ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި ސަޕްލައި ދޯންޏެއް ދިޔަވެ އަޑިއަށްދާތީ މީހުން ސަލާމަތް ކުރަން އުޅުނު ތިން މީހުން ގެއްލުމުން، އެންމެންގެ ހެޔޮ ދުއާއިން ސޯޝަލް މީޑިއާ ފުރާލައިފިއެވެ.
"ފްރެންޑް 4" ނަމަކަށް ކިޔާ މި ދޯނި އަޑިއަށް ދިޔައީ ހިލަ އާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުން ދަނިކޮށް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި މި ހާދިސާ ހިނގިއިރު ދޯނީގައި އަށް މީހަކު ތިއްބެވެ. އޭގެ ތެރެއިން ހަތް މީހަކު މިހާރު ވަނީ ސަލާމަތް ކޮށްފައެވެ.
ނަމަވެސް، ދޯނި އަޑިއަށްދާ ކަމުގެ ރިޕޯޓް ލިބިގެން އެހީތެރިކަން ފޯރުކޮށްދެމުން ދަނިކޮށް ދޯނި އަޑިއަށް ގޮސް، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހެއްގެ އިތުރުން ދޯނީގެ ކައްޕި ވަނީ ގެއްލިފައެވެ.
އެއީ، ނ. މަނަދުއަށް ނިސްބަތްވާ ސާޖަންޓް އަލީ ނާފިއުއާއި ސިފައިންގެ މީހެއް ކަމަށްވާ އިބްރާހިމް އަހުމަދާއި އަޑިއަށް ދިޔަ ދޯނީގެ ކައްޕިއެވެ.
އޭގެތެރެއިން، ނާފިއު އިނދެގެން އުޅެނީ ގއ. ވިލިނގިލީ މީހަކާ ކަމަށްވާއިރު، ދެ ދަރީން ވެސް އޭނާގެ އެބަ ތިއްބެވެ.
މިހާތަނަށް އިބްރާހިމް އަހުމަދާއި ދޯނީގެ ކައްޕީގެ އިތުރު މައުލޫމާތެއް ލިިބިފައެއް ނުވެއެވެ.
އެ މީހުން ގެއްލުމާއެކު، މުޅި ސޯޝަލް މީޑިއާ ފުރާލާފައި ވަނީ ހެޔޮ ދުއާތަކުންނެވެ. އެގޮތުން، އެންމެން އަންނަނީ ތިން މީހުން ވެސް ސަލާމަތުން ފެންނާނެ ކަމަށް ދުއާ ކުރަމުންނެވެ.
އޭގެ ތެރޭގައި ނާފިއުއާއި އިބްރާހީމްގެ އެކުވެރިން ވެސް ހިމެނެއެވެ. އެގޮތުން ނާފިއުގެ އެކުވެރިއަކު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، އޭނާއަކީ މަސައްކަތުގައި ފަރުވާތެރި، އަޚުލާގު ރަނގަޅު އޮފިސަރެއްގެ ގޮތުގައި ސިފަކޮށްފައެވެ. އޭނާ ވަނީ، ނާފިއުއާއި އިބްރާހީމާއި ދޯނީގެ ކައްޕި ވެސް ހެޔޮ ހާލުގައި ފެނުމަށް ދުއާކޮށް، އެހެން މީހުން ވެސް ދުއާކޮށްދިނުމަށް އެދިފައެވެ.
ނާފިއުގެ ސޯޝަލް މީޑިއާއިން ދައްކާ ގޮތުގައި އޭނާ ފުލުހުންގެ މުއައްސަސާއާ ގުޅިފައިވަނީ 2012 ވަނަ އަހަރެވެ. އެހެންކަމުން އޭނާ ޚިދުމަތުގައި އުޅޭތާ މިހާތަނަށް 14 އަހަރުވަނީ ވެފައެވެ.
އެ ތިން މީހުން ހޯދުމުގެ މަސައްކަތުގައި ވައިގެ މަގުން ޔޫއޭވީ (ޑްރޯން) އާއި މޯލްޑިވިއަންގެ ފްލައިޓެއް ވެސް މިހާރު އަންނަނީ ބޭނުންކުރަމުންނެވެ.
ފަހަކަށް އައިސް ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް އިތުރުވަމުންދާތީ، ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި ސަލާމަތީ ވަސީލަތްތައް ހަމަކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.