ކުޑަކާއްޓޭއާއި އެޑަމްގެ ރަން ކާމިޔާބީ ފާހަގަކުރަން ހާއްސަ އިވެންޓެއް ބާއްވަނީ

ރާއްޖޭގެ ބީޗު ވޮލީ ޓީމު ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންގެ ބީޗް ވޮލީބޯލް ޓުއާގެ ތަށްޓާއެކު---- ފޮޓޯ / ވީއޭއެމް

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންގެ ބީޗް ވޮލީބޯލް ޓުއާގެ, ރަން މެޑަލް ރާއްޖޭގެ, އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާއިން ހޯދުމުން, އެ ކާމިޔާބީ ފާހަގަކުރުމަށް ހާއްސަ ހަރަކާތެއް ބޭއްވުމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ނިންމައިފިއެވެ.

އެ އެސޯސިއޭޝަނުން ކުރި ބުނީ، މިއަދު ހަވީރު 6:45 ގައި ސޯޝަން ސެންޓަރުގައި ބީވް ވޮލީ ޓީމު ހޯދި ކާމިޔާބީ ފާހަގަކުރުން އޮންނާނެކަމަށެވެ.

ވޮލީ ބޯޅައަށް ލޯބިކުރާ އެންމެހައި ދިވެހިންނަށް އެ ހަރަކާތަށް ދައުވަތު އަރުވާކަމަށް ވެސް ވީއޭއެމްއިން ބުންޏެވެ.

ސެންޓްރަލް ޒޯން ބީޗް ވޮލީ މުބާރާތުން ރާއްޖެއަށް ލިބުނު ރަން މެޑްލަކީ ސަރަހައްދީ މުބާރާތަކުން ރާއްޖެ އަށް ވޮލީބޯޅައިގައި ލިބުނު ފުރަތަމަ ރަން މެޑަލެވެ.

އެ މުބާރާތް ރާއްޖޭން ކާމިޔާބުކުރީ ފައިނަލުގައި ނޭޕާލްގެ އެއް ވަނަ ޕެއާ، މަން ބަހާދުރު ޝްރެސްތާ އާއި ދިލް ބަހާދުރު ސުނާރުއާ ބަލިކުރުމަށްފަހުގައެވެ. އެޑަމްއާއި ކުޑަކާއްޓެގެ ޕެއާއިން އެ މެޗުގެ ސެޓުތައް ގެންދިޔައީ، 21-13، 21-19 އިންނެވެ.

ސެންޓްރަލް ޒޯން ބީޗް މުބާރާތުގެ ފައިނަލަށް ރާއްޖޭގެ ކުޑަ ކާއްޓޭއާއި އެޑަމްގެ ޕެއާއިން ދަތުރުކުރީ ސެމީ ފައިބަލުގައި މުބާރާތް ބާއްވާ ގައުމު ބަންގްލަދޭޝްގެ ޕެއާއެއް ބަލިކުރުމަށްފަހުގައެވެ.

މީގެ އިތުރުން އެ މުބާރާތުގެ ސެމީ ފައިނަލުން ކުޑަ ކާއްޓޭއާއި އެޑަމްގެ ޕެއާއިން ޖާގަ ހޯދީ އެ މުބާރާތުގައި ރާއްޖޭން ފުރަތަމަ ކުޅުނު ދެ މެޗު ކާމިޔާބުކޮށްގެންނެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ކުޑަކާއްޓޭއާއި އެޑަމް ވާދަކުރީ ކިރްގިސްތާންގެ މެޑެޓްބެކް އޫލޫއާއި ޒީންބެކް އޫލޫއާ ދެކޮޅަށެވެ. މި މެޗު ރާއްޖޭގެ ކުޅުންތެރިން ކާމިޔާބު ކުރީ ވެސް ސީދާ ދެ ސެޓުންނެވެ.

ދެވަނަ މެޗުގައި ކުޑަކާއްޓޭއާއި އެޑަމް ކުޅެން ޖެހުނީ ބޫޓާންގެ ޑޯޖީ އާއި ޖިގްމޭގެ ޕެއާއާ ދެކޮޅަށެވެ. މި މެޗު ވެސް ފަސޭހަކަމާއެކު ރާއްޖޭގެ ޕެއާ ކާމިޔާބުކުރިއިރު، މި މެޗުގެ ސެޓުތައް ގެންދިޔައީ 21-09، 21-09 އިންނެވެ.

ސެންޓްރަލް ޒޯން ބީޗް މުބާރާތުގައި ރާއްޖޭގެ ޝަމާއިލް ހުސެއިންއާއި އަހުމަދު މުހައްމަދު (ކޯކޭ)ގެ ޕެއާ ވެސް ވަނީ ބައިވެރިވެފައެވެ. މި ޕެއާއިން ކުޅުނު ފުރަތަމަ މެޗުން ބަންގްލަދޭޝްގެ ނޫރު ނަބީއާއި ޝައިފުއްދީންގެ ޕެއާ އަތުން މޮޅުވިއިރު، ދެވަނަ މެޗުގައި ނޭޕާލްގެ ސުނަރުއާއި މަން ބަހާދުރު ޝްރެސްތާގެ ޕެއާއާ ކުޅެގެން ވަނީ ބަލިވެފައެވެ.

comment ކޮމެންޓް