މެސީ އާއި ރޮނާލްޑޯ ގޯލް ޖެހި މެޗުން ޕީއެސްޖީ މޮޅުވެއްޖެ

މެސީއާއި ރޮނާލްޑޯ---

ސައުދީ އަރަބިއާގެ ރިޔާދުގައި ކުރިއަށްގެންދާ ރިޔާދު ފެސްޓިވަލްގެ ތެރެއިން ކުޅުނު އެކުވެރިކަމުގެ މެޗު ޕީއެސްޖީން ރޭ ކާމިޔާބުކޮށްފިއެވެ.

ދެ އަހަރުގެ ކެނޑުމަކަށްފަހު މެސީއާއި ރޮނާލްޑޯ ވާދަކުރި މެޗު ޕީއެސްޖީން ކާމިޔާބުކުރީ 5-4 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ރޮނާލްޑޯ ކުޅެފައިވަނީ ސައުދީގެ އަލް ނަސްރު އަދި އަލް ހިލާލްގެ ކުޅުންތެރިންގެ ތެރެއިންގެ ހޮވާލެވުނު ކުޅުންތެރިންގެ ޓީމަށެވެ.

އެ މެޗުގެ ތިން ވަނަ މިނެޓުގައި ޕީއެސްޖީން ވަނީ ގޯލެއްޖަހައި މެޗުގެ ލީޑު ނަގައިދީފައެވެ. އެ ގޯލަކީ ޕީއެސްޖީގެ ނޭމާ ޖޫނިއާގެ އެހީއާއެކު ލިއޮނަލް މެސީ ޖެހި ގޯލެކެވެ.

ނަމަވެސް މެޗުގެ 34 ވަނަ މިނެޓުގައި ސައުދީގެ ރިޔާދު ޓީމުން ވަނީ ގޯލެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން އެ ގޯލުޖެހީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕީއެސްޖީން ވަނީ މެޗުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ. ކީލިއަން އެމްބާއްޕޭގެ އެހީއާއެކު އެ ގޯލު ޖެހީ މާކީނިއޯސްއެވެ.

ފުރަތަމަ ހާފުގެ އެންމެ ފަހު ސިކުންތުކޮޅު ތެރޭގައި ރޮނާލްޑޯ ވަނީ ގޯލެއް ޖަހައި ރިޔާދު ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ޕީއެސްޖީއާއި ރިޔާދު ޓީމު ބައްދަލުކުރި މެޗުގެ ތެރެއިން----

ދެވަނަ ހާފު ފަށައިގެން 53 ވަނަ މިނެޓުގައި އެމްބާއްޕޭ ނެގި ހުރަހަކުން ޕީއެސްޖީގެ ސާޖިއޯ ރާމޮސް ވަނީ ޕީއެސްޖީގެ ތިން ވަނަ ގޯލް ޖަހައިފައެވެ.

އޭގެ ތިން މިނެޓު ފަހުން ރިޔާދު ޓީމުގެ މާޓިނޭޒްގެ އެހީއާއެކު ޖަންގު ހިޔުން ސޫ ވަނީ ތިން ވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

މެޗުގެ 60 ވަނަ މިނެޓުގައި މެސީ ފޮނުވާލި ހަމަލާއެއް ރިޔާދު ޓީމުގެ ކުޅުންތެރިއެއްގެ އަތުގައި ޖެހުމުން ލިބުނު ޕެނަލްޓީއަކުން އެމްބާޕޭ ވަނީ ޕީއެސްޖީގެ ހަތަރު ވަނަ ގޯލު ޖަހައިދީފައެވެ.

މެޗުގެ 78 ވަނަ މިނެޓުގައި ޕީއެސްޖީން އިތުރު ގޯލެއް ޖަހައި މެޗުގެ ލީޑު ފުޅާކުރިއެވެ. ޕީއެސްޖީގެ ގާބީ ތަނަވަސްކުރި ފުރުސަތަކުން އެ ގޯލު ޖެހީ ހޫގޯ އެކިޓިކޭއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ވަގުތުގެ ތެރޭގައި ރިޔާދު ޓީމުން ގޯލެއް ޖަހައި މެޗުގެ ނަތީޖާގެ ފަރަގު ކުޑަކުރިއެވެ. އެ ގޯލު ޖެހީ ޓަލިސްކާއެވެ.

comment ކޮމެންޓް