ތިކި އެޕަކީ ކޮޕީއެއްކަން ސާބިތެއް ނުވި

"ތިކި" އެޕްލިކޭޝަންގެ ފައުންޑާ އަނަސް ހަބީބު (ވ) އާއި ހަދިޔާ.އެމްވީގެ ފައުންޑާ ޔޫސުފް ޚަލީލް (ކ) --

'ތިކި' އަކީ ފިކުރީ މުދަލުން ވައްކަންކޮށްގެން ހަދާފައިވާ އެޕްލިކޭޝަނެއް ކަމަށް ބުނެ ލ. ފޮނަދޫ މެޖިސްޓްރޭޓަށް ކޯޓަށް ހުށަހެޅި މައްސަލަ ސާބިތުނުވާ ކަމަށް ހުކުމް ކޮށްފިއެވެ.

އެ ދައުވާ ލ. ފޮނަދޫ ކޯޓަށް ހުށަހެޅީ, އެ ރަށު ޔޫސުފް ޚަލީލެވެ. "ހަދިޔާ އެމްވީ" ވެބްސައިޓްގެ ވެރިޔާ ޔޫސުފް ހަލީލް ހުށަހެޅި އެ މައްސަލައިގައި ބުނެފައިވަނީ "ތިކި" އެޕަކީ އޭގެ ވެރިޔާ އަހުމަދު އަނަސް ހަބީބުގެ އަމިއްލަ ޚިޔާލެއް ނޫންކަމަށާއި އެއީ ފިކުރީ މުދަލަކުން ވައްކަން ކޮށްގެން ފަރުމާކޮށްފައިވާ އެޕެއް ކަމަށެވެ.

"ހަދިޔާ އެމްވީ" ވެބްސައިޓަކީ ލޭހަދިޔާކުރަން ބޭނުންވާ މީހުންނަށް ޚާއްސަކޮށްގެން ޔޫސުފް ހަލީލް އުފެއްދި ވެބްސައިޓެކެވެ. އަދި އެ ވެބްސައިޓުގެ މޮބައިލް އެޕްލިކޭޝަނެއް ހެދުމަށް އަނަސްއާ ހަވާލުކުރުމުން އޭގައި ހުރި މައުލޫމާތުތައް ކޮޕީކޮށްގެން "ތިކި"ގެ ނަމުގައި އެޕެއް ތައްޔާރުކުރީ ކަމަށް އޭނާ ވަނީ ތުހުމަތުކޮށްފައެވެ.

ދައުވާގައި އިތުރަށް ބުނެފައިވަނީ "ހަދިޔާ އެމްވީ" ވެބްސައިޓް ހަދަން އެދުމުން ޔޫސުފް ހަލީލް ބޭނުންވާގޮތަށް އެ ވެބްސައިޓް ފަރުމާކުރަން ނޭނގޭ ކަމަށް އަނަސް ބުނި ކަމަށެވެ. އެހެންވެ، އެ ވެބްސައިޓް ފަރުމާކުރީ އެހެން މީހަކު ލައްވައި ކަމަށް އޭނާ ބުންޏެވެ.

ވެބްސައިޓް ފަރުމާކޮށް ނިމިފައި ވަނިކޮށް، އެ ވެބްސައިޓްގެ އެޕްލިކޭޝަނެއް ހަދައިދެވިދާނެ ކަމަށް އަނަސް ބުނުމުން އޭނައާ އެ މަސައްކަތް ހަވާލުކުރި ކަމަށް ޚަލީލް ބުނެފައިވެއެވެ. އެއަށްފަހު ދެން ފެނުނީ 'ތިކި' ގެ ނަމުގައި އަނަސްގެ އަމިއްލަ އެޕްލިކޭޝަން ލޯންޗްކުރިތަންކަމަށް ޔޫސުފް ހަލީލް ވަނީ ބުނެފައެވެ.

އެހެންވެ، 'ތިކި' ހުއްޓުވައިދިނުމުގެ އިތުރުން ގެއްލުމުގެ ބަދަލާ އެކު ޖުމްލަ ތިން ލައްކަ ފަންސާސް ހާސް ރުފިޔާ ނަގައި ދިނުމަށް ޔޫސުފް ހަލީލް ވަނީ އެދިފައެވެ.

ނަމަވެސް އެ ދައުވާއަށް އިންކާރުކޮށް އަނަސް ބުނެފައިވަނީ, 'ތިކި' އެޕްލިކޭޝަނަކީ އެއްވެސް ފަރާތެއްގެ މުދަލެއް ބޭނުންކޮށްގެން ނުވަތަ އެއްވެސް ފަރާތެއްގެ ޒާތީ މައުލޫމާތެއް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ އެއްޗެއް ނޫން ކަމަށެވެ.

ހުށަހަޅާފައިވާ ހެއްކަށް ބަލައި ފޮނަދޫ ކޯޓުގެ މެޖިސްޓްރޭޓް އަލީ ޝަރީފް ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ, ޔޫސުފް ޚަލީލަށް ލިބިދޭ ކޮޕީރައިޓްގެ ހައްގަށް އަހްމަދު އަނަސް އަރައިގަނެފައިވާކަމަށް ކަނޑައަޅައިދެވެން ނެތް ކަމަށެވެ.

އެހެންކަމުން ތިކި މޯބައިލް އެޕްލިކޭޝަން ބޭނުންކުރުން ހުއްޓުވައިދިނުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ވަނީ ނިންމައިފައެވެ.

comment ކޮމެންޓް