ތުއްތުކުދިންގެ ކާނާ ރެޖިސްޓްރީ ނުކޮށް ވިއްކާތީ އެމްއެފްޑީއޭގެ އިންޒާރެއް!

ކުޑަ ކުއްޖަކަށް ކާންދެނިކޮށް --- ފޮޓޯ/ ގޫގުލް

ތުއްތު ކުދިންނަށް ދޭ ކާބޯތަކެތީގެ އުފެއްދުންތައް ރެޖިސްޓްރީ ނުކޮށް ވިއްކާ މައްސަލަ ބޮޑުވެ، އެފަދަ ފަރާތްތަކުގެ ނަން އާއްމު ކުރާނެ ކަމުގެ އިންޒާރު, މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފިއެވެ.

އެ އޮތޯރިޓީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް ހާއްސަ ކިރުގެ ބާވަތްތަކާއި އެއް އަހަރުން ދަށުގެ ކުޑަކުދިންނަށް ހާއްސަ ކޮށްގެން ތައްޔާރު ކޮށްފައިވާ ކާނާގެ ބާވަތްތައް ވިއްކަން ވާނީ އެ އޮތޯރިޓީގައި ރަޖިސްޓްރީ ކޮށްގެން ކަމަށެވެ.

ނަމަވެސް މިހާރަކަށް އައިސް އެމްއެފްޑީއޭގައި ރެޖިސްޓްރީ ކުރަން ޖެހޭ ކާބޯތަކެތި ރެޖިސްޓްރީ ނުކޮށް ސޯޝަލް މީޑިއާ މެދުވެރިކޮށް ގިނަ އަދަދަކަށް ވިއްކަމުން އަންނަ ކަން އެ އޮތޯރިޓީއަށް ފާހަގަކުރެއްވިފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

އެ އުފެއްދުންތައް އުފައްދައި ވިއްކާ ފަރާތްތަކުން އެމްއެފްޑީއޭގައި ރެޖިސްޓްރީވުމަށް އެއް މަހުގެ މުއްދަތެއް އެ އޮތޯރިޓީއިން ވަނީ ދީފައެވެ.

އެހެންކަމުން އެ އޮތޯރިޓީގެ ބަޔާނުގައި ބުނެފައިވާ ގޮތުގެ މަތިން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީ ނުވާ ފަރާތްތަކުގެ ނަން ހާމަކޮށް އާންމުކުރަން ފަށާނެއެވެ.

އެމްއެފްޑީއޭގެ ބަޔާނުގައި ވަނީ، ގަވައިދާ ޚިލާފަށް އުފެއްދުންތައް ވިއްކުމަކީ ފެންވަރާއި މިންގަނޑުތައް ނުހިފެހެއްޓި، ކާބޯތަކެތީގެ ރައްކާތެރިކަން ގެއްލިގެންދާނޭ ކަމެއް ކަމަށް ފާހަގަކޮށްފައެވެ.

comment ކޮމެންޓް