ޔާމީން ވެސް އޯކޭ، ޕީޕީއެމް ވެސް އޯކޭ، ކޯލިޝަން ހަދަން އެއްވެސް ހުރަހެއް ނެތް!

ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަލާނަމަ، ރާއްޖޭގައި އޮތް އެންމެ ބޮޑު ދެ ސިޔާސީ ފިކުރުގެ ތެރެއިން ފިކުރަކަށް ވެރިކަމުގެ ބާރުތަކާ ހަމައަށް އާދެވެނީ ކޯލިޝަނެއްގެ ތެރެއިންނެވެ. ދެހާސް އަށް ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދަށް ވެސް ވެރިކަމަށް ވަޑައިގެންނެވުނީ ވެސް އިއްތިހާދެއްގެ ތެރެއިންނެވެ. ދެހާސް ތޭރަ ވަނަ އަހަރު ފުރަތަމަ ބުރުން ކާމިޔާބުނުވުމުން، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވެސް ވެރިކަމަށް ވަޑައިގެންނެވުނީ ހަމަ އެ މަގުންނެވެ. ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގަތީ ވެސް ހަމަ ކޯލިޝަނަކުންނެވެ.

މި ހުރިހާ ކޯލިޝަނެއްގައި ވެސް ކޮންމެ ފަހަރަކު ވެސް ދައުރެއް އަދާކުރާ ދެ ޕާޓީއެއް އޮވެއެވެ. އެއީ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއެވެ.

ރިޔާސީ އިންތިޚާބަކަށް އަހަރަކަށްވުރެ ކުޑަތަންވެފައިވާއިރު އަނެއްކާ ވެސް ދެން އުފެދޭނެ އެންމެ ބޮޑު ސުވާލަކީ މި ދެ ޕާޓީން މި އިންތިޚާބުގައި ގުޅޭނީ ކޮން ބަޔަކާތޯއެވެ.

ރައީސް ޔާމީންގެ ވެރިކަމަކީ ޚުދުމުހުތާރު، އަނިޔާވެރި ވެރިކަމެއް ކަމަށް ބުނެ، 2018 ވަނަ އަހަރު މި ދެ ޕާޓީން އެމްޑީޕީއާއެކު ކުރި މަސައްކަތް މި ފަހަރަށް އެއްފަރާތްކޮށް މި އިންތިޚާބުގައި ޔާމީނާއެކު މަސައްކަތްކުރަން ހަމަ "އޯކޭ" ވެދާނެތޯއެވެ؟

ޔާމީނަށް ވީތީ ޕީޕީއެމާއެކު މަސައްކަތް ނުކުރެވޭނެ ސަބަބެއް ނެތް

ޖުމްހޫރީ ޕާޓީއަކީ ރާއްޖޭގައި ތިންވަނައަށް އޮތް އެންމެ މެމްބަރުން ގިނަ ޕާޓީއެވެ. އެއީ ވެސް ވަކި ސިޔާސީ ޝަޚްސެކެވެ. ކޯލިޝަނެއްގެ ތެރޭ މަސައްކަތްކުރުމަކީ އެ ޕާޓީގެ މެމްބަރުންނަށް އާންމު ކަމެކެވެ. ކުރީ ވެރިކަމުގައި ރައީސް ނަޝީދާއި އެމްޑީޕީއަށް ދިމާވި ފިއްތުންތަކުން ސަލާމަތްވުމަށް ޓަކައި ވެސް އެ މަނިކުފާނު "ޒައިތޫނީ ފަތްކޯޅި" ހިއްޕަވައިގެން ވަޑައިގަތީ ޖުމްހޫރީ ޕާޓީއަށެވެ.

އެއީ އެ ޕާޓީއާ ސިޔާސީ ގޮތުން އެންމެ ޚިޔާލު ތަފާތު ބޭފުޅުންނެވެ. ނަމަވެސް އެ ފަހަރު އެމްޑީޕީއާއެކު މަސައްކަތްކުރަން ނިންމީ ރައީސް ޔާމީންގެ ވެރިކަމުގައި ސިޔާސީ ގޮތުން ލިބުނު ނުހައްގު އަނިޔާތައް ނިމުމަކަށް ގެނައުމަށް ކަމަށް އެ ޕާޓީގެ ސްޕޯކްސްޕާސަން، އަލީ ޞާލިހު ވިދާޅުވިއެވެ.

"އެއިރު ކޯލިޝަނެއް ހަދަންވެގެން ތިބިއްޔާ ތިބިހާ ބޭފުޅުން ވަޑައިގެންނެވި. އެއީ ސިޔާސީ ގޮތުން ޚިޔާލު ތަފާތު ބޭފުޅުން. ރައީސް މައުމޫން[އަބްދުލްގައްޔޫމް]، ރައީސް ނަޝީދު، އަޅުގަނޑުމެންގެ ލީޑަރު ގާސިމް އިބްރާހީމް، އަދި ޝެއިޚް އިމްރާން[އަބްދުﷲ]. މި ބޭފުޅުންގެ މެދުގައި އުފެދުނު ކޯލިޝަނަކުން މިހާރު ވެރިކަމުގައި މި ތިބީ،" މި ނޫހަށް އަލީ ވިދާޅުވިއެވެ.

ނަމަވެސް ކޮންމެ ފަހަރަކު ވެސް ވެރިކަން ލިބުމާއެކު ކޯލިޝަން އެއީ މާ މުހިންމު އެއްޗަކަށް ނަހަދައި އެ ރޫޅެން ދޫކޮށްލަނީއެވެ. ޖުމްހޫރީ ޕާޓީގެ މެމްބަރުން ބުނާ ގޮތުގައި، ރައީސް ޔާމީނަކީ އެފަދަ އެއް ބޭފުޅެކެވެ.

ޔާމީނާއެކު ހިތި ތަޖުރިބާއެއް ކުރަން ޖެހުނު ނަމަވެސް އަލުން މަސައްކަތްކުރުމަށް ހުރަހެއް ނެތްކަމަށް އެ ޕާޓީއިން ބުނެއެވެ.

އޮގަސްޓް 30، 2021: ޖުމްހޫރީ ޕާޓީއަށް މީހުން ސޮއިކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އަޅުގަނޑުމެންގެ ޕާޓީއާ މަޝްވަރާކުރެވޭނެ ހަމަ ކޮންމެ ބޭފުޅަކާ ވެސް. ޖުމްހޫރީ ޕާޓީއަކުން އެއްވެސް ޕާޓީއެއްގެ ލީޑަރަކަށް ވާންޖެހޭނީ މިވެނި ބޭފުޅެއްކަމަށް ކަނޑައަޅައި ޕާޓީއެއް ނޫން މިއީ. ވަކި ބޭފުޅަކު ހުރީތީ ވާހަކަ ނުދެއްކޭނެ ޕާޓީއެއް ވެސް ނޫން، ވަކި ބޭފުޅަކު ނެތަތީ ވާހަކަ ނުދެއްކޭނެ ޕާޓީއެއް ވެސް ނޫން. އަޅުގަނޑުމެންގެ މަޝްވަރާގެ މޭޒު އޮންނާނީ އަބަދު ވެސް ހުޅުވައިލައިފައި،" ޔާމީން ޕީޕީއެމްގެ ލީޑަރުކަން ކުރައްވާހާ ހިނދަކު އެ ޕާޓީއާއެކު އެއްވެސް ސިޔާސީ މަސައްކަތެއް ކޮށްފާނެތޯ ސުވާލުކުރުމުން އަލީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، މަސައްކަތްކުރާނެތޯ ނުކުރާނެތޯ ނިންމާނީ މުޅި ޕާޓީން ބަލައި، މާކްސް ދިނުމަށްފަހުއެވެ.

"އަޅުގަނޑުމެންނަށް ރައީސް ނަޝީދަކާ ވެސް ރައީސް ޔާމީނަކާ ވެސް ޕާޓީއާ އެއްވެސް މައްސަލައެއް ނެތް. އެ ބޭފުޅުން ކުރެއްވި ކަމެއް އެ ކުރެއްވެވީ،" މިސަރުކާރުގެ ސްޓޭޓް މިނިސްޓަރު އަލީ ވިދާޅުވިއެވެ.

މި ވާހަކަތަކުން، ޖޭޕީއަށް ރައީސް ޔާމީނާއެކު މަސައްކަތްކުރަން އެއްވެސް ހުރަހެއް ނެތްކަން ވަރަށް ސާފެވެ. އެ މަނިކުފާނުގެ ވެރިކަމުގައި ޖޭޕީއަށް "ނުހައްގު އަނިޔާ"ތަކެއް ލިބުނު ނަމަވެސް އެއީ އެކުގައި އަލުން މަސައްކަތްކުރަން ހުރަސް އެޅިދާނެ ފަދަ ކަމެއް ނޫންކަން ވެސް ހާމަވެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓް ހޯދުމަށް ރައީސް ޞާލިޙް މަސައްކަތް ކުރައްވާއިރު އެމަނިކުފާނުގެ ފަހަތުގައި ތިއްބެވި ކަމެއް ނުވަތަ ނޫން ކަމެއް އަދި ޖުމްހޫރީ ޕާޓީއަކުން ހާމައެއް ނުކުރެއެވެ. ނަމަވެސް މިސަރުކާރާ ދޭތެރޭ ވެސް އެ ޕާޓީގެ ޝަކުވާތަކެއް އެބަހުއްޓެވެ. އެގޮތުން މި ސަރުކާރުގެ ތެރެއިން ޖޭޕީއަށް ލިބުނީ އެއްބަސްވި އަދަދުގެ 10 ޕަސެންޓް ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއެވެ.

ގާސިމް އެގޮތަށް ވިދާޅުވާއިރު އެމަނިކުފާންގެ އަނބިކަނބަލުން އައިޝަތު ނަހްލާއަށް މިނިސްޓަރުކަން ދެއްވުމުގެ އިތުރުން ސަރުކާރާއި ސަރުކާރު ކުންފުނިތަކުގެ ގިނަ މަގާމުތަކެއް ޖޭޕީއަށް ވަނީ މިސަރުކާރުން ދީފައެވެ.

ބަލާނީ ސިޔާސަތަށާއި ކެޕޭސިޓީއަށް

އަދާލަތު ޕާޓީން ވެސް ގެންގުޅެނީ ޖުމްހޫރީ ޕާޓީއާ ދާދި އެއްކަހަލަ ވިސްނުމެކެވެ. އެއީ ވެސް މިދިޔަ ހުރިހާ ސަރުކާރެއް އުފެދުމުގައި ބައިވެރިވި ޕާޓީއެކެވެ.

އެ ޕާޓީގެ މަސައްކަތްތައް ބައްޓަން ކުރަމުން އައީ ދެ ވިސްނުމެއްގެ މައްޗަށެވެ. އެއީ ރާއްޖޭގައި އިސްލާމްދީނުގެ ކަންކަން ހިމާޔަތްކުރުމާއެކު އެކަމަށް ހުރަސް އެޅޭކަންކަމާ ދެކޮޅަށް މަސައްކަތްކުރުމެވެ. އަދި ގައުމީ ބޮޑެތި މައްސަލަތަކުގައި އަޑު އުފުލުމެވެ.

އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ނަޒީރު ވިދާޅުވާ ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ވެސް ގޮތެއް ނިންމާނީ ހަމަ އެ ދެ ކަމުގެ މައްޗަށް ބެލުމަށް ފަހުގައެވެ.

"ކުރިއަށް އޮތީ މުޅިން އާ ދައުރެއް. އެހެންވީމާ މި ދެންނެވި ކަންކަން ސިކުނޑީގައި ބަހައްޓައިގެން އަދާލަތު ޕާޓީން ގޮތެއް ނިންމާނީ. އެހެންނަމަވެސް ޕާޓީ މި އޮތީ ވަރަށް ބޮޑު ތަނުން ހުޅުވިފައި. ހުރިހާ ބާވަތެއްގެ މަޝްވަރާއަށް ވެސް އަދި އަޅުގަނޑުމެން މި ތިބީ ހުޅުވިގެން،" ނަޒީރު ވިދާޅުވިއެވެ.

ނަޒީރު ވިދާޅުވި ގޮތުގައި ވަކި ބޭފުޅަކު ޕާޓީއެއްގެ ލީޑަރުކަމުގައި ހުންނެވުމަކީ ނުވަތަ ރިޔާސީ ޓިކެޓުގައި ވާދަކުރައްވާނަމަ އެ ޕާޓީއަކާއެކު މަސައްކަތް ނުކުރަން ނިންމުމަކީ ވަރަށް ހަރުކަށި ވިސްނުމެކެވެ.

"ވަކި ކެނޑިޑޭޓެއް އެކަންޏެއް ނޫން އޭގައި ރިއާޔަތްކުރާނެ ކަމަކީ. އެ ބޭފުޅެއްގެ ކެޕޭސިޓީއާއި، އެ ބޭފުޅަކަށް އިންތިޚާބު ކާމިޔާބުކުރަން އޮތް ފުރުސަތާއި، އެ ބޭފުޅަކު ގެންގުޅުއްވާ ސިޔާސަތާ މި ހުރިހާ ކަމަކަށް ރިއާޔަތްކުރާނެ. އެހެންވީމާ ވަކި ބޭފުޅަކަށްވުރެ ބޮޑަށް އަޅުގަނޑަށް ހީވަނީ އެއްކަމަކަށްވުރެ ބޮޑަށް ރިއާޔަތްކޮށްގެންހެން ގޮތެއް ނިންމޭނީ. އެހެންވީމާ އަދި އަޅުގަނޑުމެން ވަކި ދިމާއަކަށް މިސްރާބެއް ނެތިން،" ނަޒީރު ވިދާޅުވިއެވެ.

ނަމަވެސް އަދާލަތުގެ ޕާޓީގެ ވެރިން މިހާރު ދައްކަވާ ވާހަކަފުޅުތަކަށް ބަލާއިރު އެ ޕާޓީއިން މިސަރުކާރުގެ ކޯލިޝަންގައި ތިބީ އުފަލުން ކަމަށް ބެލެވެއެވެ. މިއީ އަދާލަތު ޕާޓީއަށް އެންމެ ކާމިޔާބު ސިޔާސީ ދައުރު ކަމަށް ނަޒީރު ވެސް އެއްބަސްވެ ވަޑައިގަންނަވައެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯދެއްވުމަށް ވާދަކުރައްވާ ރައީސް ނަޝީދާމެދު ވިސްނާއިރު އެމަނިކުފާނަކީ ކޯލިޝަނާ ވަރަށް އިދިކޮޅު ބޭފުޅެކެވެ. ފާޅުގައި ކޯލިޝަންތަކަށް ފާޑުވިދާޅުވެއެވެ. ނަމަވެސް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން ކޯލިޝަން ހަދަން އެމަނިކުފާން ވެސް ފަހަތަކަށް ނުޖެހެއެވެ. ނަމަވެސް އެ ކޯލިޝަނެއް ދެމި އޮންނާނެ ކަމާމެދު ސުވާލު އުފެދެއެވެ.

ރިޔާސީ އިންތިޚާބަށް ގާތްގަނޑަކަށް މި އޮތް އަށް މަސްދުވަހުގެ ތެރޭގައި ރާއްޖޭގައި ސިޔާސީ މަސްރަހު ބަދަލުވެދާނެ ގޮތުގެ ކިތަންމެ ހާލަތެއް އެބައޮތެވެ. ނޭނގެނީ އެ ފުރޮޅިގެން ހިނގައިދާނެ ގޮތެވެ. އެނގޭ އެއްޗަކީ އެއް ޕާޓީއަކަށް މި ފަހަރުގެ އިންތިޚާބުވެސް ކާމިޔާބު ކުރުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމެވެ. ސިޔާސީ ވެރިންގެ މި ވާހަކަތަކަށް ބަލާއިރު ކުރިއަށް މި އޮތް ރިޔާސީ އިންތިޚާބަށް ފޯމޭޝަން އަތުރާލާއިރު، ޕީޕީއެމްގެ ސަފުތަކުން ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ ފެނުމަކީ ވަރަށް ގާތުގައިވާ ކަމެކެވެ.

ހަމައެހެންމެ ރައީސް ޞާލިޙަކީ ވެސް މަޝްވަރާއަށް ވަރަށް ކުޅަދާނަ ބޭފުޅެކެވެ. އެހެންކަމުން އެމަނިކުފާނަށް ރިޔާސީ ޓިކެޓް ލިބިއްޖެނަމަ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ރައީސް ޞާލިޙާއެކު މަސައްކަތް ކުރުމަކީ ވެސް ދުރުގައި އޮތް ކަމެއް ނޫނެވެ. ޔަގީންވާ ކަމަކީ މިފަހަރުގެ އިންތިޚާބުގެ ނަތީޖާ ވެސް ބޮޑަށް ބުރަވާނީ ކޯލިޝަނަކަށް ކަމެވެ.

comment ކޮމެންޓް