ރައްޔިތުންނަށް އިންސާފު ހޯދައިދެވޭނެ ކަމަށް ގަބޫލުނުކުރެއްވޭތީ ނިއުޒިލޭންޑްގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވަނީ

ޖެސިންޑާ އާޑަން

ނިއުޒިލޭންޑް (18 ޑިސެންބަރު 2022) : ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ކުރާނެ އިތުރުކަމެއް ނެތުމުން މަގާމުން އިސްތިއުފާ ދެއްވުމަށް ނިއުޒިލޭންޑްގެ ބޮޑުވަޒީރު ޖެސިންޑާ އާޑަން ނިންމަވައިފިއެވެ.

ޖެސިންޑާ ވިދާޅުވިގޮތުގައި ގައުމަށް ދެން އިތުރަށް ކޮށްދެވޭނެކަމެއް އަދި އިންސާފުނުލިބޭ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް ކުރާނެކަމެއް އެކަމަނާގެ އަތްޕުޅުގައި އަދި ކޮންޓްރޯލްގެ ދަށުގައިވެސް ނެތުމުން މަގާމުން އިސްތިއުފާދޭން ނިންމެވީ ކަމުގައެވެ.

"މި ހާލަތުގައި އިސްތިއުފާ ނުދީ މަގާމުގައި ދެމިހުންނަން މަސައްކަތްކޮށްފިނަމަ އެއީ ގައުމަށް އަދި އަމިއްލަ ނަފުސަށް ލިބޭ ފައިދާއަށް ވުރެ ގެއްލުން ބޮޑުވެދާނެ ކަމެއް،" ޖެސިންޑާ ސިފަކުރެއްވިއެވެ.

ޖެސިންޑާ ވިދާޅުވިގޮތުގައި ގައުމަށް ފައިދާހުރި ކަންކަން ކޮށްދެވޭނެކަމަށް ގަބޫލުނުކުރެވޭނަމަ އެންމެ ރަނގަޅު ގޮތަކީ މަގާމުން އިސްތިއުފާ ދިނުމެވެ. އަދި ދެވަނަ ދައުރަކަށް ކުރިމަތިލުމަކީ ރަނގަޅުކަމެއް ނޫންކަމަށް އަމިއްލަ ޒަމީރު ގަބޫކުރާކަމަށް ވެސް ޖެސިންޑާ ވިދާޅުވިއެވެ.

ޖެސިންޑާ އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރެއްވުމުން ނިއުޒީލެންޑް އާންމުންނަށް ވަނީ ކުއްލި ސިހުމެއް ލިބިފައެވެ. އެއީ ޖެސިންޑާއަކީ މިހާތަނަށް ނިއުޒިލޭންޑްގެ ވެރިކަމަށް ވަޑައިގެންފައިނުވާވަރުގެ ހިތްތިރި އަދި އިންސާފުން ކަންކަންކުރި ބޭފުޅެކެވެ. ނިއުޒިލޭންޑްގެ އެކިނަސްލުތަކާއި އެކި ދީންތަކުގެ މީހުންނާމެދު ވަކިއަތަކަށް ބުރަނުވެ ހަމައާއި އިންސާފަށް ބަލައިގެން އޯގާތެރިކަމާއެކު ކަންކަން ކުރައްވައިގެން ޖެސިންޑާ އެންމެންގެ ލޯބި ހޯދާފައިވެއެވެ.

ޖެސިންޑާއަކީ ނިއުޒިލޭންޑްގެ ވާތުފިޔަކަމަށް ބެލެވޭ ލޭބާޕާޓީއަށް ނިސްބަތްވާ ބޭފުޅެކެވެ. ދެހާސް ސަތާރަ ވަނަ އަހަރު އެކަމަނާ ބޮޑުވަޒީރަކަށް ވެވަޑައިގެންނެވިއިރު އުމުރުފުޅަކީ 37 އަހަރެވެ. ޖެސިންޑާގެ ވެރިކަމަށް ފަސް އަހަރުވެ ހަ ވަނަ އަހަރަށް އަޅާފައިވާއިރު ވެރިކަމުގެ މި މުއްދަތުގައި ގިނަ ގޮންޖެހުންތަކަކާއި ބޮޑެތި ކަންތައްތަކެއް އެކަމަނާއަށް ކުރިމަތިވެވަޑައިގެންފައިވެއެވެ.

މީގެ ތެރޭގައި ނިއު ޒީލެންޑްގެ ސިޓީއެއް ކަމަށްވާ ކްރިސްޓްޗާޗްގެ ދެ މިސްކިތެއްގައި 2019 ވަނަ އަހަރުގެ މާޗްމަހުގެ 15 ވަނަ ދުވަހު ހުކުރު ނަމާދުކުރަން ތިބި މުސްލިމުންނަށް އޮސްޓްރޭލިއާއަށް ނިސްބަތްވާ ދޮން ނަސްލުގެ ޓެރަރިސްޓަކު ބަޑިން ހަމާލާދީ ހިންގި ގަތުލުއާންމު ހިމެނެއެވެ.

މި ގަތުލުއާންމުގައި 51 މުސްލިމުން މަރުވެ 40 މީހުން ޒަޚަމްވިއެވެ. މި ގަތުލުއާންމުގެ ޝިކާރައަކަށްވި މުސްލިމުންގެ އާއިލާތަކަށް ޖެސިންޑާ ވަނީ ވަރަށް އޯގާތެރިކޮށް މުއާމަލާތް ކުރައްވައި އެގައުމުގެ މުސްލިމުންގެ ލޯބި ހޯއްދަވާފައެވެ.

މީގެ އިތުރުން ކޮވިޑް ކޮންޓްރޯލް ކުރުމުގައި ކުރިމަތިވި ގޮންޖެހުންތަކާ އަދި ނިއުޒީލެންޑްގެ ވައިޓް އައިލެންޑްގައި އަލިފާން ފަރުބަދައެއް ގޮވުމުގެ ސަބަބުން ކުރިމަތިވި ބިރުވެރި ހާދިސާ އާ ކުރިމަތިލުމުގައި ވެސް ޖެސިންޑާ ވަނީ ނަމޫނާ ދައްކަވައި ރައްޔިތުންގެ ލޯބި ހޯއްދަވާފައެވެ. ޖެސިންޑާ ވިދާޅުވިގޮތުގައި އޭނާ މަގާމުން އިސްތިއުފާ ދެއްވާނީ އަންނަ ފެބްރުއަރީމަހުގެ 7 ވަނަ ދުވަހުއެވެ.

ޖެސިންޑާގެ ބަދަލުގައި އޮސްޓްރޭލިއާގެ ބޮޑުވަޒީރުކަމަށް ގެންނާނެ ބޭފުޅަކު އިޚްތިޔާރު ކުރުމަށްޓަކައި އޭނާ ނިސްބަތްވާ ލޭބާ ޕާޓީގެ ބައްދަލުވުމެއް ވަރަށް އަވަހަށް ބާއްވާނެއެވެ. ޖެސިންޑާއަށް ދަރިއަކު ލިބުނީ ވެސް ބޮޑުވަޒީރުކަމުގައި ހުންނަވަނިކޮށެވެ.

comment ކޮމެންޓް