ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ އަދާލަތު ޕާޓީ ހިމެނޭ ކޯލިޝަނަކުން: އިމްރާން

ނޮވެމްބަރ 15، 2018: ދިގު މެދުކެނޑުމަކަށް ފަހު އަދާލަތު ޕާޓީގެ ސިޔާސީ ހަރަކާތްތައް ފެށުން: އަދާލަތު ޕާޓީގެ އާންމު މެމްބަރުނާއި ބައްދަލުކުރުމަށް ދަރުބާރުގޭގައި ބޭއްވި ހާއްސަ ހަރަކާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ އަދާލަތު ޕާޓީ ހިމެނޭ ކޯލިޝަނަކުން ކަމަށް އެޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބު ބާއްވާނެ ތާރީޚު އިލެކްޝަންސް ކޮމިޝަނުން މިއަދު އިއުލާން ކޮށްފައިވާއިރު، އެކަމާ ގުޅިގެން މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާތް ﷲ ގެ އިރާދަފުޅާއެކު މިއަހަރުގެ އިންތިޚާބުވެސް ކާމިޔާބު ކުރާނީ އަދާލަތު ޕާޓީ ހިމެނޭ ކޯލިޝަނަކުން ކަމަށެވެ.

ގިނަ ޕާޓީތައް ވާދަކުރާ ގޮތަށް ރާއްޖޭގައި ބޭއްވި ފުރަތަމަ އިންތިޚާބުން ފެށިގެން މިއަދާ ހަމައަށް އައިރު، ވެރިކަން ކާމިޔާބު ކުރުމުގައި އަދާލަތު ޕާޓީގެ ހިއްސާ ހިމެނެއެވެ. އެގޮތުން، އަދުގެ ސަރުކާރަކީވެސް އަދާލަތު ޕާޓީގެ ހިއްސާ ހިމެނޭ ކޯލިޝަން ސަރުކާރެކެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަސައްކަތް ކުރައްވަމުން ގެންދަވާއިރު، ކޯލިޝަނަކާއެކު އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށާއި އެމްޑީޕީއަށް އޮތް ފުރުސަތަކީ ވެސް އެމަނިކުފާނު ކަމަށް މީގެކުރިން ރައީސް ވިދާޅުވެފައިވެއެވެ.

މީގެ ހަތަރު އަހަރު ކުރިން ވެރިކަން ބަދަލު ކުރުމަށް ސިޔާސީ ޕާޓީތައް ގުޅިގެން ކޯލިޝަން ހެދި ނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަޚު ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށާއި ކުރިއަށް އޮތް އިންތިޚާބުގައި ކޯލިޝަން ހެދުމުގެ ފުރުސަތެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ގިނަ ސިޔާސީ ޕާޓީތަކަކުން ވެރިކަމަށް ކުރިމަތިލާނެ ކަމަށް ބެލެވެއެވެ. އަދި، އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީނަށް އިއްވި ޖަލު ހުކުމާ ގުޅިގެން ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަށް ހަނިވުމަކީ ދެން ތިބި ޕާޓީތަކުގެ ލީޑަރުން ވެރިކަމަށް އައުމަށް ކުރާ އުއްމީދު އިތުރުވެގެން ދިޔަ ކަމެއްގެ ގޮތުގައި ވެސް ގިނަ ބަޔަކު ސިފަ ކުރެއެވެ.

ކޯލިޝަނަކަށް ދިއުމާ ބެހޭގޮތުން މިހާތަނަށް ރައީސް ޞާލިޙް ވިދާޅުވެފައިވަނީ މިވަގުތުގެ އަމާޒަކީ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވުން ކަމަށާއި ކޯލިޝަންގެ މަޝްވަރާއާ މެދު ގޮތެއް ނިންމަވާނީ އެއަށް ފަހު ކަމަށެވެ.

ރައީސް ޞާލިޙަށް ތާއީދު ކުރައްވައި، މިނިސްޓަރު އިމްރާން ވާހަކަދައްކަވަމުން ގެންދަވާއިރު، ގިނަ ސިޔާސީ ޕާޓީތަކާއެކު މަސައްކަތް ނުކުރެވޭ ބޭފުޅަކަށް ރާއްޖޭގެ ރައީސްކަން ކުރަން ދެން ފަސޭހަ ނުވާނެ ކަމަށްވެސް އޭނާ ވަނީ ދާދިފަހުން ވިދާޅުވެފައެވެ.

comment ކޮމެންޓް