ބަހަކީ ވިލިމާލެއަށް ބޭކާރު ޚަރަދެއް، އެކަން ކުރަނީ ޖެއްސުމަށް: މުއިއްޒު

މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވިލިމާލޭގައި ބަގީގެ ހިދުމަތް ފެށުމަށް އިލްކެޓްރިކް ބަގީ ހޯދާ، އެ މަސައްކަތުގެ އެންމެ ފަހު މަރުހަލާގައި ވަނިކޮށް އެ އަވަށުގައި އާރުޓީއެލް ބަހުގެ ހިދުމަތް ފަށަން ސަރުކާރުން ނިންމުމުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

އާ ސިޓީ ކައުންސިލް އިންތިޚާބުވެ، ބޭއްވި ފުރަތަމަ ޖަލްސާގައި ވަނީ ވިލިމާލޭގައި ބަގީގެ ހިދުމަތް ފަށަން ނިންމައިފައެވެ.

އެކަމަކު، އެ ހިދުމަތް އަންނަ މަހު ފަށަން ނިންމާ، އެންމެ ފަހު މަރުހަލާގައި ވަނިކޮށް، ސަރުކާރުން ވަނީ އާރްޓީއެލް ބަހުގެ ހިދުމަތް އެ އަވަށުގައި ތައާރަފުކުރަން ނިންމައިފައެވެ. ކެމްޕޭނަށް ވަޑައިގެން ވިލިމާލޭގައި އޮތް ބައްދަލުވުމެއްގައި އެކަން އިއުލާނު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހެވެ.

އެމްޓީސީސީން އިއްޔެ ބުނި ގޮތުގައި މި މަހު 20ގައި އެކުންފުނިން ވިލިމާލޭގައި ބަހުގެ ހިދުމަތް ފަށަން ވަނީ ނިންމައިފައެވެ. އަދި، އެ އަވަށުގައި ބަހުގެ ހިދުމަތް ދިނުމަށް ބޭނުންކުރާނީ އިލެކްޓްރިކް ބަސްތައް ކަމަށް އެކުންފުނިން ބުންޏެވެ. އެ ހިދުމަތަށް ޖުމުލަ ހަ ބަސް ބޭނުން ކުރާއިރު ކޮންމެ ބަހެއްގައި 15 މީހުންނަށް ތިބެވޭނެއެވެ.

އެކަމަކު ސިޓީ ކައުންސިލުން ވަނީ މާކުރިން އެ އަަވަށުގައި ބަހުގެ ހިދުމަތް ދޭން ނިންމާ، އެކަމަށް ބޭނުން ކުރަން 10 ބަގީ ވެސް ހޯދާފައެވެ.

އެއީ ހަތަރު ސީޓުގެ ތިން ބަގީއާއި ހަ ސީޓުގެ ތިން ބަގީ އާއި 12 ސީޓުގެ އެއް ބަގީގެ އިތުރުން މުދާ އުފުލުމަށް ޚާއްސަ ދެ ބަގީއާއި ބަލި މީހުންނަށް ޚާއްސަ އެއް ބަގީއެވެ. މި ހުރިހާ ބަގީއަކުން ވެސް 24ގަޑިއިރު ޚިދުމަތް ދިނުމަށް ސިޓީ ކައުންސިލުން އޮތީ ނިންމާފައެވެ.

ވިލިމާލޭގައި ބޭނުން ކުރާނެ ބަގީތައް --- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް

އެކަމާ ކަންބޮޑުވުން ފާޅުކުރައްވާ "ސަން"އާ ވާހަކަދައްކަވަމުން މޭޔަރު މުއިއްޒު ވިދާޅުވީ ސަރުކާރުން ކުއްލިއަކަށް ކައުންސިލާ އެއްވެސް މަޝްވަރާއެއް ކުރުމަކާނުލާ ވިލިމާލޭގައި ބަހުގެ ހިދުމަތް ފަށަން ނިންމާފައިވަނީ ކައުންސިލަށް ޖެއްސުން ކުރުމަށް ކަމަށެވެ. އަދި، އެއީ ދެކޮޅު ޖެހޭ ކަމަކަށް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކައުންސިލުން މިކަން ކުރާތާ އެތައް ދުވަހެއް ވެއްޖެ. ޓްރާންސްޕޯޓު މިނިސްޓްރީގެ ހުއްދައާއެކު ކުރަމުން އައިސް، ދުއްވަން ފަށަން ދެތިން ހަފުތާއަށް ވެފައި މިއޮތީ، އޮއްވާ އިއްޔެ ނޫން ކުރީ ދުވަހު ސަރުކާރުން މިކަމެއް ކުރަން މި ނިންމީ." މޭޔަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސިޓީ ކައުންސިލުން ބަގީގެ ހިދުމަތް ދޭން އުޅުނީ ސަރުކާރަށް ނޭންގި ނޫން ކަމަށާއި އެކަން ކުރަމުން އައީ ސަރުކާރުގެ ހުއްދައާއި މަޝްވަރާއާއެކުގައި ކަމަށެވެ.

"ބޭކާރު އިތުރު ޚަރަދެއް އެމްޓީސީސީ ލައްވާ ކުރުވަންވި ސަބަބެއް ނެތް. އެރަށުގެ ރައްޔިތުންގެ ލަފައާއި މަޝްވަރާއާ އެއްގޮތަށް ކައުންސިލުން މިއޮތީ އެ ޚިދުމަތް ދޭން ނިންމާފައި. ރައްޔިތުން ބޭނުންވާ ގޮތަށް އެ ޚިދުމަތް ދޭން" މޭޔަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ހަމައެކަނި ބަހުގެ ޚިދުމަތެއް ނޫން ކަމަށާއި، ބަލި މީހުން އުފުލޭނެ ގޮތާއި، މުދާ އުފުލޭނެ ގޮތާއި، އެނޫން ޚިދުމަތްތައް ވެސް ވިލިމާލެއަށް ބޭނުންވާ ކަމަށެވެ. އެހެންވެ، ކައުންސިލުން އެ ޚިދުމަތް ދޭން އުޅުނީ އެ ހުރިހާ ކަމަކަށް ބަލައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"ބަހުގެ ޚިދުމަތް ފެށިޔަސް، ބަގީގެ ޚިދުމަތް ދޭނަން"

މުއިއްޒު ވިދާޅުވީ ސަރުކާރުން ކޮންމެ ގޮތަކަށް ކަންތައްތައް ކުރެއްވި ނަމަވެސް ސިޓީ ކައުންސިލުން ފަހަތަށް ނުޖެހޭނެ ކަމަށާއި ބަހުގެ ޚިދުމަތް ދޭން ފެށިޔަސް، ކައުންސިލުން ބަގީގެ ޚިދުމަތް ދޭނެ ކަމަށެވެ.

"ރައްޔިތުން ބޭނުންވި ގޮތަށް މިކަން ކޮށްދޭނަން އިރާދަކުރެއްވިއްޔާ. ސަރުކާރުން އަޅުގަނޑުމެންގެ އަޑުނާހާ، މަޝްވަރާނުކޮށް، ވަކި އެޖެންޑާއެއް ހާސިލުކުރަން ކަންތައްތައް ކުރެއްވިޔަސް އެއީ އަޅުގަނޑުމެން މަސައްކަތް ހުއްޓާލައިފައި ގެޔަށް ވަންނަންވީ ސަބަބެއް ނޫން" އޭނާ ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ އެމްޓީސީސީގެ ބަސްތައް ވިލިމާލެއަށް ގެންދަންވީ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.

ވިލިމާލެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭނާ ގަބޫލުކުރައްވާ ގޮތުގައި ސިޓީ ކައުންސިލުން ބަގީގެ ޚިދުމަތް ދޭން ތައްޔާރުވެފައި ވަނިކޮށް، އެ އަވަށުގައި ބަހުގެ ޚިދުމަތް ދެނީ ސަރުކާރުން ވަކި މަގުސަދެއް ހާސިލުކުރާށެވެ. އެ ބަސްތައް ހުޅުމާލެއާއި މާލޭގައި މާބޮޑަށް ބޭނުން ހިފޭނެ ކަމަށް މުއިއްޒު ގަބޫލުކުރައްވައެވެ

"ބޭކާރު ކަމެއް ކުރަން އުޅޭތީ ކަންބޮޑުވަނީ. ބޭކާރު ކަމަކަށް މިވަނީ އިސްރާފު ކުރާތީ. އިލެކްޓްރިކް ބަސްތަކެއް ގެނެސްފައި ހުރިއްޔާ މާލެ މިއޮށް ބޮޑުތާ ދުއްވަންވީނު" އޭނާ ވިދާޅުވިއެވެ.

"ލާމާރުކަޒީ ނިޒާމު އޮންނަނީ ނަމެއްގައި"

މުއިއްޒު ވިދާޅުވީ ސަރުކާރުން އެފަދަ ނިންމުންތައް ނިންމާއިރު ސިޓީ ކައުންސިލާ މަޝްވަރާ ނުކުރާ ކަމަށެވެ. އަދި، "މަތިން ތިރިއަށް" އެފަދަ އަމުރުތައް ކުރުމުން އެކަމުގެ ގެއްލުން ވަނީ ރައްޔިތުންނަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު -- ސަން ފޮޓޯ/ ފަޔާޒު މޫސާަ

"މަތިން އަންނަނީ ބޮޑެތި އޯޑަރު. ރައްޔިތުންގެ ފަރާތުން ހޮވާފައި ތިބި ކައުންސިލްގެ ބަހެއް ހޯދަނީކީ ނޫން. ގާނޫނުގައި އޮންނަނީ ކައުންސިލްގެ ބަސް ހޯދަން ވާނޭ ކަންތައްތައް ކުރަންޏާ. އެކަމަކު، ހަމަ ޕޯޑިއަމްތަކަށް އަރާފައި ލާމަރުކަޒީ ނިޒާމުގެ ޗެމްޕިއަންއޭ ކިޔާފައި ވާހަކަދައްކާއިރު ބަހާއި އަމަލާ ދިމާވަނަކީ ނޫން، މި ސަރުކާރުގެ" މޭޔަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރުން އެފަދައިން ކަންތައް ކުރައްވަނީ ސިޓީ ކައުންސިލްގެ މެޖޯރިޓީ އިދިކޮޅު ޕީޕީއެމަށް ލިބިފައި އޮތުމުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި، ލާމަރުކަޒީ ނިޒާމަކީ ހަމައެކަނި ސަރުކާރަށް ތާއީދުކުރާ ކައުންސިލްތަކަށް އޮންނަ އެއްޗެއް ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވައިފައެވެ.

ސިޓީ ކައުންސިލުން ކުރިޔަށް ގެންދާ މަޝްރޫއުތަކަށް ސަރުކާރުގެ އެއްބާރުލުން ނުލިބޭ ކަމުގެ ޝަކުވާ ކައުންސިލުން އަބަދުވެސް ކުރެއެވެ. އެކަމަކު، މޭޔަރު ވިދާޅުވީ ސަރުކާރުގެ ކަންކަމަށް ކައުންސިލުން ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

comment ކޮމެންޓް