ޖިންސީ ގޯނާގެ ތުހުމަތުތަކާއެކު އިންޑިއާގެ ރެސްލިން ފެޑެރޭޝަނާ ދެކޮޅަށް ބޮޑު މުޒާހަރާއެއް

އިންޑިއާގެ ވެރި ރަށް ނިއު ދިއްލީގައި ޖިންސީ ގޯނާއާ ގުޅިގެން އެ ޤައުމުގެ ރެސްލިން ކުޅުންތެރިން ކުރަމުން އައި މުޒާހަރާގެ ތެރެއިން -- ފޮޓޯ/ ރޮއިޓާސް

އިންޑިއާގެ ރެސްލިން ފެޑެރޭޝަންގެ އިސް ވެރިޔާ އާއި ބައެއް ކޯޗުންނާ ދެކޮޅަށް ޖިންސީ ގޯނާގެ ތުހުމަތުތައް ފެންމަތިވުމާ ގުޅިގެން އެގައުމުގެ ރެސްލިން ކުޅުންތެރިން މުޒާހަރާކޮށް، އެ މީހުންގެ ގޮވާލުންތަކަށް ސަރުކާރުގެ ބަހެއް ހޯދައިފިއެވެ.

މިދިޔަ ބުދަ ދުވަހު އެ މުޒާހަރާ ފެށީ، ރެސްލިން ފެޑެރޭޝަންގެ ރައީސް ބްރިޖްބޫޝަން ޝަރަން ސިންގް، ޒުވާން އަންހެން އެތުލީޓުންނަށް ޖިންސީ ގޮތުންނާއި ނަފްސާނީ ގޮތުން ގޯނާ ކުރި ކަމަށް ތުހުމަތުކޮށެވެ. އެ މުޒާހަރާގައި އިސްކޮށް ތިބީ އޮލިމްޕިކްސްގައި ލޯ މެޑަލް ހޯދި ދެ ކުޅުންތެރިން ކަމަށްވާ ސަކްޝީ މަލިކް އާއި ބަޖުރަންގް ޕޫނިއާއެވެ.

ނިއު ދިއްލީގައި ހުންނަ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތުގެ ކައިރީގައި ކުރިއަށްގެންދިޔަ އެ މުޒާހަރާގައި އެ ގައުމުގެ މަތީ ފަންތީގެ ރެސްލިން ކުޅުންތެރިންނާއެކު ގާތްގަނޑަކަށް 200 ސަޕޯޓަރުން ބައިވެރިވިއެވެ.

އެ މުޒާހަރާގެ ބައިވެރިން ވަނީ ރެސްލިން ފެޑެރޭޝަންގެ ރައީސް ސިންގް އެހެން ބައެއް އޮފިޝަލުން މަގާމުން ވަކިކުރުމަށް ގޮވާލައި، ސިންގް މަގާމުން ވަކިކުރަން ދެން ހުރިހާ މުބާރާތެއް ބޮއިކޮޓް ކުރާނެ ކަމަށް ބުނެފައެވެ.

އެ މުޒާހަރާ ނިންމާލީ، އެތުލީޓުންނަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ ތުހުމަތުތަކުގެ ތަހުގީގު ހަތަރު ހަފުތާ ތެރޭގައި ނިންމާނެ ކަމުގެ ޔަގީންކަން އިންޑިއާގެ ސްޕޯޓްސް މިނިސްޓަރު އަނޫރާގް ސިންގް ތާކޫރު ދެއްވުމުންނެވެ. އޭނާ ވަނީ އެ މައްސަލަ ބަލައި ނިމެންދެން ސިންގް މަގާމުގެ މަސްއޫލިއްޔަތުތަކާ ދުރުވާނެ ކަމަށާއި އޭނާ ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވެފައެވެ.

މުޒާހަރާ ހުއްޓާލަން ނިންމިކަން އިއުލާން ކުރަމުން ޕޫނިއާ ވަނީ ސަރުކާރުން އެ މައްސަލަ ތަހުގީގު ކުރަން ވައުދުވެފައިވާތީ އެކަމަށް މަރުހަބާ ކިޔާފައެވެ. އަދި އެ މީހުން މުޒާހަރާ ކުރަނީ ސަރުކާރާ ދެކޮޅަށް ނޫން ކަމަށާއި އެއީ ރެސްލިން ފެޑެރޭޝަނާއި އެތަނުގެ ރައީސާ ދެކޮޅަށް ކުރި މުޒާހަރާއެއްކަން ފާހަގަކޮށްފައެވެ.

މީގެ ކުރިން ބައެއް މީޑިއާތަކާ ވާހަކަދައްކަމުން ސިންގް ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގުކޮށްފައެވެ. އަދި އެއީ އޭނާގެ މަގާމު އަތުލުމަށް ސިޔާސީ ރޭވުމެއްގެ ދަށުން ކުރަމުންދާ ތުހުމަތުތަކެއް ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ސިންގް ވަނީ، ޖިންސީ ގޯނާގެ ތުހުމަތު ސާބިތުވެއްޖެ ނަމަ މަރުގެ އަދަބާ ކުރިމަތިލާން ތައްޔާރަށް ހުރި ކަމަށް ވެސް ބުނެފައެވެ.

comment ކޮމެންޓް