މިއުޒިކް ކުޅެ، އަޑުއަހަން ބޭނުންވާ މީހުންނަށް އެފުރުސަތު އޮންނަންވާނެ: މަހުލޫފް

އައު އަހަރުގެ ފެށުން ފާހަގަކުރުމަށް ހުޅުމާލޭގައި ބޭއްވި "މޯލްޑިވްސް ވާއު ފެސްޓް" މިއުޒިކްޝޯގެ ތެރެއިން-- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

މިއުޒިކް ކުޅެ، އެ އަޑުއަހަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ރާއްޖޭގައި އޮންނަންވާނެ ކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

އާ އަހަރު ފާހަގަކުރުމަށް, ރޭ ބޭއްވި ޝޯއާ ގުޅިގެން ބައެއް މީހުން ވަނީ އެކަމަށް ފާޑުކިޔާފައެވެ. އެގޮތުން ބައެއް އާންމުންގެ އިތުރުން ދީނީ އިލްމުވެރިން ވަނީ އާ އަހަރު ފާހަގަ ކުރުމުގެ ނަމުގައި މިއުޒިކް ކުޅުން ފަދަ ކަންކަން ކުރުމުން ދުރުހެލި ވާންޖެހޭ ކަމަށް ބުނެފައެވެ.

ރޭ ބޭއްވި ޝޯއަށް ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައި ކުރެއްވި ޓުވީޓެއްގައި މިނިސްޓަރު މަހުލޫފް ވިދާޅުވީ، ރާއްޖޭގައި ވެސް މިއުޒިކް ކުޅެ އަދި އަޑުއަހާލަން ބޭނުންވާ އެތައްހާސް ރައްޔިތުންނެއް އުޅޭ ކަމަށެވެ. އަދި އެ ފުރުސަތު ރައްޔިތުންނަށް އޮންނަންވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރޭގެ ޝޯ ބަލާލަން 20،000އާ ގާތްކުރާ އަދަދަކަށް މީހުން ދިޔަ ކަމަށެވެ.

ރޭ ބޭއްވި އެ ޝޯގައި ބޮލީވުޑްގެ މަޝްހޫރު ލަވަކިއުންތެރިޔާ ޕައުނީ ޕާންޑޭގެ އިތުރުން ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިންނާއި ބޭންޑުތަކުން ވެސް ޕާފޯމް ކޮށްފައިވެއެވެ. އޭގެތެރޭގައި ހަބޭސް ބޮޑުބެރު ގްރޫޕާއި ހަބޭސް ފިއުޝަން އަދި ހަބޭސް ލެވިޓޭޝަންގެ ހިތްގައިމު ހުށަހެޅުންތަކެއް ފެނިގެން ގޮސްފައިވެއެވެ.

އައު އަހަރުގެ ފެށުން ފާހަގަކުރުމަށް ހުޅުމާލޭގައި ބޭއްވި "މޯލްޑިވްސް ވާއު ފެސްޓް" މިއުޒިކްޝޯގެ ތެރެއިން-- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

އެ ޝޯގެ ތެރެއިން އާ އަހަރު ފާހަގަކުރުމަށް ހިންގާ ފަހު ހަރަކާތެއްގެ ގޮތުން ހަވާ ވެސް އަރުވާފައިވެއެވެ.

މީގެ ކުރިން ވެސް ރާއްޖޭގައި އާ އަހަރު ވަރަށް ކުލަގަދަކޮށް ފާހަގަކުރެއެވެ. އެގޮތުން މާލެ ސަހަރަހައްދުގައި ހަވާއެރުވުމުގެ ހަރަކާތްތަކާއި ބޭރު ފަންނާނުންގެ އިތުރުން ރާއްޖޭގެ މިއުޒިކް ފަންނާނުންގެ ހުށަހެޅުންތަކާއެކު އާ އަހަރު ފާހަގަކުރެއެވެ.

comment ކޮމެންޓް