ގިނަ އަދަދެއްގެ ވެލިނެގުމުން 80،000 އަށްވުރެ ގިނަ ރުފިޔާއިން ފީވަކު ކައުންސިލް ޖޫރިމަނާކޮށްފި

ށ. ފީވަށް --- ފޮޓޯ/ ވަށިފޮށި

ށ. ފީވަކު ގޮނޑުދޮށުން ގިނަ އަދަދެއްގެ ވެއްޔާއި އަކިރި ނެގި މައްސަލާގައި އެ ރަށު ކައުންސިލް 80،000އަށް ވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ކުރި އިއުލާނެއްގައި ވަނީ، ފީވަކު ގޮނޑުދޮށުން ގިނަ އަދަދެއްގެ ވެއްޔާއި އަކިރި ނެގިކަމުގެ ޝަކުވާ ހުށަހަޅާފައިވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ކަމަށެވެ.

އެކަމާ ގުޅިގެން އީޕީއޭއިން ބެލި ބެލުމުން އެކަމުގައި ފީވަކު ކައުންސިލް ކުށްވެރިވާތީ 83,525 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް އެ އިއުލާނުގައިވެއެވެ.

ފީވަކު ކައުންސިލްގެ އިސްނެގުމުގެ މަތިން 25 ބަސްތާ ވެއްޔާއި 20 ބަސްތާ އަކިރި އެ ރަށު ގޮނޑުދޮށުން ނަގައި ކުޑަކުދިން ކުޅޭ ޕާކެއް ހަދަން ބޭނުންކޮށްފައިވާކަން އީޕީއޭގެ ތަހުގީގަށް ސާބިތުވެފައިވާ ކަމަށް އެ އޭޖެންސީން ބުންޏެވެ.

އެކަމާ ގުޅިގެން ފީވަކު ކައުންސިލް ޖޫރިމަނާކޮށްފައިވަނީ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން، މިދިޔަ ބުރާސްފަތި ދުވަހު ކަމަށް އީޕީއޭއިން ބުންޏެވެ.

އީޕީއޭގެ އިއުލާނުގައިވާ ގޮތުން ފީވަކު ކައުންސިލުން ޖޫރިމަނާގެ އެ ފައިސާ ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ދައްކަން ޖެހޭނެއެވެ.

އެކަމާ ގުޅިގެން ފީވަކު ކައުންސިލުގެ ރައީސް އަލީ ރަޝީދު ހަސަން މިއަދު "ސަން"އަށް ވިދާޅުވީ އެތަނުން ވެލިނަގައިގެން ޕާކެއް ހެދުމުގެ ނިޔަތެއް ކައުންސިލުގެ ނެތް ކަމަށެވެ. ނަމަވެސް އެ ދުވަސްވަރު މޫސުން ގޯސް ވުމުން ހާލަތަށް ބަލާފައި އެތަނުން ވެލި ނެގީ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއީ ހިނގާފަ އޮތް ކަމެއް. އެކަމަކު އެބުނާހާ ގިނަ ވެއްޔެއްވެސް ނޫން އެޔަކީ. ކުޑަ ބަގީއެއްގެ ވެލި ނެގި، ތެދެއް. ގޮނޑުދޮށުން ވެލިނެގުމަކީ މަނާ ކަމެއް ކަމަށް އަޅުގަނޑުމެންވެސް ގަބޫލުކުރަން. އޭގެފަހުން އަޅުގަނޑުމެން އެކަން ހުއްޓުވިން. ދެން ކިތަންމެ ކުޑަކަމެއް ވިޔަސް ސިޔާސީ ގޮތުން އެކި ފަރާތްތަކުން ޚިޔާލުތަފާތުވީމަ ރިޕޯޓުކޮށްފާނެ،" އޭނާ ވިދާޅުވިއެވެ.

އީޕީއޭއިން އަދާކުރީ އެމީހުންގެ ޒިންމާކަން ގަބޫލުކުރާ ކަމަށާއި އީޕީއޭއިން ދިން 30 ދުވަހުގެ ތެރޭގައި ޖޫރިމަނާ އަދާކޮށް ނިންމާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި އެރަށު ގޮނޑުދޮށުން ވެލި ނެގި މައްސަލައިގައި ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށް ވެލިނަގާ މަންޒަރުގެ ފޮޓޯ އާއި ވީޑިއޯ ވެސް ނަގާފައެވެ.

comment ކޮމެންޓް