ފަރުވާދެމުން ދާތާ ހަފުތާއަކަށް ފަހު އަލްތާފުގެ ވަކިވުން: އެންމެނަށްވެސް ގެނުވީ ސިހުން

އޭޑީކޭ ހޮސްޕީޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއްވެސް ސަބަބަކާހުރެ ހިތް ހެޔޮ ގާތް އެކުވެރިއަކު ދުނިޔޭގައި ނެތްވާހަކަ އަޑު އަހާކަށް އެއްވެސް މީހެއްގެ ހިތަކަށް ކެތެއް ނުވާނެއެވެ. ޚާއްސަކޮށް ޅަ އުމުރުގައި ދިރިއުޅުމާ ދޭތެރޭގައި ގިނަ ގުނަ އުއްމީދުތަކެއް ކުރާ މީހަކު ދުނިޔެ ދޫކޮށް ދިއުމަކީ ކޮންމެ މީހެއްގެ ހިތަށް ވެސް ފުން އަސަރުތަކެއް ކުރުވާނެ ކަމެކެވެ.

ހަމަ އެގޮތަށް ނ. ވެލިދުއަށް އުފަން އުމުރުން އެންމެ 22 އަހަރުގެ އަލްތާފް ލަތީފަކީ ވެސް އެފަދަ ޒުވާނެކެވެ. ސާނަވީ އާއި މަތީ ސާނަވީ ނިންމާލުމަށްފަހު އިމިގްރޭޝަންގައި ވަޒީފާ އަދާކުރަމުން އައި ސިއްހަތު ސަލާމަތުން ހުރި ޒުވާނެކެވެ. އަލްތާފަކީ އެނާގެ މައިންބަފައިންގެ ހުރި ހަމައެކަނި ފިރިހެން ދަރިއެވެ.

މީގެ ހަފުތާއެއް ކުރިން ވެސް އަލްތާފުގެ ގާތް އެންމެނަށް ވެސް އޭނާ ފެނުނީ ހެޔޮ ހާލުގައި ހުއްޓައެވެ. މިދިޔަ ނޮވެމްބަރު މަހުގެ 29ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ނިރޮޅު މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓާ ހަމައަށް ވެސް ކަން އޮތީ އެހެންނެވެ.

އެރޭ އެ ނުރައްކާތެރި އެކްސިޑެންޓް ހިނގިއިރު އަލްތާފު އިނީ ސައިކެލްގެ ފަހަތު ސީޓުގައެވެ. ނަމަވެސް އަލްތާފް އިން އެ ސައިކަލު ކޮންޓްރޯލުން ނައްޓައި އެހެން ދުއްވާއެއްޗެއްގައި ޖެހި ވިއްސައިގެން ދިޔައެވެ.

އެ އެކްސިޑެންޓުގައި އޭނާއަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. އެންމެ ބޮޑަށް އަނިޔާވެފައިވަނީ އޭނާގެ ބޮލަށެވެ. އޭނާއަށް އެންމެ ފުރަތަމަ ފަރުވާ ދިނުމަށް ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. އޭގެ ފަހުން މިދިޔަ މަހުގެ 29ވަނަ ދުވަހުގެރޭ އޭނާ އިތުރު ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނެވެ.

އަލްތާފްއަށް ފަރުވާ ދެމުންދާތާ ހަފުތާއެއް ވީއިރުވެސް އޭނާ އޮތީ ވެންޓިލޭޓަރުގައެވެ. ހަފުތާއެއް ވަންދެން ހޭ ނާރާ އޮތުމަށްފަހު އޭނާ މި ދުނިޔެ ދޫކުރި ޚަބަރުން އެންމެންނަށް ފުން ހިތާމައެއް ގެނުވީ ރޭ ދަންވަރު 03:34ގައެވެ.

އަލްތާފުގެ މައްޗަށް ކުރެވުނު ކަށުނަމާދު އޮތީ މިއަދުގެ ހުކުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.

އަލްތާފުގެ ގާތް މީހަކު "ސަން"އަށް ކިޔާދިން ގޮތުގައި އޭނާއަށް ފަރުވާދެމުން ދިޔަ ނަމަވެސް ޑޮކްޓަރުން ފަހުން ވަނީ އުއްމީދު ކަނޑައިލާފައެވެ.

ނަމަވެސް އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް އަލްތާފުގެ ހާލު ރަނގަޅުވުމަށް އެދި އޭނާގެ އާއިލާއާއި ރައްޓެހިންގެ ހެޔޮ ދުޢާވީ އޭނާއާއެކުއެވެ.

"ފުރަތަމަ އެކްސިޑެންޓްވެ ލިބުނު އަނިޔާތަކާ ހިސާބުންވެސް ބިރުގަތް. އެކަމުވެސް ދުޢާ ކުރިން. އުއްމީދު ކުރިން. އަދިވެސް ގަބޫލު ނުކުރެވޭ. އަބަދުވެސް ހަނދާން ވާނެ،" އޭނާގެ އެކުވެރިއަކު ކިޔައިދިނެވެ.

އަލްތާފުގެ ރަހުމަތްތެރިން ދަނީ އޭނާ ވަކިވެ ދިއުމުގެ ހިތާމައިގައި ބައިވެރިވަމުންނެވެ. ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކުން ފެންނަނީ އޭނާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި އޭނާގެ އާއިލާ މެމްބަރުންނާއި ރަހުމަތްތެރިން ކޮށްފައިވާ ޕޯސްޓްތަކެވެ.

ގަބޫލުކުރަން ކިތަންމެ އުނދަގޫ ނަމަވެސް މިއަދު އަލްތާފެއް ނެތެވެ. އެނާ ނެތުމުގެ ފަޅުކަން އެންމެންވެސް އިހުސާސްކުރެއެވެ. އޭނާގެ ރައްޓެހިން ބުނާ ގޮތުގައި އަލްތާފު ހަނދާންތައް އަބަދުވެސް އެމީހުންނާއެކު ވާނެއެވެ. އެ އެންމެވެސް މިއަދު އަލްތާފަށް ކުރަނީ ހެޔޮ ދުއާއެވެ.

comment ކޮމެންޓް