އާމްދަނީ އިތުރުކުރަން ބާ ކައުންސިލުން އިތުރު ފީތަކެއް ނަގަން ހުށަހަޅައިފި

ބާ ކައުންސިލުގެ އޭޖީެއމްގެ ތެރެއިން ގާނޫނީ ވަކީލުންތަކެއް -- ފޮޓޯ/ ބާ ކައުންސިލް

އާމްދަނީ އިތުރުކުރަން ފީތަކެއް ނެގުމާމެދު ބާ ކައުންސިލުން ޚިޔާލަށް ހުޅުވާލައިފިއެވެ.

އެ ކައުންސިލުން ބުނީ އެ ފީތައް ނެގުމަށް ޚިޔާލަށް ހުޅުވާލާފައިވަނީ ދައުލަތުގެ ބަޖެޓުން ބާ ކައުންސިލަށް ލިބޭ ބަޖެޓުން އެކަށީގެންވާ ފެންވަރެއްގައި މަސައްކަތް ނުކުރެވޭތީ ކަމަށެވެ. އެގޮތުން ހުށަހަޅާފައިވާ ކަންކަމުން ފީ ނަގައިފި ނަމަ ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އެ ކައުންސިލުން ވަނީ ލަފާކޮށްފައެވެ.

ގާނޫނު ކިޔަވައިދޭ މަރުކަޒުތަކުގެ އިތުރުން ވަކީލުންގެ އަތުން، އަންނަ އަހަރުން ފެށިގެން ފީތަކެއް ނެގުމަށް ހުށަހަޅާފައިވާއިރު، ގާނޫނު ކިޔަވައިދޭ މަރުކަޒުތަކުގެ ކަރިކިއުލަމް އެޕްރޫވްކުރުމާއި، ގާނޫނު ކިޔަވައިދޭ މަރުކަޒުތަކުގެ ކަރިކިއުލަމް ރީ އެޕްރޫވްކުރަން ފަހަރަކު 50،000 ރުފިޔާ ނެގުމަށް ބާ ކައުންސިލުން ވަނީ ހުށަހަޅާފައެވެ.

ބިދޭސީ ވަކީލުން ދަށު ކޯޓުތަކަށް ދިއުމުގެ ހުއްދައާއި، ބިދޭސީ ވަކީލުން ހައި ކޯޓަށް ދިއުމުގެ ހުއްދައާއި، ބިދޭސީ ވަކީލުން ސުޕްރީމް ކޯޓަށް ދިއުމުގެ ހުއްދައަށް ކޮންމެ މައްސަލައަކަށް 20،000 ރުފިޔާ ނެގުމަށް ވެސް އެ ކައުންސިލުން ހުށަހަޅާފައިވެއެވެ.

އޭގެ އިތުރުން ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ ހޯދާނަމަ 6،000 ރުފިޔާގެ ފީއެއް ނެގުމާއި، ހައި ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދައަށް 4،000 ރުފިޔާއާއި، ލޯފާމް ރަޖިސްޓްރީ ކުރުމާއި އަހަރީ ފީއަށް އަހަރަކު 3،000 ރުފިޔާ ނެގުމަށް ހުށަހަޅާފައިވެއެވެ.

ޕަބްލިކް ނޯޓަރީގެ ޚިދުމަތުގެ ލައިސަންސް ހޯދަން އަދި އާކުރަން އަހަރަކު 2،500 ރުފިޔާ ނެގުމާއެކު ވަކީލުންގެ ކާޑު ހެއްދުމާއި އާކުރުމާއި، ލައިސަންސް ގެއްލިގެން އާކުރަން ފަހަރަކު 500 ރުފިޔާ ނެގުމަށް ވެސް އެ ކައުންސިލުން ހުށަހަޅާފައިވެއެވެ.

ބާ ކައުންސިލުން ވަނީ ހުށަހަޅާފައިވާ އެ އަގުތަކާ މެދު އަންނަ އާދިއްތަ ދުވަހުގެ ރަސްމީ ގަޑި ނިމުމުގެ ކުރިން އެ ކައުންސިލަށް ޚިޔާލުތައް ފޮނުވުމަށް އެދިފައެވެ.

comment ކޮމެންޓް