ޕޯޗުގަލްގެ ކޯޗުގެ މަގާމަށް ބެލްޖިއަމްގެ ކުރީގެ ކޯޗު މާޓިނޭޒް

ރޮބާޓޯ މާޓިނޭޒް----

ޕޯޗުގަލް ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް ނިމިދިޔަ ވޯލްޑްކަޕްގައި ބެލްޖިއަމްއަށް ކޯޗުކޮށްދިން ރޮބާޓޯ މާޓީނޭޒް ހަމަޖައްސައިފިއެވެ.

ޕޯޗުގަލްގެ ރަސްމީ ސޯޝަލް މީޑީއާ އެކައުންޓުތަކުން ވަނީ މިހާރު މާޓިނޭޒްއަށް މަރުހަބާ ވެސް ކިޔައިފައެވެ.

މާޓިނޭޒްއަކީ މިހާތަނަށް ބެލްޖިމްއިން ވޯލްޑް ކަޕެއްގައި ހޯދި އެންމެ ރަނގަޅު ނަތީޖާ އެ ޓީމަށް ހޯދައިދިން ކޯޗެވެ. އެގޮތުން 2018 ވަނަ އަހަރު ބެލްޖިއަމްގެ ޓީމުން ވޯލްޑް ކަޕުގައި ހޯދި ތިން ވަނަ އަކީ ބްލެޖިއަމްގެ ތާރީހުގައިވެސް އެ ޓީމުން ވޯލްޑް ކަޕުގައި ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.

ދެހާސް ސޯޅަ ވަނަ އަހަރު ބެލްޖިއަމްގެ ގައުމީ ޓީމާ ހަވާލުވި ރޮބާޓޯ ވަނީ އެޓީމަށް 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އިތުރުން، 2020 ވަނަ އަހަރުގެ ޔޫރޯގެ ކޯޗްކަން ކޮށްދީފައެވެ.

އޭނާ ބެލްޖިއަމްގެ ކޯޗުކަމުން އިސްތިއުފާ ދިނީ ނިމިދިޔަ ވޯލްޑްކަޕްގައި ބެލްޖިއަމް ގްރޫޕް ސްޓޭޖުން ކެޓުމުންނެވެ.

ޕޯޗުގަލްގެ ކޯޗުކަމާ ހަވާލުވެ މާޓިނޭޒް ބުނީ އަނެއްކާވެސް ހުނަރުވެރި ކުޅުންތެރިންތަކެއް ތިބި ގައުމެއްގެ ކޯޗުކަމާ ހަވާލުވެވުނީތީ އުފާކުރާ ކަމަށެވެ.

ޕޯޗުގަލްގެ ކޯޗުގެ މަގާމު ހުސްވީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ކުރިން އެ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި ފެނާންޑޯ ސަންޓޯސް އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.

ޕޯޗުގަލްގެ ކޯޗުކަމުގެ މަގާމުން ސަންޓޯސް އިސްތިއުފާދިން އިރު، އޭނާއާއި ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއާ ދެމެދު މައްސަލަތަކެއް ޖެހިފައިވާކަމަށް ރިޕޯޓުތަކުން ބުނެއެވެ.

އެއީ ގަތަރުގައި ބޭއްވި ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި، ރޮނާލްޑޯ ބަދަލު ކުރުމަށް ކޯޗު ސަންޓޯސް ނިންމި ނިންމުމާއި ގުޅިގެން ރޮނާލްޑޯ ހިތްހަމަ ނުޖެހި، އަމަލުކުރި ގޮތުގެ ސަބަބުން ޖެހުނު މައްސަލަތަކެއް ކަމަށްވެއެވެ.

އެކަމުގެ ސަބަބުން މުބާރާތުގެ ނޮކްއައުޓް ސްޓޭޖުގައި ޕޯޗުގަލްއިން ރައުންޑް އޮފް 16 ގައި ސްވިޒަލެންޑް އަތުން މޮޅުވި މެޗު އަދި ކުއާޓާ ފައިނަލުގައި މޮރޮކޯ އަތުން ބަލިވި މެޗުގައި ކެޕްޓަން ރޮނާލްޑޯއަށް ޓީމުގެ ފުރަތަމަ 11 އިން ފުރުސަތު ދީފައެއް ނުވެއެވެ.

ފުޓުބޯޅައިގެ ތާރީޚުގައިވެސް ޕޯޗުގަލްއިން މުބާރާތެއް ކާމިޔާބުކޮށް ތަށި އުފުލާލާފައި ވަނީ ސަންޓޯސްގެ އިރުޝާދުގެ ދަށުން، ރޮނާލްޑޯގެ ކެޕްޓަން ކަމުގައެވެ. އެގޮތުން 2016 ވަނަ އަހަރުގެ ޔޫރޯ މުބާރާތާއި 2018/19 ވަނަ ސީޒަނުގެ ނޭޝަންސް ލީގު އެ ޓީމުން ކާމިޔާބު ކޮށްފައިވެއެވެ.

comment ކޮމެންޓް