ޑްރަގާއި ވައްކަމުގެ ދިގު މާޒީއެއް؛ ނުހުއްޓުވި އޮއްވާ މަރެއްގެ ތުހުމަތު

މަރުގެ މައްސަލައެއްގައި ހައްޔަރުކުރި ގދ. ތިނަދޫ މަނާރު، މުހައްމަދު ނިޒާމު ---

ވިލިމާލެއިން ފުރީ ތެޔޮ ބޯޓެއްގައެވެ. އޭގައި ތިބި ދެ މީހުންނާއެކު ބޯޓު ނުފެނިގެން ފުލުހުން އިއުލާނު ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުއެވެ.

ބަންގްލަދޭޝްގެ މުހައްމަދު ލިޓޮން އާއި ގދ. ތިނަދޫ މަނާރު، މުހައްމަދު ނިޒާމު ގެއްލިގެން ފެށި ތަހުގީގު މުޅިން ބަދަލުވީއެވެ. ކަނޑުމަތިން ގެއްލުނު ނިޒާމު ފެނުނީ މާލޭ ގެސްޓްހައުސް އަކުންނެވެ. މިހާރު އެއީ ނިޒާމަށް ތުހުމަތު ކުރެވޭ މަރުގެ މައްސަލައެކެވެ.

ހަމަ އެ ދުވަހު ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ. ކޯޓު އަމުރެއްގެ ދަށުން 45 އަހަރުގެ ނިޒާމު ހައްޔަރުކުރީ މަރުގެ މައްސަލައަކާ ގުޅިގެން ކަމަށް ބުނި ނަމަވެސް އެއީ ކޮން މައްސަލައެއްކަން ރަސްމީކޮށް ބުނެދީފައެއް ނުވެއެވެ.

އެ ހިސާބުން މުޅި މައްސަލަ ބަދަލުވީ އޮޅުން ބޮޅުން ގަނޑަކަށެވެ.

އެކަމަކު، ނުރަސްމީކޮށް ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ނިޒާމުގެ މައްޗަށް ކުރަނީ ލިޓޮން މަރާލި ކަމުގެ ތުހުމަތެވެ.

ޑްރަގާއި ވައްކަމުގެ ދިގު މާޒީއެއް؛

ތިނަދޫން "ސަން" އާ ވާހަކަދެއްކި ބައެއް މީހުން ބުނި ގޮތުގައި 2006 ވަނަ އަހަރުން ފެށިގެން ވެސް ނިޒާމަކީ އެކި ކަހަލަ ކުށްތައް ކުރުމުގައި އުޅޭ މީހެކެވެ.

"އަހަރެން ނިޒާމު ދަންނަނީ 2006 ވަނަ އަހަރުން ފެށިގެން. އޭރުވެސް އޭނައަކީ ވައްކަމާއި ޑްރަގުގެ ކަންކަން ކުރާ މީހެއް. އެކަމަކު، މީހަކަށް އަނިޔާކޮށް، މާރާމާރީ ހިންގާ، އެފަދަ ކަމެއް ކޮށްގެން އުޅޭ އަޑެއް ދުވަހަކުވެސް ނާހަން" ތިނަދޫ މީހަކު ކިޔައިދިނެވެ.

މިގޮތުން، ވައްކަމާއި، ޑްރަގުގެ އެކި މައްސަލަތަކުގައި ތަފާތު އެކި ފަހަރު މަތިން އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންގޮސްފައެވެ. އޭނާ ބޮލުގައި ލިޓޮންގެ މަރުގެ ތުހުމަތު އެޅުނީ މިހުރިހާ ކަމެއް މިހެން އޮއްވައެވެ.

ފުލުހުންގެ އިސް އޮފިޝަލެއް ކިޔައިދެއްވި ގޮތުގައި ނިޒާމު އެންމެ ފުރަތަމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 2008 ވަނަ އަހަރެވެ. އެފަހަރު އޭނާ ހައްޔަރު ކުރީ ތިނަދޫންނެވެ. އެ އަހަރު އެކަނި، މަސްތުވާތަކެތީގެ މައްސަލައިގާ ތަފާތު ތިން ފަހަރު އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އެއަށް ފަހު، ދެން އޭނާ ހައްޔަރުކުރީ 2014 ވަނަ އަހަރެވެ. އެ އަހަރު ވެސް ދެ ފަހަރެއްގެ މަތިން އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެއީ، ވައްކަމުގެ މައްސަލައަކާއި މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލައެއްގައެވެ. އެފަހުން 2015 ވަނަ އަހަރުވެސް މަސްތުވާތަކެތި ބޭނުން ކޮށްގެން ނިޒާމު ހައްޔަރުކުރިއެވެ.

އަނެއްކާވެސް އޭނާ ދޫވެފައި ހުރުމަށް ފަހު، 2020، 2021 އަދި 2022 ވަނަ އަހަރުވެސް ތަފާތު އެކި ފަހަރު މަތިން އޭނާ ވަނީ ހައްޔަރަށް ގެންގޮސްފައެވެ. އެ ތިން އަހަރު ތެރޭގައި އޭނާ ހައްޔަރު ކޮށްފައިވަނީ ކުދިކުދި ވައްކަމުގެ މައްސަލަތަކުގައެވެ.

މާޒީގެ ކުށްތަކަށް އެކަށޭނެ ފިޔަވަޅެއް ނޭޅި އޮއްވާ، މިއަހަރު ފެށުނު ތަނާހެން އޭނާ ހައްޔަރުކުރީ މީހެއްގެ މަރުގެ ތުހުމަތު ވެގެންނެވެ. އަދި، އެ މައްސަލައިގެ ތަހުގީގަށް ކްރިމިނަލް ކޯޓުން މިހާރު ވަނީ ނިޒާމުގެ ބަންދަށް 60 ދުވަސް ޖަހައިދީފައެވެ.

comment ކޮމެންޓް