ޔާމީނާ ލިޑާޝިޕުން ބައްދަލުކުރެވުމަކީ ބަދަލު ހިފުމުގެ ރޫހު ނެތުން: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ -- ސަން ފޮޓޯ

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ބައްދަލު ކުރުމަށް މާފުށީ ޖަލަށް ޒިޔާރަތް ކުރުމުގެ ފުރުސަތު އިދިކޮޅު ކޯލިޝަނަށް ފަހިކޮށްދިނުމުން ދޭހަކޮށްދެނީ ބަދަލު ހިފުމުގެ ރޫހެއް ނެތުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ލީޑާޝިޕުން އިއްޔެ ވަނީ، މާފުށީ ޖަލަށް ޒިޔާތްކޮށް ރައީސް ޔާމީނާ ބައްދަލުކޮށްފައެވެ.

މި ޒިޔާރަތަށްފަހު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރައީސް ޔާމީނާ ބައްދަލުކުރެވިއްޖެ ކަމަށާއި އެމަނިކުފާނު ހުންނެވީ "ފިސާރި ގަދަކޮށް" ކަމަށެވެ. އަދި ވިދާޅުވީ އަނިޔާވެރިކަމުގެ ކުރިމަތީގައި އެމަނިކުފާނު ކުޑަކަކޫ ނުޖައްސަވާނެ ކަމަށެވެ.

އަދުރޭގެ ޓްވީޓަށް ރައްދުދެއްވަމުން އިމްރާން ވަނީ ކުރީ ސަރުކާރުގައި އޭނާ ޖަލަށްލައިގެން ވަރަށް އިހާނެތިކޮށް ކަންކަން ކުރި ކަމަށް ވިދާޅުވެފައެވެ.

"މިކަމުން އަންގައިދެނީ އަޅުގަނޑު ޖަލުގައި ހުރި އިރު ކިތަންމެ އިހާނެތިކޮށް ކަންކުރި ނަމަވެސް އަޅުގަނޑުމެން ޒާތީވެ ބަދަލު ހިފުމުގެ ރޫހު ނުގެންގުޅޭކަން. ރައީސް [އިބްރާހީމް މުޙައްމަދު] ޞާލިޙުގެ ހިތްތިރިކަމާއި އޯގާތެރިކަން،" އިމްރާން ވިދާޅުވިއެވެ.

ރައީސް ޔާމީނާ ބައްދަލުކުރުމަށް އިއްޔެ ޖަލަށް ވަޑައިގަތް ބޭފުޅުންގެ ތެރޭގައި އަދުރޭގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފާއި މާލޭ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު އާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) އާއި ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫންގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ މެންބަރު އިބްރާހިމް ސުޖާއު ހިމެނެއެވެ.

ވ. އާރަށް މައްސަލާގައި މަނީ ލޯންޑާ ކުރުމާއި ރިޝްވަތުގެ ކުށް ސާބިތުވެ، 77 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު 11 އަހަރުގެ ޖަލު ހުކުމެއް ރައީސް ޔާމީނަށް އިއްވީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.

ކްރިމިނަލް ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ މަސައްކަތް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން މިހާރު އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް