އަސޭރިއާ: ހުޅުމާލެ ފޭސް ދޭއްގެ އުތުރުން މަލަމަތި ބަދަލުކޮށްލާނެ ލަގްޒަރީ ހޯމް ޓައުން

އަސޭރިއާ ހައުސިންގެ މޮޑެލްއެއް -- ސަން ފޮޓޯ

ބެޗް ކޮންސްޓްރަކްޝަންއާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގުޅިގެން ހުޅުމާލޭ ފޭސް ދޭއްގެ އުތުރުގައި އަސޭރިއާ ހޯމްސް އެންޑް ޓައުން ހައުސްގެ ނަމުގައި ތަފާތު އާ ކޮންސެޕްޓަކަށް ލަގްޒަރީ ހައުސިންގެ ޕްރޮޖެކްޓެއް ފަށައިފިއެވެ.

މި ޕްރޮޖެކްޓު އިފުތިތާހުކުރީ ރޭ އެކަމަށް ޓަކައި ދަރުބާރުގޭގައި އޮތް ޚާއްސަ ހަފުލާއެއްގައި، ބެޗް ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް ޝަރަފުވެރިކޮށްދެއްވި އެ ހަފުލާގައި ރިއަލް އެސްޓޭޓް ދާއިރާގެ އިސް ވެރިން ބައިވެރިވެފައިވެއެވެ.

އަސޭރިއާ ހައުސިންގެ ކުރެހުމެއް -- ސަން ފޮޓޯ

ތިން ބާވަތެއްގެ ހައުސިން

އަސޭރިއާ ޕްރޮޖެކްޓުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ އުތުރު ބީޗު ސައިޑުގައި ތިން ވައްތަރެއްގެ ޑިޒައިނަށް 73 ޔުނިޓެއް އަޅާނެއެވެ.

އެއީ ބީޗް ޑްވެލިންގެ 37 ޔުނިޓާއި، ގާޑަން ޑްވެލިންގެ 14 ޔުނިޓެއްގެ އިތުރުން އާބަން ޑްވެލިންގެ 22 ޔުނިޓެވެ. ޖުމްލަ 19،746.88 ސްކޮއާ މީޓަރުގެ ސަރަހައްދެކެވެ.

މި ތިން ބާވަތުގެ ހައުސިން އަކީ ވެސް ދިވެހީންގެ ދިރިއުޅުމުގެ އާދަތަކާ ވީހާ ވެސް ގުޅޭނެ ފަދަ ގޮތަކަށް ގުދުރަތީ ރީތިކަން ދައްކުވައިދޭ ކޮންސެޕްޓަކަށް ޑިޒައިން ކޮށްފައިވާ ހައުސިން ޔުނިޓުތަކެކެވެ. މި ޕްރޮޖެކްޓުގެ ދަށުން އަޅައި ގެތައް ޑިޒައިންކުރުމުގައި ރާއްޖޭގެ މޫސުމާއި، ވެއްޓަށް ވެސް ބަލައިފައިވެއެވެ.

އަސޭރިއާ ޕްރޮޖެކްޓުގެ ދަށުން އަޅައި ގެތަކުގައި ގަސް ހެއްދުމަށް ޚާއްސަ އެލެވޭޓެޑް ގާޑެންތަކެއް ވެސް ހުންނާނެއެވެ.

ބީޗް ޑްވެލިން

ބީޗް ޑްވެލިންސްއަކީ ގްރައުންޑް ފްލޯ ހިމެނޭހެން ހަތަރު ފްލޯގެ މައްޗަށް އެކުލެވޭ ގެތަކެވެ. މިއީ ބީޗާ ދިމާއަށް ހުންނަ، ގޭގެ ބެކްޔާޑުން ސީދާ ބީޗަށް ނިކުމެވޭ ގޮތަށް ފަރުމާކޮށްފައި ހުންނަ ގެތަކެކެވެ.

މިއިން ކޮންމެ ގެއެއްގައި 2600 އަކަ ފޫޓު ހުންނާނެއެވެ.

މި ތަންތަނުގައި ހަތަރު ކޮޓަރިއާއި ހަަތަރު ފާާޚާނާގެ އިތުރުން މެއިޑްރޫމެއް ވެސް ހުންނާނެއެވެ. އަދި ލިފްޓެއް ވެސް ހުންނާނެއެވެ.

ގްރައުންޑް ފްލޯގައި ގަރާޖަކާއި، ކޯޓްޔާޑަކާއި ސްވިމިން ޕޫލެއް ވެސް ހުންނާނެއެވެ.

މީގެ އިތުރުން ވެސް ހިތްގައިމު ޑިޒައިނަކަށް މުޅި އިމާރާތް ވަނީ ފަރުމާކޮށްފައެވެ.

ގާޑެން ޑްވެލިން

ޖުމްލަ 14 ގެ އެކުލެވޭ ގާޑެން ޑްވެލިންއަކީ ގްރައުންޑް ފްލޯ ހިމެނެހޭން ފަސް ފްލޯގެ މައްޗަށް އެކުލެވޭ ގެތަކެކެވެ. މިއީ ބީޗް ޑްވެލިންސްއަށް ފަހު އެތެރެއަށް ހުންނަ ގެ ތަކެވެ.

މި ތަންތަނުގައި ބޮޑު މިނުގައި ކޮންމެ ގެއެއްގައި 7،362 އަކަ ފޫޓު ހުންނާނެއެވެ. މި ގެތަކުގައި ޕާކިންއަށް ޚާއްސަ ޖާގައެއްގެ އިތުރުން ސްވިމިން ޕޫލަކާއި ކޯޓުޔާޑަކާއި، ބެކްޔާޑުގައި އެލެވޭޓެޑް ގާޑެން އެއް ހުންނާނެއެވެ.

ގާޑެން ޑްވެލިންގެ ގެތަކުގައި ފަސް ބެޑްރޫމް ހުންނާނެއެވެ.

އާބަން ޑްވެލިން

އާބަން ޑްވެލިންގެ ގެތަކަކީ ވެސް ގްރައުންޑް ފްލޯ ހިމެނޭހެން ފަސް ފްލޯގެ މައްޗަށް އެކުލެވޭ ގެތަކެކެވެ. މި ގެތަކުގައި 5،564 އަކަ ފޫޓު ހުންނާނެއެވެ. މި ތަންތަނުގައި ވެސް ހަތަރު ބެޑްރޫމު ހުންނާނެއެވެ. އަދި ސްވިމިން ޕޫލަކާއެކު އިތުރު އެހެން ވަސީލަތްތައް ވެސް ހުންނާނެއެވެ.

ބެޗް ކޮންސްޓްރަކްޝިން އިން ބުނީ އެ ކުންފުނީގެ އަމާޒަކީ އަސޭރިއާ ހޯމްސް އެންޑް ޓައުން ހައުސްގެ މި ޕްރޮޖެކްޓު ތިން އަހަރުގެ ތެރޭ ނިންމާލުން ކަމަށެވެ.

ރޭ މި ޕްރޮޖެކްޓު އިފުތިތާހުކުރަން ބޭއްވި ހަފުލާގައި ބެޗު ކޮންސްޓަރްކްޝަންގެ މެނޭޖިން ޑިރެކްޓަރު ސައީދު ވިދާޅުވީ، އެ ޕްރޮޖެކްޓަކީ އިތުރު އިންގިލާބެއް ގެނެސް، ގެދޮވެރިކަމުގެ ދާއިރާގައި ރާއްޖެ އިތުރު އުސް ހަރުފަތަކަށް ވާސިލްކޮށްދޭނެ ޕްރޮޖެކްޓެއް ކަމަށެވެ.

އެ ހައުސިން ކޮންސެޕްޓަކީ ހިތްފަސޭހަ ރައްކާތެރި މާހައުލެއްގައި އަވައްޓެރިންނާއެކު ރަނގަޅު ގުޅުމެއް ގާއިމްކޮށް އުޅުމުގެ މަގު ފަހިކޮށްދޭނެ ކޮންސެޕްޓެއް ކަމަށާއި މިއީ އެފަދަ ފުރަތަމަ ކޮންސެޕްޓުކަމަށް ވެސް ސައީދު ވިދާޅުވިއެެވެ.

"ގިނަ ގައުމުތަކުގައި މި ކޮންސެޕްޓުގެ ނެއިބާހުޑްތައް ވަނީ ތަރައްގީކޮށްފައި. އަދި އެ ނެއިބާހުޑްތަކަށް ބަލައިލުމުން އެއީ ކާމިޔާބު ކޮންސެޕްޓެއްކަމަށް އަޅުގަނޑު ގަބޫލުކުރަން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ކޮންސެޕްޓައް ގެދޮރު އެޅުމަކީ ހަމައެކަނި މާލޭ ސަރަހައްދަށް ޚާއްސަ ކުރަންވީ ކަމެއް ނޫން. މުޅި ރާއްޖެއަށް ވެސް މި ކޮންސެޕްޓު ފުޅާކުރެވޭނެ. އެކަށީގެންވާ ޝަރުތުތަކާއެކު ބިމާއި ބޭންކުގެ ފައިނޭންސް ހަމަޖެހޭނަމަ މިއީ ވަރަށް ފުރިހަމަ ކޮންސެޕްޓެއް،" ސައީދު ވިދާޅުވިއެވެ.

ހުޅުމާލޭގެ މާސްޓާ ޕްލޭނާ އެއްގޮތަށް އެކި ފަންތީގެ ބޯހިޔާވަހިކަން ގާއިމްކުރުމަކީ އެޗްޑީސީން މަސައްކަތްކުރަމުން އަންނަ ކަމެކެވެ. އެގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޑިވެލޮޕަރުންނާއެކު އެކި ފަންތީގެ ހައުސިން ހިންގަން އެޗްޑީސީން އިސްކަން ދޭކަމަށް އެ ކޯޕަރޭޝަންގެ އެމްޑީ އާތިފް ވިދާޅުވިއެވެ.

"މީގެ ބޭނުމަކީ މުޅި ހުޅުމާލެއަކީ ރާއްޖޭގެ ބޮޑު އާބާދީއެއް އާބާދުވަމުން އަންނަ ސިޓީއަކަށްވާއިރު އެކި ފަންތީގެ ފަރާތްތަކަށް ބޭނުންވާ ބޯހިޔާވަހިކަމާއި އަސާސީ ޚިދުމަތްތައް ދިނުން،" އާތިފް ވިދާޅުވިއެވެ.

ހަމައެއާއެކު ސޯޝަލް އިންފްރާސްޓްރަކްޗާގެ އެކި މަސައްކަތްތަކަށް ވެސް ޚާއްސަ އިސްކަމެއް އެ ކުންފުނިން ދޭ ކަމަށް ވެސް އާތިފް ވިދާޅުވިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިވަގުތު ވެސް ބައެއް ހައުސިން މަޝްރޫތައް ސަރުކާރުން އަންނަނީ ހިންގަމުންނެވެ. ސަރުކާރުން ހަވާލުކޮށްގެން މަސައްކަތް ކުރާ، އެ ތަންތަން ނިމޭނެކަމަށް ލަފާކޮށްފައިވަނީ 2024އަށެވެ.

comment ކޮމެންޓް