އާ 30 ވަކީލުންނަށް ހުވާ ލައިދީ، ވަކީލުކަމުގެ ހުއްދަ ދީފި

ބާ އެޑްމިޝަން ރަސްމިއްޔާތުގައި އަލަށް ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބޭ ފަރާތްތަކަށް ހުވާލައިދިެއްވީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ޝާނީޒް ޢަބްދުﷲ -- ފޮޓޯ/ ދިވެހިރާއްޖޭގެ ބާ ކައުންސިލް

އަލަށް 30 ވަކީލަކަށް ގާނޫނީ ވަކީލުކަމުގެ ހުވައިކޮށް، ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ ހޯދައިފިއެވެ.

އިއްޔެ ބޭއްވި މި ހަފްލާއަކީ މިކަމަށްޓަކައި ރާއްޖޭގެ ބާ ކައުންސިލުން މި އަހަރު އިންތިޒާމުކުރި ފުރަތަމަ ރަސްމިއްޔާތެވެ. ބާ އެޑްމިޝަން ރަސްމިއްޔާތުގައި އަލަށް ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބޭ ވަކީލުންނަށް ހުވާލައިދެއްވީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ޝާނީޒް ޢަބްދުﷲއެެވެ. އަދި، މި ވަކީލުންގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ ހަވާލުކޮށްދެއްވީ ބާ ކައުންސިލްގެ ނައިބު ރައީސް އަލްއުސްތާޛު މިޒްނާ އަޙުމަދެވެ.

މި ރަސްމިއްޔާތުގެ ބައިވެރިންނާ މުހާތަބު ކުރައްވައި މިޒްނާ ދެއްކެވި ވާހަކަފުޅުގައި ވަކީލުންނަކީ ރަނގަޅު ސުލޫކާއި އަހުލާގެއްގެ ވެރި ބަޔަކަށް ވާންވާނެ ކަމުގައި ވިދާޅުވިއެވެ. އަދި، ގާނޫނީ ވަކީލުންނަކީ އަދުލުވެރި، އިންސާފުވެރި އަދި ގާނޫނީ ވެރިކަން ނެގެހެއްޓުމުގައި ޒިންމާދާރު ބައެއް ކަމާއި، މި ދާއިރާއަށް އަލަށް ނުކުންނަ ވަކީލުންނަށް ނަމޫނާއެއްގެ ގޮތުގައި ވާންޖެހޭ ބައެއްކަން ވެސް ފާހަގަ ކުރެެއްވިއެވެ.

މިޒްނާގެ ދެއްކެވި ވާހަކަފުޅުގައި ވަކީލުންގެ ފެންވަރު ރަނގަޅުކޮށް، ހުނަރުތައް ތަރައްގީ ކުރުމާ އެކު، ގާނޫނީ ފަންނު އިތުރަށް ކުރިއެރުވުމަށް މަސައްކަތް ކުރުމަށް ނަސޭހަތްތެރިވެވަޑައިގަތެވެ.

ގާނޫނީ ފަންނުގެ ގާނޫނު އައި ފަހުން ބާ ކައުންސިލުން ވަނީ ކޮލިފައިން ލޯ ޑިގްރީގެ އަސާސީ ޝަރުތުތައް އެކުލަވާލައި، 2022 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އެއްފަހަރު އިންތިޒާމުކުރާ ބާ އިމްތިހާން ބާއްވާފައެވެ. އަދި، މި އަހަރު އަމަލުކުރަން ފަށާ ލައިސެންސިން ޓްރެއިނިންގެ އަލްޓަނޭޓިވް ރޫޓުތައް ތައާރަފުކޮށްފައެވެ.

މިޒްނާ ދެއްކެވި ވާހަކަފުޅުގައި ވަނީ ގާނޫނީ ފަންނުގެ ދާއިރާ ކުރިއަރުވައި، ލައިސެންސިންގެ ނިޒާމަކީ ފެންވަރު ރަނގަޅު، އަދި ބައިނަލްއަގުވާމީ ދުނިޔެ ބަލައިގަންނަ ނިޒާމަކަށް ހެދުމަށް ބާ ކައުންސިލްގެ ރައީސް އަލްމަރްޙޫމް އަލްއުސްތާޛު އިސްލާޢީލް ވިޝާމް ގިނަ މަސައްކަތްތަކެއް ކުރައްވައި ކާމިޔާބީތަކެއް ހާސިލް ކުރެއްވިކަން ފާހަގަ ކުރައްވައިފައެވެ.

މި ރަސްމިއްޔާތުގައި ބާ ކައުންސިލުގެ އެގްޒެކްޓިވް ކޮމިޓީގެ މެންބަރުންގެ އިތުރުން ލައިސެންސިން ކޮމިޓީީގެ މެންބަރުންނާއި، ގާނޫނީ ވަކީލުކަމުގެ ހުވާލައިދެވުނު ވަކީލުންގެ ސުޕަވައިޒަރުން ބައިވެރިވެވަޑައިގަތެވެ.

comment ކޮމެންޓް