ޝަމާއިލް މައާފަށް އެދުމާއެކު ކުޅުމުގެ ހުއްދަ ދީފި

ގައުމީ ވޮލީބޯޅަ ޓީމުން ސަސްޕެންޑުކުރި ޝަމާޢީލް ޙުސައިން މައާފަށް އެދުމުން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އެ ނިންމުން ބަދަލުކޮށް ލުއިތަކެއް ދީފިއެވެ.

ވީއޭއެމުން ޝަމާއިލް ސަސްޕެންޑުކުރީ ގައުމީ ވޮލީބޯޅަ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ހުރެ، ލާމަސީލު ލާމު އަތޮޅު މުބާރާތުގައި ހުއްދަ ނުހޯދާ ކުޅުމުގެ ސަބަބުންނެވެ.

ގައުމީ ޓީމުގެ ސްކޮޑުން ޝަމާއިލް ސަސްޕެންޑޫކުރުމުގެ އިތުރުން، ވީއޭއެމް އިން ރާވާ ހިންގާ މުބާރާތްތަކާއި ވީއޭއެމްގެ ރެފްރީން ފޮނުވައިގެން ރެފްރީކަން ކުރާ މުބާރާތްތަކުގައި ކުޅުންތެރިއެއްގެ ގޮތުގައި ނުވަތަ ޓީމު އޮފިޝަލެއްގެ ގޮތުގައި، ހަރަކާތްތެރިނުވެވޭ ގޮތަށްވެސް ވަނީ ނިންމާފައެވެ.

އެ ނިންމުން ބަދަލުކޮށް ވީއޭއެމުން ނެރެފައިވާ ބަޔާނުގައި ބުނީ މުބާރާތް ފަސްކުރުމުގެ ސަބަބުން މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަށް ލިބޭނެ ގެއްލުމަށް ނަޒަރުކޮށް، ލާމަސީލުލާމު މުބާރާތް ނިމޭތާ، ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އެސޯސިއޭޝަނަށް ރިޕޯޓުކުރުމަށެވެ.

މީގެއިތުރުން އެސޯސިއޭޝަނުގެ ލީގަލް ކޮމިޝަނުން ބަލަމުންދާ މައްސަލައަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށް، ހައްދުންމަތީ މާވަށު ކައުންސިލުން ޝަމާއިލް ކުޅުމަށް ރިލީސްއަށް އެދިފައިވާތީ، ލާމަސީލުލާމު މުބާރާތުގައި ކުޅުމުގެ ހުއްދަ ދިނުމަށްވެސް އެސޯސިއޭޝަނުން ވަނީ ނިންމާފައެވެ.

އެސޯސިއޭޝަނަށް އެޑްރެސްކޮށް ޝަމާއިލް ފޮނުވި ސިޓީގައިވަނީ ޤައުމީ ވޮލީބޯޅަ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައިހުރެ، އެކިއެކި މުބާރާތްތައް ކުޅުމަށް ބޭނުންވާނަމަ ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަނުކުރެވި، ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތްކުޅުމަށް ދެވިފައިވާތީ އެކަމަށް މަޢާފަށްއެދޭ ކަމަށެވެ.

މީގެއިތުރުން އެސޯސިއޭޝަނުގެ އެންމެހާ ގަވާޢިދުތަކާއި އުސޫލްތަކަށް ޙުރުމަތްތެރިކޮށް ހިތަމުން ގެންދާނެކަމުގެ ޔަގީންކަންދޭނެ ކަމަށްވެސް ޝަމާއިލް ވަނީ ބަޔާންކޮށްފައެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އަންނަނީ ކުޅުންތެރިންގެ އަހުލާގީ މައްސަލަތައް ވަރަށް ސީރިއަސްގޮތެއްގައި ބަލަމުންނެވެ. އެގޮތުން މީގެކުރިންވެސް ވަނީ ސީނިއާ ޓީމުގެ ކުޅުންތެރިން މިގޮތަށް ސަސްޕެންޑުކޮށްފައެވެ.

އަދި މިހާރު ކުރިއަށްދާ ލާމަސީލު ލާމު މުބާރާތުގައި ވާދަކުރާ ކުޅުންތެރިންގެ ތެރޭގައި ގައުމީ ޓީމުގެ އިތުރު ދެ ކުޅުންތެރިން ހިމެނެއެވެ. މި ދެ ކުޅުންތެރިންވެސް އެ މުބާރާތުގައި ކުޅެނީ އެސޯސިއޭޝަނުން ރިލީޒް ހޯދައިގެންނެވެ.

comment ކޮމެންޓް