ޝިއާއުގެ މަރު: ދައުވާ ކުރުމާމެދު މި މަހު ގޮތެއް ނިންމަނީ

ހ.ޝީރީންވިލާގައި ހިނގި މަރުގެ ހާދިސާއާ ގުޅިގެން ހައްޔަރުކުރި އަލީ ޝާހިލް، 22 ---

ހ. ޝީރީންވިލާގައި އޯގަސްޓް މަހުގެ ހަވަނަ ދުވަހުގެރޭ ޏ. ފުވައްމުލައް، ކުރި، ޝިއާއު މުޙައްމަދު ސަޢީދު އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު މައްސަލާގައި ދައުވާކުރުމާ މެދު މި މަސް ނިމުމުގެ ކުރިން ގޮތެއް ނިންމާނެ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީީ) އޮފީހުން މިއަދު ބުނެފިއެވެ.

ޝިއާއު މަރާލައި ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދީފައި އޮއްވައި ފެނުނު މައްސަލައިގައި ކުށުގެ ވެށިން ހައްޔަރުކުރީ، ސްކޭޓަރު، ފ. ނިލަންދޫ ފިނިފެންމާގޭ އަލީ ޝާހިލް، 23އެވެ.

ޝަރީއަތް ނިމެންދެން ޝާހިލް ބަންދުކޮށްފައިވާއިރު އިތުރު މީހަކަށް ތުހުމަތެއް ނުކުރެއެވެ. އެ ހާދިސާ ހިނގިތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު އަދި ޝާހިލްގެ މައްޗަށް ދައުވާއެއް ނުކުރެއެވެ.

އެ މައްސަލައާ ގުޅިގެން ޕީޖީ އޮފީހުގެ ތަރުޖަމާން، އަދި ޕަބްލިކް ޕްރޮސެކިއުޓާ އަޙްމަދު ޝަފީއު މިއަދު "ސަން"އަށް ވިދާޅުވީ މި މަސް ނިމުމުގެ ކުރިން ދައުވާ ކުރުމާމެދު ގޮތެއް ނިންމާނެ ކަމަށެވެ.

ޝިއާއުގެ މަރަށް މިހާރު ހަތަރު މަހަަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ޕީޖީ އޮފީހުން ގެންދިޔައީ އެ މައްސަލަ ތަހުގީގު ކުރުމުގެ މުއްދަތު ފުލުހުންނަށް 15 ދުވަހުން 15 ދުވަހުން އިތުރުކުރަމުންނެވެ.

ފުލުހުން އެންމެ ފުރަތަމަ ބުނީ އެ މައްސަލައިގެ ތަހުގީގު ނުނިމި ލަސް ވަނީ ޝާހިލް، ޝިއާއު މަރާލި ކަމަށް ބެލެވޭ ސަބަބު ނުހޯދިގެން ކަމަށެވެ.

ނަމަވެސް ފުލުހުން އޭގެ ފަހުން ބުނެފައިވަނީ ޝާހިލްގެ ފަރާތުން ތަހުގީގަށް މާބޮޑު އެއްބާރުލުމެއް ނުލިބުނު ނަމަވެސް އޭނާގެ ފޯނު މިހާރު ހުޅުވިފައިވާ ކަމަށެވެ. އަދި ފޯނުން ލިބޭ މައުލޫމާތުގެ އަލީގައި ޝިއާއު މަރާލި ސަބަބު ދެނެގަނެވޭ ވަރަށް ހެކި ލިބޭނެ ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހަމައެއާއެކު އެ މައްސަލައިގައި މިހާރު ވެސް ފުލުހުންނަށް ގަބޫލުކުރެވޭ މޯޓިވްތަކެއް ހުރި ނަމަވެސް އެއީ ހަމައެކަނި ގަބޫލުކުރުމެއްގެ މައްޗަށް ތަހުގީގަށް ފޮނުވޭނެ ކަންތައްތަކެއް ނޫން ކަމަށް ފުލުހުން ބުންޏެވެ. އަދި ޝިއާއު މަރާލިކަމުގެ ކުށް ޝާހިލްގެ މައްޗަށް ސާބިތުވާ ވަރަށް ހެކި ލިބިފައިވާ ކަމަށް ވެސް ފުލުހުން ފަހުން ވަނީ ހާމަކޮށްފައެވެ.

އެންމެ ފަހުން ފުލުހުން ބުނިގޮތުގައި ޝިއާއު މަރާލުމަށް ފަހުގައި ވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުން ހާމަވެއެވެ. އަދި ޝިއާއު މަރަށް ހުށަހެޅިގެން ދިޔައީ، އެ އަނިޔާތަކުގެ ސަބަބުންކަން ރިޕޯޓުން އެނގޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް