ފުޓްބޯޅަ ކުޅުން ހުއްޓާލުމަށް ފަހު ގެރެތު ބޭލް އެންމެ ފަހުން ގޮލްފް ދަނޑަށް

ގެރެތް ބޭލް. އޭނާ ދެން ފެންނާނީ ގޮލްފް ދަނޑުން-- ފޮޓޯ ގެޓީ

ދާދި ފަހުން ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފައިވާ ވޭލްސްގެ ކުރީގެ ކެޕްޓަން ގެރެތު ބޭލް އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އޭޓީއެންޓީ ޕެބުލް ބީޗް ގޮލްފް މުބާރާތުގައި ވާދަކުރާނޭކަން އިއުލާނުކޮށްފިއެވެ.

ބޭލްގެ އިންސްޓަގްރާމް ޕޯސްޓެއްގައި ބުނެފައިވަނީ، ކުރިއަށްއޮތް މަހުގެ ދެވަނަ ދުވަހު، އެމެރިކާގެ ކެލިފޯނިއާގައި ފެށުމަށް ހަމަޖެހިފައިވާ އޭޓީއެންޓީ ޕެބުލް ބީޗް ޕްރޯ ގޮލްފް މުބާރާތުގައި ވާދަކުރުމަށް ނިންމާފައިވާކަމަށެވެ. ހަތަރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތަކީ ނުވަ މިލިއަން ޑޮލަރުގެ އަގުހުރި މުބާރާތެކެވެ.

ބޭލް އާއެކު މި މުބާރާތުގައި މަޝްހޫރު ގޮލްފް ކުޅުންތެރިންކަމަށްވާ، އިނގިރޭސިވިލާތުގެ ފިޒްޕެޓްރިކް އާއި ދުނިޔޭގެ ރޭންކިންގެ ފަސް ވަނައިގަ މިވަގުތު ހުރި އެމެރިކާގެ ޕެޓްރިކް ކޭންޓްލޭ ބައިވެރިވެއެވެ.

އޭޓީއެންޓީ ޕެބުލް ބީޗް ޕްރޯ މުބާރާތުގައި ވާދަކުރާނޭކަމަށް ގެރެތު ބޭލް ބުނެފައިވާއިރު، ފުޓްބޯޅައިން ރިޓާޔާކުރުމަށްފަހު, ބޭލްގެ ހުރިހާވެސް ޝައުގުވެރިކަމެއް ހުރީ ގޮލްފަށްކަމަށް މީޑިއާތަކުން މީގެ ކުރިންވެސް ވަނީ ރިޕޯޓްކޮށްފައެވެ.

ބޭލް އަކީ ގޮލްފް ކުޅުމަށް އާދަޔާ ޚިލާފަށް ޝައުގުވެރިކަން ހުންނަ ކުޅުންތެރިއެކެވެ. ރެއާލް މެޑްރިޑުގައި ބޭލް ހޭދަކުރި ދުވަސްތަކުގައި ކްލަބުގެ ބައެއް މެޗުތައް ދޫކޮށްލުމަށްފަހު ގޮލްފް ކުޅެން ދާކަމަށްބުނެ، ރެއާލް މެޑްރިޑުގެ ސަޕޯޓަރުން ވަނީ މީގެކުރިން ނުރުހުންވެސް ފާޅުކޮށްފައެވެ.

އުމުރުން 33 އަހަރުގެ ގެރެތު ބޭލް ފުޓްބޯޅައިން ރިޓަޔާ ކުރިކަން އިއުލާނުކޮށްފައިވަނީ މިމަހުގެ ނުވަ ވަނަ ދުވަހުއެވެ. ބޭލް ފުޓުބޯޅަ ކުޅުން ހުއްޓާލަންޖެހުނު މައިގަނޑު ސަބަބަކީ، އަނިޔާ އާއި ފިޓްނަސްގެ މައްސަލަ ބޮޑުވެ، ކުޅެވޭވަރު ނުވެގެންނެވެ. ރެއާލް މެޑްރިޑުގައި ފަހުން މުޅިން ކަހަލަ ގޮތަކަށް އިންނަންޖެހެނީ ބެންޗުގައި ކުޅިބަލާށެވެ. ރިޓަޔާ ކުރުމުގެ ކުރިން ބޭލް އެންމެ ފަހުން ކުޅުނީ އެމެރިކާގެ މޭޖާލީގް ކްލަބް، ލޮސް އެންޖަލިސް އެފްސީއަށެވެ.

comment ކޮމެންޓް