީ ރޭ ދަންވަރު 03:15 ހާއިރެވެ.

މީގެ ކުރިން އެ ދަނޑުގައި ޓާފް އަޅައި ނިންމައިލެވޭނެކަމަށް ލަފާކޮށްފައިވަނީ ފެބްރުއަރީ މަހުގެ ފަހުކޮޅަށެވެ. ނަމަވެސް ޓާފް މަސައްކަތް ފަށަން އެންމެ ތިން ދުވަހަށްވެފައި ވަނިކޮށް ޓާފްތަކުގައި ރޯކޮށްލުމުން، ދެން އެ މަސައްކަތް އިތުރަށް ލަސްވާނެކަމަށް އެ ރަށު ކައުންސިލްގެ ރައީސް ޔޫސުފް މޫސާ "ސަން"އަށްވަނީ ވިދާޅުވެފައެވެ.

މޫސާ ވިދާޅުވީ ކޮންމެ ބަޔަކު ކުރި ނަމަވެސް އެއީ ވަަރަށް ނާތަހުޒީބީ އަމަލެއްްކަމަށާއި ރަށަށް ލިބެން އޮތް ތަރައްގީއަކަށް ހުރަސް އެޅި އެޅުން ހަރުކަށިކޮށް ކުށްވެރި ކުރާ ކަމަށެވެ.

"އަޅުގަނޑު ކުށްވެރިކުރަން ކޮންމެ ބަޔަކު މި ކަން ކުރި ނަމަވެސް. އެއީ އެކަހަލަ އަމަލެއް އެއްވެސް ބަޔަކު ހިންގައިގެން ވެސް ނުވާނެ. އަޅުގަނޑު ވަރަށް ހިތާމަކުރަން މިކަހަލަ އަމަލެއް އަޅުގަނޑުމެންގެ ރަށުން ފެންނާތީވެ. ދެރަވަރު ކަމެއް މިއީ،" މޫސާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ހާދިސާގެ ސަބަބުން ލިބުނީ ކިހާ ބޮޑު ގެއްލުމެއްކަމެއް އެނގިނުލައްވާ ކަމަށެެވެ.

އެ ރަށު ފުޓުބޯޅަ ދަނޑުގެ ސަބް ބޭސް މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާއިރު އެތަން ހެދުމުގައި ރަނގަޅުކުރަން ހުރި ކަންކަން ވެސް މިހާރުވަނީ ރަނގަޅުކޮށްފައެވެ.

މި ކަމާ ގުޅިގެން ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ވަނީ މިއީ ގަސްތުގައި ހިންގި، ވަރަށް ފިނޑި އަމަލެއް ކަމަށް ވިދާޅުވެފައެވެ.

"އެތައް ގޮންޖެހުންތަކާއެކު ދިގުލައިގެން ދިޔަ ނޮޅިވަރަމްގެ ފުޓުބޯޅަ ދަނޑުގައި ޓާފް އަޅަން ތިން ދުވަހަށް ވުމާއެކު ބަޔަކު މިވަނީ ގަސްތުގައި ޓާފް ތަކުގައި ރޯކޮށްލާފަ. އެތައް މިލިއަން ރުފިޔާގެ ގެއްލުންދީ ގަސްތުގައި ރަށުގެ ތަރައްގީއަށް ހުރަސްއެޅުމަކީ ވަރަށް ދެރަ އަދި ފިނޑި އަމަލެއް،" މަހްލޫފު ވިދާޅުވިއެވެ.

ނޮޅިވަރަމް ފުޓުބޯޅަ ދަނޑު ތަރައްގީކުރުމަށް މަސައްކަތް ފަށަން އެންމެ ފުރަތަމަ ނިންމީ 2019ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރެއެވެ. ނަމަވެސް މަސައްކަތް ފެށުނީ އޭގެ އަހަރެއްހާ ދުވަސް ފަހުން 2020ވަނަ އަހަރުގެ ޑިސެމްބަރުގައެވެ. ނިންމަން ލަފާކޮށްފައި އޮތީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

comment ކޮމެންޓް