ކުޅިވަރާއި ޒުވާނުންނާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުލް ލަތީފް އަހުމަދު (އުދަރެސް ލަތީފް) އެ މަގާމުން ކުއްލި ގޮތަކަށް ވަކިކުރައްވައިފިއެވެ.
މިކަމާ ގުޅޭގޮތުން "ސަން" އަށް މައުލޫމާތު ދެއްވަމުން ލަތީފް ވަނީ އޭނާ މަގާމުން ވަކިކުރެއްވިކަން ކަށަވަރުކޮށްދެއްވާފައެވެ.
އޭނާ މަގާމުން ވަކިކުރިކަން އަންގާފައިވަނީ އިއްޔެ ރައީސް އޮފީހުން ފޮނުވި ސިޓީއަކުންނެވެ. ލަތީފު ވިދާޅުވި ގޮތުގައި އޭނާ ވަކިކުރިކަން އަންގާ ސިޓީ ފޮނުވީ ކުރިއާލައި އެއްވެސް އެންގުމަކާ ނުލައި ކުއްލި ގޮތަކަށެވެ.
ލަތީފް ވިދާޅުވީ އޭނާ މަގާމުން ވަކިކުރެއްވީ ސިޔާސީ މަގާމުތައް މަދުކުރެއްވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަމަށް ރައީސް އޮފީހުން ފޮނުއްވި ސިޓީގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އޭގެ އިތުރު ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށާއި، އޭނާއަކީ އަދާކުރައްވަމުން ގެންދެވި މަގާމުގެ މަސްއޫލިއްޔަތު އިޚްލާސްތެރިކަމާއެކު އަދާކުރެއްވި ބޭފުޅެއް ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑު ވަޒީފާއިން ވަކިކުރިކަން އެންގީ ރައީސް އޮފީހުން ފޮނުވި ސިޓީއަކުން. އެ ސިޓީގައި ބުނެފައި އޮތީ ސިޔާސީ މަގާމުތައް މަދުކުރުމުގެ ސިޔާސަތުގެ ދަށުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް. ކުރިން އެއްވެސް އެއްޗެއް އަންގާފައެއް ނެތް. ދެން ކޮށްދެއްވި ޚިދުމަތަށް ޝުކުރު އަދާކުރާ ކަމަށް ސިޓީގައި ބަޔާންކޮށްފަ، އިތުރު އެއްޗެއް ނެތް،" ލަތީފް ވިދާޅުވިއެވެ.
ލަތީފަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތައް ޕްރޮމޯޓުކުރުމުގައި އަމަލީ ގޮތުން ވަރަށް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅެކެވެ. މީގެ ކުރިން ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުވެސް ފުރުއްވި ލަތީފް، ސަރުކާރުގެ ވުޒާރާތަކަށް ގެނައި ބަދަލުތަކާއެކު ބަދަލުކުރެއްވީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ.
މީގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޭނާ ވަނީ ކްލެމެންސީ ބޯޑުގެ މެންބަރުކަން ވެސް ކުރައްވާފައެވެ.
މިކަމާ ގުޅޭގޮތުން ރައީސް އޮފީހުން ރަސްމީކޮށް އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.
ލަތީފް މަގާމުން ވަކިކުރައްވާފައި މިވަނީ ދާޚިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ފައިރޫޝް ވެސް ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވާފައިވާ ދަނޑިވަޅެއްގައެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ފައިރޫޝް މަގާމުން އިސްތިއުފާދެއްވާފައިވަނީ މިއަދުއެވެ.
މަގާމުން އިސްތިއުފާދެއްވުމަށްފަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފައިރޫޝް ވިދާޅުވި ގޮތުގައި، އެ ނިންމެވުން ނިންމެވީ ވަރަށް ބޮޑަށް ވިސްނެވުމަށް ފަހުގައެވެ. އަދި މިއީ އާންމު ޚިދުމަތުގެ މި ބާބު ނިންމާލަން އެންމެ ރަނގަޅު ވަގުތު ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.