ޓެކްސީ ޑްރައިވަރުން ތަމްރީންކުރުމުގެ މިއަހަރުގެ ފުރަތަމަ ޕްރޮގްރާމް ފަށައިފި

ޓެކްސީ ޑްރައިވަރުން ތަމްރީންކުރުމަށް މިއަދު ފެށި ޕްރޮގްރާމްގެ ތެރެއިން ޑްރައިވަރުންނަށް ފުލުހުން މައުލޫމާތު ދެނީ -- ފޮޓޯ/ ޕޮލިސް

ޓެކްސީގެ ޚިދުމަތަށް އަލަށް ނުކުންނަ މީހުންނާއި އެ ޚިދުމަތުގައި މަސައްކަތްކުރާ މީހުން އިތުރަށް ތަމްރީނު ކުރުމަށް ބާއްވާ މި އަހަރުގެ ފުރަތަމަ ޕްރޮގްރާމް ފުލުހުން މިއަދު ފަށައިފިއެވެ.

ފުލުހުން ބުނީ މިއީ އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތަކަށް އިތުރަށް އަހުލުވެރި ކުރުވުމާއި ތާޒާކުރުމަށް ކޮންމެ އަހަރު ސިލްސިލާކޮށް ބާއްވާ ޕްރޮގްރާމެއް ކަމަށެވެ.

ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަންގެ ފަރާތުން ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމްގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާއި، މަގުމަތީގެ އަދަބުތަކުގެ އިތުރުން ޓެކްސީ ގަވާއިދާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭގެ އިތުރުން، އެކްސިޑެންޓްތަކާއި މަގުމަތީގައި ދިމާވާ އެކިއެކި މައްސަލަތައް ހައްލުކުރުމުގައި ޓެކްސީ ޑްރައިވަރުންގެ ދައުރާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމާއެކު އެފަދަ ހާލަތުގައި ޑްރައިވަރުންގެ ޢަމަލުތައް ބަހައްޓަންވީ ގޮތްތަކާ ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިއަދުން ފެށިގެން ހަފްތާއެއްގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި، ޓެކްސީ ޚިދުމަތަށް އަލަށް ގުޅޭ 212 މީހުންނާއި މިހާރުވެސް ޓެކްސީ ޚިދުމަތުގައި ތިބި 90 މީހަކު ބައިވެރިވެފައިވެއެވެ.

ޓެކްސީ ޑްރައިވަރުން ތަމްރީން ކުރުމާއި ތާޒާކުރުމުގެ ޕްރޮގްރާމަކީ ކޮންމެ އަހަރަކުވެސް ހަތަރު ބުރަކަށް ބަހާލައިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ޓެކްސީ ޑްރައިވަރުން ޓެކްސީކުރުމުގެ ލައިސަންސަށް އެދޭއިރު ފުރިހަމަ ކުރުމަށް ގަވާއިދުގައި ލާޒިމުކުރާ ތަމްރީނެކެވެ.

comment ކޮމެންޓް