ގައުމީ ޔުނިވާސިޓީގެ ތެވެލި މަހާސިންތާ އޮގަސްޓް މަހު ބާއްވަނީ

އެމްއެންޔޫއިން މީގެކުރިން ބޭއްވި ތެވެލި މަހާސިންތާ އެއްގެ ތެރެއިން---

ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން އިލްމީ، ދިރާސާތައް ހުށަހެޅުމުގެ ގޮތުން ބާއްވަމުން އަންނަ ތެވެލި ބައިނަލްއަގުވާމީ މަހާސިންތާގެ މިއަހަރުގެ މަހާސިންތާ އޮގަސްޓްމަހު ބޭއްވުމަށް ތާވަލުކޮށްފިއެވެ.

އެމްއެންޔޫއިން ބުނީ ހަވަނަ ތެވެލި މަހާސިންތާ މިއަހަރުގެ އޮގަސްޓްމަހުގެ 21 އަދި 22 ގައި ބޭއްވުމަށް ނިންމާފައިވާކަމަށެވެ. މިފަހަރުގެ މަހާސިންތާ ޚާއްޞަކޮށްފައިވަނީ، ދިރާސާތަކުގެ ނަތީޖާގެ އަލީގައި ސިޔާސަތުތައް ބިނާކުރުމަށެވެ.

މި މަހާސިންތާއަކީ ތަފާތު އެކި ޑިސިޕްލިންތަކުން ޢިލްމީ ދިރާސާތައް ހުށަހެޅުމަށް ދުނިޔޭގެ އެކި ޤައުމުތަކުގެ ސްކޮލަރުން ބައިވެރިވެގެން ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އެއް މަހާސިންތާ ކަމަށާއި މި ކޮންފަރަންސް ބޭއްވުމުގެ އެންމެ މުހިންމު މަޤުޞަދަކީ ރާއްޖޭގެ މަތީ ތަޢުލީމުގެ ނިޒާމަކީ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދެވޭ ނިޒާމަކަށް ހެދުމާއި ޤައުމީ ޔުނިވާސިޓީއަކީ ޢިލްމު އުފައްދާ، ޢިލްމު ކުރިއަރުވާ ޔުނިވާސިޓީއަކަށް ހެދުންކަމަށް އެމްއެންޔޫއިން ބުންޏެވެ.

ރާއްޖެއަށް ބޭނުންވާ ޢިލްމީ ދިރާސާތައް ކުރުމާއި ޤައުމީ މުހިންމު ނިންމުންތައް ނިންމުމުގައި ޢިލްމީ ދިރާސާގެ އަލީގައި ޤައުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމުގައި އެހީތެރިވެ ދިނުމާއި ޑޮކްޓާ އޮފް ފިލޯސަފީ ހަދަމުންދާ ދަރިވަރުންނަށާއި މުވައްޒަފުންނަށް އެހީތެރިވުން ހިމެނޭކަމަށް އެމްއެންޔޫއިން ބުނެއެވެ.

ޔުނިވާސިޓީގެ ރިސާޗް ޑިވެލޮޕްމަންޓް އޮފީހުން ރާވައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަހާސިންތާގައި ރާއްޖޭން ބޭރުގެ ޔުނިވާސިޓީތަކުގެ ޕޮރްފެސަރުންނާއި ދުނިޔެއަށް މަޝްހޫރު ޢިލްމީ ދިރާސާތައް ހައްދަވާ ޕްރޮފެސަރުންގެ އިތުރުން، ކުންފުނިތަކުން ހަދާފައިވާ ޢިލްމީ ހޯދުންތަކާއި ޤައުމީ ލެވެލްގައި ހޯދިފައިވާ ހޯދުންތަކާއި ދިވެހިން ޢިލްމީ ގޮތުން ހޯދައިފައިވާ ހޯދުންތަށް އެކި ސެޝަންސްތަކުގައި ހުށަހެޅުޅިގެންދާނެއެވެ.

މި މަހާސިންތާގައި އިގިރޭސި، ދިވެހި ނުވަތަ ޢަރަބި ބަހުން ޕޭޕަރު ހުށަހެޅޭނެއެވެ.

އެމްއެންޔޫއަކީ ދިރާސާކުރުމަށް ޚާއްޞަ ސަމާލުކަމެއްދީގެން ފަންނީ ޢިލްމީ ދިރާސާތައް އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ޔުނިވަރސިޓީއަކަށްވުމާއެކު، މި ކޮންފަރެންސަކީ ޔުނިވާސިޓީއަށާއި ރާއްޖެއަށް މުހިންމު ޢިލްމީ ދިރާސާތަކުގެ މަޢުލޫމާތާއި ތަޖުރިބާ ހިއްސާކުރެވޭނެ ޚާއްޞަ މަހާސިންތާއަކަށް ވެގެންދާނޭކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.

އެމްއެންޔޫއިން މިދިޔަ އަހަރު ބޭއްވި ތެވެލީގެ ފަސްވަނަ މަހާސިންތާ ހާއްސަކޮށްފައި ވަނީ ގައުމު ބިނާކުރުމަށްޓަކައި ކުރާ ދިރާސާތަކަށެވެ.

comment ކޮމެންޓް