ރަށެއްގެ އިހުތިސާސްގައި ހިމެނޭ ފަޅު ރަށްރަށް ވަރުވާއަށް ލިޔާނީ އެ ރަށެއް ނިސްބަތްވާ ކައުންސިލުން

ރާއްޖޭގެ ރަށްތަކެއް--- ފޮޓޯ/ ވިޒިޓް މޯލްޑިވްސް

ދިވެހިރާއްޖޭގެ ފަޅު ރަށްރަށާ ބެހޭ ގާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ފަޅު ރަށްރަށާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ، މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 43 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

ދިވެހިރާއްޖޭގެ ފަޅު ރަށްރަށާ ބެހޭ ގާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ބޭނުމަކީ، އެ ގާނޫނުގައި އެކުލެވޭ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި އެ ގާނޫނުގެ މަގްސަދުތަކާ ތައާރަޒުވާ ކަންކަން އިސްލާހު ކުރުމަށްޓަކައި، ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުން ކަމަށް ގާނޫނުގައި ބަޔާން ކޮށްފައިވެއެވެ.

އެ ގާނޫނަށް ގެނައި ބައެއް އިސްލާހުތަކުގެ ތެރޭގައި އިދާރީ ދާއިރާއެއްގައި ހިމެނޭ ފަޅުރަށްރަށުގެ ތެރެއިން، ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސްގައި ހިމެނޭ ފަޅު ރަށްރަށް، އެކި ފަރާތްފަރާތަށް ވަރުވާއަށް ލިޔެދީ، އެފަރާތް ފަރާތުން ވަކިކުރާނީ، އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލުން ކަމަށް ބަޔާން ކޮށްފައިވެއެވެ. އަދި އެއްވެސް ފަރާތަކަށް ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށެއް، އެ ރަށެއް ލިޔުއްވައިގެން އުޅޭ ފަރާތުން އެހެން ފަރާތަކަށް ލިޔެދިނުމާއި، ކުއްޔަށް ދިނުމާއި، އެ ރަށް ބެލެހެއްޓުމުގެ ޒިންމާ އެހެން ފަރާތަކާ ހަވާލުކުރުމަކީ މަނާކަމެއް ކަމުގައި ވެސް ކަނޑައަޅާފައިވެއެވެ.

ނަމަވެސް، ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށެއް ލިޔެގެން އުޅޭ ފަރާތުން، އެ ރަށް ބެލެހެއްޓުމުގެ ބޭނުމުގައި އެފަރާތުގެ މުވައްޒަފުންގެ ގޮތުގައި މީހުން އެ ރަށެއްގައި ބައިތިއްބައިގެން އެ ރަށް ބެލެހެއްޓުމަކަށް އެ ގާނޫނު ހުރަހެއް ނާޅައެވެ.

އެ އިސްލާހުގެ ދަށުން އިދާރީ ދާއިރާއެއްގައި ހިމެނޭ، ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސްގައި ނުހިމެނޭ ފަޅުރަށްރަށުގެ ތެރެއިން، ވަރުވާއަށް ލިޔެދޭ ރަށްރަށާއި، އިންޑަސްޓްރިއަލް ރަށުގެ ގޮތުގައި ތަރައްގީ ކުރާ ރަށްރަށާއި، އެނޫން ބޭނުންތަކަށް ކުއްޔަށްދޭ ރަށްރަށާއި، އެ ނޫންވެސް އެކި ބޭނުންތަކަށް އެކަށައަޅާ ފަޅުރަށްރަށް ކަނޑައަޅާނީ، ރައީސުލްޖުމްހޫރިއްޔާއެވެ. މީގެ އިތުރުން ވަރުވާއަށް ލިޔެދީފައިވާ ފަޅުރަށް ވަކިކުރެވޭ ގޮތާއި ގާނޫނާ ޚިލާފު ވެއްޖެނަމަ ލިބޭނެ އަދަބު އިސްލާހުގައި ތަފްސީލުކޮށް ބަޔާންކޮށްދީފައިވެއެވެ.

ގާނޫނަށް ގެނައި އިސްލާހުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އިސްލާހު ކުރަންޖެހޭ ގަވާއިދުތައް، ގާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި ހަދައި، ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރަންވާނެކަމަށް ކަނޑައަޅާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ، އެ ބިލު ތަސްދީގު ކުރެއްވުމުން، ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ގާނޫނު މިއަދު ވަނީ ގެޒެޓްގައި ޝާއިއު ކޮށްފައެވެ. އެއާއެކު މިއަދު އެ ގާނޫނަށް އަމަލުކުރަން ވަނީ ފަށާފައެވެ.

comment ކޮމެންޓް