ބާކީ މެޗެއް އޮއްވާ ހުރާ ކޮމިއުނިޓީ ކުލަބުން ވޮލީބޯލް ޗެމްޕިއަންޝިޕުގެ ޖާގައެއް ކަށަވަރުކޮށްފި

ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަނުގައި ހުރާ ކޮމިއުނިޓީ ކުލަބާއި ސީއެފްސީ ބައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ: މުޙައްމަދު ޝާން

ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަނުގައި މިއަދު ހަވީރު، ސިޓީ ފްރެންޑްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް، އެއް މެޗު ބާކީ އޮއްވައި ހުރާ ކޮމިއުނިޓީ ކުލަބު، ގައުމީ ވޮލީ ޗެމްޕިއަންޝިޕަށް ކޮލިފައިވެއްޖެއެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ކުޅުނު މި މެޗު ހުރާއިން ކާމިޔާބުކޮށްފައިވަނީ ތިން ސެޓު އެއް ސެޓުންނެވެ. އެޓީމުން މެޗުގެ ސެޓުތައް ގެންގޮސްފައިވަނީ، 16-25، 16-25، 25-19 އަދި 17-25 އިންނެވެ.

ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަނުގައި ހުރާ ކޮމިއުނިޓީ ކުލަބާއި ސީއެފްސީ ބައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ: މުޙައްމަދު ޝާން

މެޗުން ބަލިވުމާއެކު، ކުޅުނު ހަތަރު މެޗުންވެސް ބަލިވެ، ސިޓީ ފްރެންޑްސް ކުލަބު މިވަނީ މުބާރާތުން ކަޓާފައެވެ. އެހެންކަމުން ގައުމީ ވޮލީބޯޅަ ޗެމްޕިއަންޝިޕުގެ އަންހެން ޑިވިޝަނުގައި ވާދަކުރާނީ ކުލަބް ވެމްކޯ، ޕޮލިސް ކުލަބް، ކުލަބް އެމްޓީސީސީ އަދި ހުރާ ކޮމިއުނިޓީ ކުލަބެވެ.

ގައުމީ ވޮލީ ޗެމްޕިއަންޝިޕުގެ އަންހެން ޑިވިޝަނުގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ.

މުބާރާތުގެ ހުރިހާ މެޗެއް ވެސް ސަން ޕްލޭ އެޕް މެދުވެރިކޮށް ވަގުތުން ދުރަށް ދައްކާނެއެވެ. މެޗުގެ ޓިކެޓުގެ އަގަކީ ސޯޝަލް ސެންޓަރަށް ދުރުވާނަމަ 30 ރުފިޔާ އަދި އޮންލައިންކޮށް، ސަން ޕްލޭ އެޕް މެދުވެރިކޮށް ބައްލަވާނަމަ 25 ރުފިޔާއެވެ.

comment ކޮމެންޓް