މައްސަލަތަކަށް ހައްލު ނުލިބޭތީ އަރަބިއްޔާ ބެލެނިވެރިންގެ ކަންބޮޑުވުން

އަަރަބިއްޔާ ސްކޫލްގެ މައްސަލައާ ގުޅިގެން ބެލެނިވެރިން މުޒާހަރާ ކުރަނީ -- ސަން ފޮޓޯ

ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށޭއިރު, އަރަބިއްޔާ ސްކޫލަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ރަނގަޅު ހައްލެއް ލިބިފައިނުވާކަމަށް ބުނެ، އަނެއްކާ ވެސް އަރަބިިއްޔާ ސްކޫލުގެ ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެގޮތުން މިހާރު އަރަބިއްޔާ ފެމެލީގެ ނަމުގައި ހިންގާ ޓްވީޓާ އެކައުންޓެއްގައި އެ ސްކޫލުގެ ބެލެނިވެރިންވަނީ ކަންބޮޑުވުންތައް ހިމެނޭ ގިނަ ކަންތައްތަކެއް ފާހަގަކޮށް ބަޔާނެއް އާންމުކޮށްފައެވެ.

އެ ބަޔާނުގައިވަނީ މިހާރު އެ ސްކޫލުގެ ދަރިވަރުން ކިޔަވަނީ އޮފީސް އިމާރާތެއްގެ ގޮތަށް ހަދައިފައި ހުންނަ ތަނެއްގައިކަމުން އެ ތަނުން ދަރިވަރުންނަށް އެންމެ އެކަށޭނަ ގޮތަށް އުނގަންނައިދިނުމުގެ ކަންކަން ކުރިއަށް ނުގެންދެވޭކަމަށް ބުނެފައެވެ. އަދި އޭގެ ސަބަބުން ދަރިވަރުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމުގެ އިތުރުން ތައުލީމަށް ހުރަސް އެޅޭ ކަމަށެވެ.

އެގޮތުން މިހާރު އޮތް ގޮތުން އަރަބިއްޔާގައި ލެބޯޓްރީއެއް ނެތުމުން އެ ކަމުގެ ދަތިކަން އޮތްކަމަށް ބުނެފައިވެއެވެ. އަރަބިއްޔާގެ އިމާރާތް އެޅެންދެން ސީއެޗްއެސްސީގެ ލެބޯޓްރީ ބޭނުންކުރެވޭނެކަމަށް މިނިސްޓްރީން އެންގި ނަމަވެސް އެ ފުރުސަތު ގަވައިދުން ނުލިބޭކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ލައިބްރަރީގެ ޚިދުމަތް ނުލިބުމާއި، ކުޅިވަރު ކުޅެ، ހެލްތު އެންޑް ޕީއީގެ ގަޑިތައް ނަގާނެ ޖާގައެއް ނެތްކަމުގެ ދަތިކަން ވެސް ފާހަގަކޮށްފައިވެއެވެ. އަދި، އަރަބިއްޔާގެ ދާއިމީ އިމާރާތުގެ މަސައްކަތް ލަސްވުމުގެ ކަންބޮޑުވުން ވެސް ހިމެނެއެވެ.

މިކަމާ ގުޅިގެން "ސަން"އާ މިއަދު ވާހަކަދައްކަވަމުން އެ ސްކޫލުގެ ޕީޓީއޭގެ އިސް ބޭފުޅެއްކަމަށްވާ ޔޫސުފް އަބްދުﷲ ވިދާޅުވީ، ސަރުކާރުން ވައުދުވީ އަރަބިއްޔާގެ އާ އިމާރާތް ބާ ޖަމާލުއްދީނުގައި މި ވެރިކަމުގެ ދައުރު ނިމުމުގެ ކުރިން އަޅައި ނިންމުމަކަށްކަމަށެވެ.

ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު އެ ވައުދުވެވަޑައިގެންނެވި ފަހުން އަހަރެއް ވެފައިވާއިރު އަދިވެސް އެންމެ އަވަސް މިނުގައި މަސައްކަތްކުރާ މަންޒަރު ނުފެންނަކަމަށެވެ.

"އަދިވެސް އެ ތަން ނުނިމޭ. ގާތްގަނޑަކަށް ބިމުން މަތި ތަޅައި ނުނިމޭ. ހަ މަސް ދުވަހުން ވީ ވަރު މިއީ. ދެން ނެތް ބާކީ އަށެއްކަ މަސް ވެސް މި ދައުރު ނިމުމުގެ ކުރިން ނިންމަން ބުނި ކަމެއް ނިންމާކަށް،" ޔޫސުފް ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، ދަރިވަރުން ވަގުތީ އިމާރާތެއްގައި ކިޔަވާއިރު ދަތިތައް ހުންނާނެކަމަށް ގަބޫލުކުރައްވާކަމަށެވެ. އެހެންނަމަވެސް އެ ދަތިތައް ހައްލުކުރުމަށް މަސައްކަތް ނުކުރާކަމަށެވެ.

"އެހެންވީމާ މި ކަންތައްތަކަކީ އެންމެ ބޮޑު ކަންބޮޑުވުމަކީ. ދެވަނަ ޓާމް އަނެއްކާ ފެށިގެން މި އަންނަނީ އެއްވެސް ބަދަލެއް ނެތި. ދެން އަަޅުގަނޑުމެން އެދިފައިވާނެ ލެބޯޓްރީގެ ޚިދުމަތާއި ލައިބްރަރީއާ މި ނޫން ޚިދުމަތްތައް ޓައިމް ޓޭބަލާ އެއްގޮތަށް ލިބެން،" އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު ދާއިމީ އިމާރާތް ލަސްވިޔަ ނުދީ، ކުރީގެ އިމާރާތް ހުރި ތަނުގައި ހެދި އިންސްޕެކްޝަން ރިޕޯޓު ވެސް އާންމުކުރުމަށް ވަނީ އެދިފައެވެ.

comment ކޮމެންޓް