ދައްޗާއި އުނދަގުލުން ބިނާކުރި ހަޔާތާއި ވެލްނެސް ބައި ނާޒީ

އޭނާގެ ހިތުގައި ކަސްރަތަށް ލޯބި ނެތް ޒަމާނެއް ހަނދާން ވެސް ނެތެވެ. ދާއިރާގައި އެތައް ޒުވާން ކުދިންނެއް ތަމްރީނުކޮށް މުޖުތަމައުއަށް ނެރެދީފިއެވެ. އެތައް ގަދަ ކަނޑެއް ހުރަސް ކުރުމަށް ފަހު މިއަދު އޭނާގެ އަމިއްލަ ޖިމެއް ހުޅުވާ ކާބިޔާބުކަމާއެކު ކަސްރަތުގެ ދުނިޔޭގައި ވަނީ ފައިތިލަ ހަމަކޮށްފައެވެ. ނަމަވެސް މި ކާބިޔާބީގެ ފަހަތުގައި ވަނީ ހަމައެކަނި އުފަލާއި ހިނިތުންވުމެއް ނޫނެވެ. ނާޒިމާ އަލީ (ނާޒީ)އާއި އޭނާގެ ވެލްނެސް ބައި ނާޒީގެ ފަހަތުގައި ވަނީ އަހަރުތަކެއް ވަންދެން އޭނާ ކުރި ބުރަ މަސައްކަތެވެ. ވެލްނަސް ބައި ނާޒީ އަކީ އޭނާގެ އަމިއްލަ ދެއަތުން ކުރި ބުރަ މަސައްކަތުގެ ފޮނި ނަތީޖާއެވެ.

އަބަދުވެސް ކަސްރަތު ކުރުމަށް ޝައުގުވެރިކަން ހުރޭ

އުމުރުން މިހާރު 51 އަހަރުގެ ނާޒީ ފިޓްނަސްގެ ދާއިރާގައި އުޅޭތާ 25 އަހަރު ވެއްޖެއެވެ. އޭނާއަކީ ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ފިޓްނެސް ޓްރެއިނަރުންގެ ތެރެއިން އެކަކެވެ. ހަމައެކަނި އަންހެނުންނަށް ޚާއްސަކޮށް އޭނާގެ "ވެލްނެސް ބައި ނާޒީ" ހުޅުވިތާ މިއީ 14ވަނަ އަހަރެވެ.

ފިޓްނަސްގެ ދުނިޔެއަށް އޭނާ ފުރަތަމަ ފިޔަވަޅު އެޅީ އުމުރުން ގާތްގަނޑަކަށް އެންމެ 15 އަހަރުގައެވެ.

"އޭރު ގޭ އެންމެން ދާނެ މަސަލް ލޯޑް ކިޔާތަނަކަށް މާލޭގަ އިންނަ. އެތަނުގަ އޭރުގަ ލަންކާ މީހަކު ނަގައިދޭނީ ސްޓެޕް އެރޮބިކްސް ކްލާސްތައް. އެތަނުން ފުރަތަމަ ސްޓެޕް އެރޮބިކްސް ކްލާސްތައް ދަސްކުރީ،" ދާއިރާއަށް ވަދެވުނު ގޮތް ކިޔައިދެމުން ނާޒީ ބުންޏެވެ.

ފިޓްނަސްގެ ދާއިރާއަށް ލޯ ހުޅުވި ދާއިރާއަށް ވަދެވުނު ދުވަސްވަރު އޭނާ ގިނަ ޖިމް ތަކެއްގައި ފްރީލާންސްކޮށް މަސައްކަތްކުރިއެވެ. އެގޮތުން މާލެ ފިޓްނަސް ކްލަބް، ހީޓް، ޝެރީ އަދި ޒުވާނުންގެ މަރުކަޒުގައި ނާޒީ ކަސްރަތު ކްލާސްތައް ނަގައިދިނެވެ.

"އެގޮތަށް ފްރީލާންސްކޮށް މަސައްކަތް ކުރަން ހުއްޓަ ހީޓުން އޮފާ ކުރާނީ މަސައްކަތްކުރަން. ހީޓުން އޮފާކޮށްގެން އެތާ އުޅުންއިރު ބޮޑީ ޕަމްޕް، ބޮޑީ ކޮމްބެޓް ހަދައިގެން އެތާންގަ ކްލާސްތައް ނަގައިދިނީ،" އޭނާ ބުންޏެވެ.

ނަމަވެސް 2010 ވަނަ އަހަރު އޭނާ އެންމެ ހަގު ދަރިފުޅު ވިހެއުމަށް މަސައްކަތާ ދުރަށް ޖެހިލިއެވެ.

"ދރިފުޅަށް ގާތްގަނޑަކަށް އަހަރެއްވީތަނާ ދުންޔާ މައުމޫންގެ ފަރާތުން އެމްޕަވާ ފިޓްނަސް ހުޅުވަން ވެގެން އެތާ މަސައްކަތްކުރަން އޮފާ ލިބުނީ،" ނާޒީ ކިޔައިދިނެވެ.

މާޔޫސްކަމުގެ ތެރެއިން ވެލްނެސް ބައި ނާޒީ

ތިންވަނަ ދަރިފުޅު ވިހެއުމަށް ނެގި ކުޑަ ޗުއްޓީއަކަށް ފަހު މަސައްކަތަށް އެނބުރި ދިޔަ ނަމަވެސް، އޭނާއަށް ދެން ދިމާވީ އެއްގޮތަކަށް ވެސް އުންމީދުކޮށްގެން ހުރި ކަމަކާ ނޫނެވެ. ކުޑަ ދަރިފުޅު މާ ބޮޑަށް ބަލިވެ ބޭރަށް ދާންޖެހުނީއެވެ. އަދި ގޭގައި ދަރިފުޅާއެކު ހޭދަކުރާ ވަގުތު ގިނަ ކުރަންޖެހުނެވެ.

"ދެވަނަ ފަހަރަށް ނޫނީ ތިން ވަނަ ފަހަރަށް ފުރައިގެން ދާންޖެހުނީމަ ދުންޔާ މައުމޫން ބުނީ ދެން ގޭގަ މަޑުކޮށްލާށޭ،" ނާޒީ ބުންޏެވެ.

އެ ހިސާބުން އޭނާ ވަށާލީ މާޔޫސްކަމެވެ. ތިން އަންހެން ދަރިންނާއެކު އެކަނިވެރި މައެއްގެ ޒިންމާ އަދާކުރަމުން ވަޒީފާއަކަށް ނުގޮސް ހުންނާނެ ގޮތެއް ނެތުމުން ފިކުރުބޮޑުވިއެވެ. ހާލަތު ބަދަލުކުރުމަށް ހަދާނެ ގޮތަކާމެދު އޭނާ މަޝްވަރާ ކުރީ އޭރު ވެސް އަދި މިހާރުވެސް ފިޓްނެސް ދާއިރާގައި ނަން މަޝްހޫރު، ހުސައިން ޒިނާނާއެވެ.

"ޒިނާން ދިން އައިޑިއާއެއް އެއީ ބޮޑު ލިވިން ރޫމެއް އިންނަ ތަނެއް ނަގާފަ ޓްރެޑްމިލްއަކާ އެއްޗެހި ނަގައިގެން ކަސްރަތު ކޮށްދޭން ފަށަން. ދެން ޝޭޑީ ކެބިންގެ ފަސްވަނަ ފްލޯ ނެގީ. ނީންނާނެ ލިފްޓެއް ވެސް،" ނާޒީ ބުންޏެވެ.

ނާޒީއަށް އާ ހިއްވަރެއް ލިބުނީ، ފަސްވަނަ ބުރިއަށް ސިޑިން އަރައިގެން ވެސް 50ވަރަކަށް މީހުން އޭނާ ކައިރިއަށް ކަސްރަތު ކްލާސްތައް ނަގަން އަންނަން ފެށުމުންނެވެ. އެގޮތަށް ކްލާސްތައް ނަގައިދެމުން ދަނިކޮށް މާބްލް ހޮޓެލްގައި ދޫކޮށްލާފައި ޖިމެއް އިންކަން ރައްޓެއްސެން މެދުވެރިކޮށް އޭނާއަށް އެނގުނެވެ. އެހިސާބުން އޭނާ މާބްލް ހޮޓަލުގެ ވެރިންނާ ވާހަކަ ދައްކައިގެން އެ ޖިމް ކުއްޔަށް ނެގީއެވެ.

ނާޒީގެ ޖިމަކީ އަންހެން ޓްރެއިނަރުންނާއެކު ހަމައެކަނި އަންހެނުންނަށް ޚާއްސަކޮށް ފުރަތަމަ ހުޅުވި ޖިމެކެވެ. ހަމައެކަނި އަންހެނުންގެ ޖިމެއް ހުޅުވަން ޚިޔާލަށް އައީ ކިހިތެއްތޯ ސުވާލުކުރުމުން ނާޒީ ބުނީ، އޭނާ ޓްރެއިން ކޮށްދޭ ގިނަ އަންހެނުންނަކީ ބުރުގާ އަޅާ މީހުން ކަމަށެވެ. އަދި ފިރިހެނުންނާ އެއް މާހައުލެއްގައި ކަސްރަތުކުރަން އެމީހުންނަށް އުދަގޫ ވާކަމަށާއި ބައެއް މީހުން ކަސްރަތުކުރާ ވަގުތު ބުރުގާ ނަގަން ބޭނުންވާކަމަށް އޭނާ ބުންޏެވެ.

މީގެ 14 އަހަރުކުރިން މާބުލް ހޮޓެލްގައި ފެށި ވެލްނެސް ބައި ނާޒީ މިއަދު ވެސް ހަމަ އެ މާބުލް ހޮޓެލްގައި ދަނީ ކުރިއަށެވެ. ވެލްނެސް ބައި ނާޒީ އަކަށް ހުއްޓުމެއް މަޑުޖެހުމެއް ނެތެވެ.

އެތައް އޮޅިއެއް ގިރާކުރި އިރު އެންމެ ބޮޑު ގޮންޖެހުމަކީ ލޯނު ލިބުމުގައި ހުރި ދަތިތައް

ގިނަ ބައެއްގެ އެހީއާއެކު އަމިއްލަ ވިޔަފާރިއެއް ފަށާ އެ މަސައްކަތް ކޮޅަށްޖަހަން ނާޒީ އެތައް މަސައްކަތެއް ކުރިއެވެ. ދަތި އުނދަގޫ އެތައް އޮޅިއެއް ގިރާކުރިއެވެ.

ނާޒީ ބުނިގޮތުގައި މާލޭގައި ޖިމް ހުޅުވިތާ މާގިނަ ދުވަހެއް ނުވެ، އޭނާ ހުޅުމާލެއަށް ބަދަލުވާން ޖެހުނެވެ. އެ ހިސާބުން ކޮންމެ ދުވަހަކު ފެރީގައި މާލެއައިސް ޖިމްގައި މަސައްކަތް ކުރުމުގެ އިތުރުން ދަރިންގެ ކަންކަމަށް އޭނާ މާލެއާއި ހުޅުމާލެއާ ދެމެދު ގިނަ ދަތުރުތަކެއް އެކަނި ކުރަންޖެހުނެވެ.

"ދެން އޭރު ބްރިޖެއް ނޯންނާނެ ފެރީގަ ކުދިން ސްކޫލަށް ލާން ޖެހޭނެ ބަލާ ދާންޖެހޭނެ. ކުރަން ހުރި ހުރިހާ ކަމެއް ހުއްޓާލާފަ ހަމަ ދާންޖެހޭނީ،" އޭނާ ބުންޏެވެ.

ނާޒީ ބުނިގޮތުގައި އެ ހުރިހާ ހުރަހަކާ އެކުވެސް އޭނާއަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ އޭނާފަދަ މީހުނަށް ލޯނު ނެގުމުގައި ހުރި ދަތިތަކެވެ.

"ވާގޮތަކީ އަމިއްލަ ގެދޮރު ނެތިފަ އަމިއްލަ މުދާ ނެތީމަކާ ލޯނެއް ނުލިބޭނެ. ލޯނެއް ނަގަން ބޭންކަށް ދިޔައީމަ މި ބުނަނީ ނެތް ހެއްޔޭ ރަޖިސްޓްރީއެއް ބާއްވާނެ. އެއީ އެންމެ އުނދަގޫވި ކަމަކީ،" ނާޒީ ބުންޏެވެ.

ލޯނެއް ނުލިބުމުގެ ސަބަބުން ޖިމަށް ބޭނުންވާ އެއްޗެހި ނުގަނެވި ބައެއްފަހަރު ލަސްވާކަމަށް ނާޒީ ބުންޏެވެ. އަދި އެއްޗިހި ގަންނަން ޖެހެނީ ލިބޭ ފައިސާ ބާކީ ކޮށް އެތައް ދުވަހަކު ގިނަކުރުމަށް ފަހު ކަމަށް އޭނާ ބުންޏެވެ.

ދާއިރާއަކީ ޒުވާނުންނާ އެކަށީގެންވާ ދާއިރާއެއް

މާލޭގައި މިހާރު ޖިމްތައް ކަންމަތީ ފިހާރަހާ ގިނައެވެ. ދާއިރާގައި އެތަކެއް ފުރުސަތެއް އެބައޮތެވެ. ނާޒީ ބުނީ މިއީ ޒުވާނުންނާ ގުޅޭ އަދި ޒުވާނުން މަސައްކަތް ކުރަން ރަނގަޅު ދާއިރާއެއް ކަމަށެވެ.

"މީހާ ފިޓްކޮށް ހުރެފަ އެހެން މީހުނަށް ކޮށްދެވޭ ވަރަށް ރަނގަޅު ކަމެއް މީ،" ނާޒީ ބުންޏެވެ.

ރާއްޖޭގައި މިހާރު ފިޓްނަސް ޓްރެއިނަރުންނަށް ވުމަށް ވެސް ގިނަ ފުރުސަތުތަކެއް ހުޅުވާލާފައިވެއެވެ. އެހެންކަމުން ފިޓްނަސް ދާއިރާއަށް ނުކުތުމަކީ ހާމައަށް މަގު ފަހިވެފައި އޮތް ކަމެކެވެ.

ނަމަވެސް ނާޒީ ފާހަގަކުރީ، ފިޓްނަސް އިތުރަށް ކުރި އަރުވަން އޭގެ ތެރެއަށް އިތުރު ކަންކަން މިހާރު ތައާރަފް ކުރަންޖެހޭ ކަމަށެވެ. އެގޮތުން ތަފާތު ވައްތަރުގެ ކަސްރަތުތަކާއި ޒުންބާ އަދި ގްރޫޕު ފިޓްނަސް ތައާރަފް ކޮށްގެން މި ދާއިރާ އަދިވެސް ކުރިލާ ހެދޭނެކަމަށް އޭނާ ބުންޏެވެ.

ނާޒީގެ ފިޓްނެސް ދަތުރުގައި އޭނާ ކުރިމަތިލީ ކަންކަމުން ހާމަކޮށްދެނީ، ކާމިޔާބީއަށް ވާސިލްވާން އޮންނަ މަގަކީ ބުރަ އަދި އަނދިރި މަގެއް ކަމެވެ. ނަމަވެސް ކެރިގެން ކުރިމަތި ލައިފި ކޮންމެ މީހަކަށް ކާމިޔާބީއަށް ވާސިލްވާނެކަމެވެ. އޭނާގެ ހަޔާތުގައި އެތައް ކަމަކާ ކުރިމަތި ލައިފިއެވެ. އެތައް އޮޅިއެއް ގިރާކޮށްފިއެވެ. ނަމަވެސް ހިއްވަރު އެލުވައެއް ނުލައެވެ.

comment ކޮމެންޓް