ފުލުހުންގެ ހާޒިރުގައި ނޮޅިވަރަންފަރު ސަހަރާ ކޮނުނު މައްސަލަ މިނިސްޓްރީއަށް ހުށަހަޅަނީ

ނޮޅިވަރަންފަރު ސަހަރާ ރޭގެ ވަގުތެއްގައި ކޮންނަނީ -- ފޮޓޯ/ ކައުންސިލް

ކައުންސިލްގެ ހުއްދަ ނެތި ފުލުހުންގެ ހާޒިރުގައި ރޭ ހދ. ނޮޅިވަރަންފަރު ސަހަރާ ކޮނުނު މައްސަލަ، އިސްލާމިކް މިނިސްޓްރީއަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެރަށު ކައުންސިލުން މިރޭ ބުނެފިއެވެ.

ފުލުހުން މީޑިއާއަށް ބުނެފައި ވަނީ އެ ސަހަރާ ރޭ ބަލައި ފާސްކުރީ އެ މުވައްސަސާއަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އެކަމަކު އެއީ ކޮން މައްސަލައެއް ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މި މައްސަލައިގައި ނޮޅިވަރަންފަރު ކައުންސިލް ރައީސް އަބްދުﷲ ނަދީމް "ސަން"އަށް ވިދާޅުވީ ސަހަރާ ކޮނުމުގެ ހުއްދައަކަށް އެދި އެ ރަށުގެ އާއިލާއަކުން ކައުންސިލްގައި އަނގަބަހުން އެކި ފަހަރު މަތިން އެދުމުން، އެކަމުގެ ހުއްދައަކަށް އެދި މިނިސްޓްރީއަށް ހުށަހެޅި ކަމަށެވެ.

ނޮޅިވަރަންފަރު ސަހަރާ ކޮނުމަށް ފަހު އެތަނަށް ފަސް އަޅާފަ -- ފޮޓޯ/ ކައުންސިލް

"އެމީހުން ކުރިން ހުއްދައަކަށް އެދުނު. އަޅުގަނޑުމެން ދެންނެވީ ގޮތެއް ނިންމާނީ މިނިސްޓްރީންނޭ. މިނިސްޓްރީން ދެއްވި ޖަވާބަކީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް. އެއަށްފަހު އެތަން ކޮނުނީ ފުލުހުން އެތަނުގައި ތިބެގެން. ފުލުހުންގެ މެދުވެރިވުމާއެކު ނޫންތޯ ކައުންސިލްގެ ހުއްދަ ނެތި އެކަން ކުރެވޭނީ،" ނަދީމް ވިދާޅުވިއެވެ.

"މި މައްސަލަ އިސްލާމިކް މިނިސްޓްރީއަށް ހުށަހެޅުމުގެ މަސައްކަތް ކުރިއަށް އެބަ ދޭ. އެއީ ފުލުހުން ވިޔަސް މިކަހަލަ ކަންކަން ކުރުން މިނިސްޓްރީން އޮތީ މަނާކޮށްފަ."

ސަހަރާއަކީ ކައުންސިލުން ބަލަހައްޓަމުން އަންނަ ތަނެއްކަން ނަދީމް ފާހަގަ ކުރެއްވިއެވެ. އޭނާ ވިދާޅުވީ ސަހަރާގެ ވަށާފާރު ރާނާ، ބަލަހައްޓަމުން ގެންދަނީ ކައުންސިލްގެ މުވައްޒަފުން ލައްވާ ކަމަށާއި އެއީ ދޫކޮށްލާފައި އޮތް ތަނެއް ވެސް ނޫން ކަމަށެވެ.

ނަދީމް ވިދާޅުވީ މިނިސްޓްރީއާއި ކައުންސިލްގެ ހުއްދައެއް ނުހޯދާ ރޭ 11:30ހާއިރު މީހަކު ވައްދައިގެން ސަހަރާ ކޮނުމަކީ ރަށުގެ އާއްމު މަސްލަހަތު ގެއްލިގެންދާ ފަދަ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ އެކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ކައުންސިލަށް ހުށަހަޅަމުން އަންނަ ކަމަށެވެ.

ނޮޅިވަރަންފަރު ސަހަރާގެ ކޮނުނު ތަނަށް ފަސް އަޅާފަ -- ފޮޓޯ/ ކައުންސިލް

މި މައްސަލަ ކުއްވެރިކޮށް ނޮޅިވަރަންފަރު ކައުންސިލުން މިއަދު ވަނީ ބަޔާނެއް ވެސް ނެރެފައެވެ. އެ ބަޔާނުގައި ވަނީ ނޮޅިވަރަންފަރު ސަހަރާ ކޮނުމުގެ ހުއްދައަކަށް އެދި އަނގަބަހުން އެ ކައުންސިލަށް އެކި ފަހަރު މަތިން ހުށަހެޅި ކަމަށެވެ. އެހެނަސް ކައުންސިލާއި މިނިސްޓްރީގެ ހުއްދަ ނެތި އެރަށުގެ ސަހަރާއަށް ބަޔަކު ވަދެ އެތަން ކޮނެ، ހިންގާފައިވާ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރާ ކަމަށެވެ.

"ގާނޫނުތައް ނަގަހައްޓާ ރަށުގެ މަސްލަހަތު ހިމާޔަތް ކުރުމަށް ހަވާލުވެތިބި ފުލުހުންގެ ބައިވެރިވުމާއެކު އެފަދަ ޢަމަލުތައް ހިންގުމަށް އެއްބާރުލުން ދިނުން މި ކައުންސިލުން ކުއްވެރި ކުރަން،" ބަޔާނުގައިވެއެވެ.

ނަދީމް ވިދާޅުވީ ފުލުހުންގެ ހާޒިރުގައި ސަހަރާ ކޮނުނީ ރުޤުޔާ، ނުވަތަ ސިހުރުގެ މައްސަލައަކާ ގުޅިގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

comment ކޮމެންޓް