ނިއުޒީލެންޑްގެ ބޮޑުވަޒީރުގެ މަގާމަށް ކްރިސް ހިޕްކިންސް

ނިއުޒީލެންޑްގެ ފުލުހުންނާއި ތައުލީމާއި އާންމު ހިދުމަތުގެ ވަޒީރު، ކްރިސް ހިޕްކިންސް ބޮޑުވަޒީރު ކަމަށް ވަޑައިގަތުމަށް ނިންމަނީ -- ފޮޓޯ/ ބީބީސީ

ނިއުޒީލެންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާޑަންއަށް ފަހު، އެ މަގާމަށް ޕޮލިސް އެންޑް އެޑިއުކޭޝަން މިނިސްޓަރު ކްރިސް ހިޕްކިންސް އައްޔަންކުރަން ނިންމައިފިއެވެ.

ބޮޑުވަޒީރު އާޑަން ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ހިޕްކިންސް އެ މަގާމަށް އައްޔަން ކުރަން ނިންމާފައި ވަނީ، ވެރިކަން ކުރާ ލޭބާ ޕާޓީން އެ މަގާމަށް ނަން ހުށަހެޅި ހަމައެކަނި މީހަކީ އޭނާ ކަމަށް ވާތީއެވެ.

އުމުރުން 44 އަހަރުގެ ހިޕްކިންސް މިހާރު ހުންނެވީ އެ ގައުމުގެ ފުލުހުންނާއި ތައުލީމާއި އާންމު ޚިދުމަތުގެ ވަޒީރުގެ މަގާމުގައެވެ.

ހިޕްކިންސް ބޮޑުވަޒީރުގެ މަގާމާ ރަސްމީކޮށް ހަވާލުވާނީ މާދަމާ އެގައުމުގެ ޕާލިމެންޓުގައި ބާއްވާ ބައްދަލުވުމުގައި ލޭބާ ޕާޓީގެ މެމްބަރުން ރަސްމީކޮށް އޭނާއަށް ތާއިދުކުރުމުންނެވެ.

އެ ތާއީދު އޭނާއަށް ލިބިއްޖެނަމަ، އާޑަން ރަސްމީކޮށް އިސްތިއުފާ ދެއްވާނެއެވެ. އޭނާ އިސްތިއުފާ ހުށަހަޅުއްވާނީ ގަވަރުނަރު ޖެނެރަލަށެވެ. އެއަށްފަހު ރަސްގެފާނު ޗާލްސް ތިންވަނައިގެ ފަރާތުން ބޮޑުވަޒީރު ކަމަށް ހިޕްކިންސް އައްޔަން ކުރައްވާނެއެވެ.

"އަހަރެން ވަރަށް ފަޚުރުވެރިވޭ މި ޒިންމާ ނަގަން. އެއީ އަހަރެންގެ ހަޔާތުގައި ނެގޭ އެންމެ ބޮޑު ޒިންމާ،" ހިޕްކިންސް ވިދާޅުވިއެވެ.

ނިއު ޒިލެންޑަށް އާ ސަރުކާރެއް ހޮވުމަށް އަންނަ އޮކްޓޯބަރު މަހުގެ 14އިގައި އާންމު އިންތިޚާބެއް ބާއްވާނެއެވެ.

ހިޕްކިންސް ބޮޑުވަޒީރު ކަމާ ހަވާލުވަނީ އެގައުމުގައި އިންފްލޭޝަން މަތިވެ، ހިޔާލު ހޯދުމުގެ ވޯޓުތަކުން އާޑަން އާއި ލޭބާ ޕާޓީއަށް އޮތް ތާއިދު ވެސް ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ.

ހިޕްކިންސް ޕާލިމެންޓަށް އެންމެ ފުރަތަމަ އިންތިހާބުވެވަޑައިގަތީ 2008 ވަނަ އަހަރެވެ. އޭގެ ފަހުން 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު އޭނާ ކޮވިޑް-19ގެ މިނިސްޓަރު ކަމަށް އައްޔަންކުރިއެވެ.

ނިއު ޒީލެންޑުގެ ބޮޑުވަޒީރު ޖަސިންދާ އާޑާން -- ފޮޓޯ: އޭއެފްޕީ

އާޑަން ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވަން ނިންމެވިކަން މިދިޔަ ބުރާސްފަތި ދުވަހު ކުއްލި ގޮތަކަށް އިއުލާން ކުރެއްވީ، އެކަމަނާއަށް ވަޒީފާގެ ޒިންމާތައް ދެން އިތުރަށް އަދާކުރެވެން ނެތް ކަމަށް ވިދާޅުވެއެވެ.

ނިއު ޒިލެންޑުގައި 2020 ވަނަ އަހަރު ބޭއްވި އާންމު އިންތިޚާބުން ތާރީޚީ ކާމިޔާބީއެއް ހޯއްދަވައި، ދެވަނަ ދައުރެއް ހޯއްދެވި އާޑާން ވަނީ އޭނާގެ ވެރިކަމުގައި އެގައުމުގެ އިތުރުން ބޭރު ދުނިޔޭގެ ގިނަ ބަޔެއްގެ ލޯބި ހޯއްދަވާފައެވެ. އެގޮތުން ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަމަލު ކުރެއްވި ގޮތާއި އެގައުމުގެ ދެ މިސްކިތަކަށް ބަޑީގެ ހަމަލާ ދިން ހާދިސާއާ ގުޅިގެން އެކަމަނާ އެޅުއްވި ފިޔަވަޅުތަކަށް ގިނަ ބަޔެއްގެ ތައުރީފު ލިބުނެވެ.

comment ކޮމެންޓް